މިދުވަސްވަރު ޚިތާނީ ޙަރަކާތްތައް ބާއްވާއިރު މިކަންކަމަށް ސަމާލުކަންދީ!

12 Dec 2020 | 10:56

އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޚިތާނުކުރުމަކީ ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދާ ޙަރަކާތެކެވެ. ޚިތާނީ ފެސްޓިވަލް ގެ ނަމުގައި ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީ ފާހަގަވެފައި އޮންނަނީ މުނިފޫހިފިލުވުގެ ޙަރަކާތްތަކާއި ބޮޑުބެރު ޝޯވްފަދަ އެތައް ޙަރަކާތްތަކާ އެކުގައެވެ.

ނަމަވެސް މިދުވަސްވަރަކީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ސަބަބުން ރައްކާތެރިކަން ހޯދަންވީ ވަގުތު ކަމުން ގިނަމީހުން އެެއްވެގެން ކުރިއަށް ގެންދާ މިފަދަ ޙަރަކާތްތަކުގައި ބައިވެރިވާއިރު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ.

އެހެންކަމުން ކޮވިޑް-19ގެ މިޙާލަތުގައި ކުދިން ޚިތާނުކުރުމުގެ ޙަރަކާތްތައް ބޭއްވުމުގައި ޢަމަލުކުރާނެ ގޮތްތަކެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން މިވަނީ ޢާންމުކޮށްފައެވެ.

އެގޮތުން ޚިތާނުކުރާ ގިނަކުދިން އެކުގައި އެއްތަނެއްގައި ނުބޭތިއްބުމަށާއި، އަމިއްލަ ގޭގައި ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސައި، 1 ކުދިންނަށްވުރެ ގިނަ ކުދިން ބައިތިއްބާނަމަ އެއްގޭގައި އެއްކޮށް ދިރިއުޅޭ ކުދިން ބޭތިއްބުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ކުދިން ބައިތިއްބާ ތަނުގެ ސާފުތާހިރުކަން ކަށަވަރުކޮށް، މަދުވެގެން 3 ފޫޓުމިނުގެ ގައިދުރުކަން ބެހެއްޓޭނެގޮތް ހަމަޖައްސަން އެދިފައިވެއެވެ.

އަދި ގޭގެއަށް ޒިޔާރަތްކުރުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އާންމު ފިޔަވަޅުތައް އެޅުމަށާއި، އެތަނުގައި ގެންގުޅޭ ތަކެތީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެހެންކަމުން މިފަދަ ތަންތަނަށް ޒިޔާރަތްކުރާއިރު، ތިމާގެ އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

އެޗްޕީއޭއިން ވަނީ ގެއަށް ޒިޔާރަތްކުރާ މީހުން ގިނައިރު މަޑު ނުކުރުމަށް ބާރުއެޅުމަށް އެދި، އެއްފަހަރާ ގިނަ މީހުން އެއް ވަގުތެއްގައި ޒިޔާރަތްނުކުރާނެގޮތަށް އިންތިޒާމްތައް ހެދުމަށްވެސް އެދިފައެވެ. މީގެ އިތުރުން ގިނަ މީހުން އެއްވާ ފަދަ ގޮތަކަށް މުނިފޫހިފިލުވުމުގެ ކަންތައްތައް ކުރިއަށް ނުގެންދަންވެސް ވަނީ އިރުޝާދު ދީފައެވެ.

ޚިތާނީ ފެސްޓިވަލަކީ ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ ފެސްޓިވަލަކަށްވާއިރު، މިފެސްޓިވަލް ކޮންމެ އަހަރަކުވެސް އެހާމެ ކުލަގަދަކޮށް އަންނަނީ ފާހަގަކުރަމުންނެވެ. ނަމަވެސް މިއަހަރު ބާއްވާ ޚިތާނީ ޙަރަކާތްތައް ކޮވިޑް އިން ރައްކާތެރިވުމުގެ ސަބަބުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑް އޮތްތަނެއްގައި ޢަމަލުކުރަން ކަނޑައަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަަށް ޢަމަލުކުރުމަށް އެޗް.ޕީ.އޭ އިން ވަނީ އެދިފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަން އިސްކޮށް، ސާފުތާހިރުކަމާ ރައްކާތެެރިކަމާ އެކު ޚިތާނީ އުފަލުގައި ބައިވެރިވާން ވިސްނުމަކީ މުހިންމު ކަމެކެވެ!

Advertisement

ކޮމެންޓް