ރާއްޖޭގެ ސްކައި ޑައިވިންގ ދާއިރާއަށް މަންޓާގެ ބޮޑު އިންގިލާބެއް!

11 Dec 2020 | 18:41

ދިވެހިރާއްޖޭގައި މަޑުމަޑުން ފުޅާވަމުންދާ ސްކައި ޑައިވިންގ ދާއިރާއަށް މަންޓާ އެއާ އަދި އެހެން ފަރާތްތަކެއް ގުޅިގެން ބޮޑު ބަދަލެއް ގެންނަން ތައްޔާރުވާން ފަށައިފިއެވެ.

އެގޮތުން މަންޓާ އެއާ، ސްކައިޑައިވް މޯލްޑިވްސް އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް، ސްކައިޑައިވް ގަތަރު އަދި ރިއޯލޯ ޓްރެވަލްސް ގުޅިގެން ރާއްޖޭގައި ސްކައިޑައިވްކުރުމުގެ ދާއިރާ ރަސްމީކޮށް ފެށުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މިކަމަށްޓަކައި ވަނީ ސްކައިޑައިވިންގއަށް ޚާއްސަކޮށް ބަދަލުތަކެއް ގެނެސްފައިވާ ސެސްނާ 208 މަތިންދާބޯޓެއް މިއަދުގެ ވަގުތެއްގައި މަންޓާއިން ހިންގާ ދ.ކުޑަހުވަދޫ އެއާޕޯޓަށް ގެނެސްފައެވެ. އެއާއި އެކު ފުރަތަމަ ޑްރޮޕް ޒޯން ވަނީ އެއަތޮޅުގައި ގާއިމް ކުރުމަށް ނިންމާފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ވަނީ ޑްރޮޕް ޒޯންތައް ގާއިމްކުރަން ނިންމާފައެވެ.

މިއާއި އެކު އުފެދިގެންދާ "ޖަމްޕް އިން މޯލްޑިވްސް" ޕްެރޮގްރާމް ވެގެންދާނީ ސްކައިޑައިވިންގ އަދި ތަފާތު އެކްސްޓްރީމް ސްޕޯޓްސްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އޮތް ރަނުގެ ފުރުސަތަކަށެވެ. މި ޕްރޮގްރާމްގެ ދަށުން ޕްރޮޕެޝަނަލް ލައިސަންސް ލިބިފައިވާ ސްކައި ޑައިވަރުންނަށާއި ސްކައި ޑައިވިންގއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށްވެސް ސްކައި ޑައިވްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިންނަށާއި ދިވެހިންނަށްވެސް ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގައެވެ.

Advertisement

ކޮމެންޓް