Advertisement

އެ ދުވަހަށްޓަކައި ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

14 Dec 2020 | 10:26

އެއީ ބިމުގެ ހަފޫޓު އަޑީގައި ތިބާގެ ހަށިގަނޑު ވަޅުލެވި، ފަސްއަޅައި ފޮރުވިގެން ދިއުމަށް ތިބާގެ ޢާއިލާ ތިބާ ދޫކޮށްދާ ދުވަހެވެ. އެދުވަހު ހިރަފުހާއި ވެލިން ތަތްތެޅިފައިވާ ތަންމައްޗަކަށް ތިބާގެ ހަށިގަނޑު ލެވޭނެއެވެ. ފިންޏާއި އަނދިރީން ފުރިގެންވާ ވަޅުގަނޑެއްގައި އެކަނިމާ އެކަނި ތިބާ އޮންނައިރު، އެދުވަހުން އެމީހުން ތިބާގެ މަހާނަކައިރީގައި ހުއްޓި ތިބޭނެތެވެ. ދެއަތް އުފުލައި، ތިބާއަށްޓަކައި ރޮއެރޮއެފައި ހެޔޮ ދުޢާ ކޮށްދޭނެތެވެ. ނަމަވެސް ކުޑަ ހިނދުކޮޅަކަށެވެ. އެއަށްފަހު ތިބާގެ އެކަނިވެރި މަންޒިލަށް ދޫކޮށް، ތިބާއާއި ދުރަށް ހިނގައި ގޮސްދާނެތެވެ. އެ ފިޔަވަޅުތަކުގެ އަޑު ތިބާއަށް އިވޭނެތެވެ. އެހައިރުން ތިބާ ވަށާލާނީ ކަށްވަޅުގެ އެކަނިވެރިކަމެވެ. އަނދިރިކަމާއި ފުން ހަމަހިމޭންކަމެވެ.

ކުއްލިއަކަށް ތިބާއާއި ބައްދަލުކުރާނީ ދެ މަލާއިކަތުންނެވެ. ތިބާގެ ކަށްވަޅުގައި ތިބާއާއި ސުވާލުކުރެއްވުމަށްޓަކައެވެ. ތިބާގެ ރައްބަކީ ކޮބާހެއްޔެވެ؟ ތިބާގެ ރަސޫލަކީ ކޮބާ ހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ އެދުވަހުން އެ ސުވާލުތަކަށް ތިބާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ މި ދުނިޔަވީ ޙަޔާތުގައި ތިބާގެ އަޖަލު ހަމަވެ، ކަށްވަޅުގެ ނާމާންކަމުގައި އެ ބޭކަލުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ތިބާ ތައްޔާރު ހެއްޔެވެ؟

އެ ދުވަހަށްޓަކައި ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

ތާޅަފިލި ފުމެލައްވާ ދުވަހަށެވެ. ތިބާގެ ހަށިގަނޑު އަލުން ދިރުއްވައި، ކަށްވަޅުން ނެރުއްވާ ދުވަހަށެވެ. އިރުގެ ގަދަ ހޫނުގައި، ހިޔަލެއްނެތް ސަރާސަރު ބިމެއްގައި، ހުސް ފަޔާ، ބަރަހަނާ ޙާލުގައި ކޮޅަށް ހުންނަން ޖެހޭނެ ދުވަހަށެވެ. އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން ހަމަ އެކަކުވެސް މިންޖު ނުކުރައްވާނެ ދުވަހެވެ. އޭގެ ސަބަބުން ޅަދަރިންގެ އިސްތަށިތައް ނުރަވެ، މުސްކުޅިންނަށް ވެގެންދާދުވަހެވެ. ކިރުމައިން އެމީހުންގެ ދަރިން ދޫކޮށް، ފިލަން ދުވާ ދުވަހެވެ. މާބަނޑު އަންހެނުން އެމީހުންގެ ބަނޑުގައިވާ ދަރި ވިހާ ދުވަހެވެ. އެންމެންވެސް އެކަކު އަނެކަކު ދޫކޮށް، އެމީހެއްގެ އަމިއްލަ ސަލާމަތްތެރިކަން ހޯދުމަށް ކޮޅުކޮޅު މައްޗަށް ދުވާނެ ދުވަހެވެ. މަސްތުވެ، ހޭބުއްދި ފިލާގޮސްފައިވާ ބައެއް ފަދައިންނެވެ. ނަމަވެސް، އެއީ ރަލުގެ މަސްތެއް ނޫނެވެ.

ﷲ ސުބްޙާނަހޫ ވަތަޢަލާ ކީރިތި ޤުރްއާންގައި ވަޙީ ކުރައްވާފައިވެއެވެ.

فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ الْوِلْدَانَ شِيبًا – އަލް މުއްޒަންމިލް 17 ވަނަ އާޔަތް

ފަހެ، ތިޔަބައިމީހުން كافر ވެއްޖެނަމަ (އެދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދައިލާ ދުވަހުން (އެބަހީ: އެދުވަހުގެ عذاب ން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުން ހެއްޔެވެ؟

يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ – އަލް ޙައްޖު 2 ވަނަ އާޔަތް

ތިޔަބައިމީހުންނަށް އެ زلزلة ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ.

އެދުވަހަށްޓަކައި ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

ޢަދުލުވެރި މީޒާނަކުން ޢަމަލުތައް ކިރޭނެދުވަހެވެ. އެދުވަހުން ތިބާގެ ޢަމަލުތަކުގެ ފަތް، ނިއުޅުވައިލެވޭނެއެވެ. ކޮށްފައިވާ ކުދިބޮޑު އެންމެހާ ޢަމަލުތައް އެންމެންގެ ކުރިމަތީގައި އިޝްތިހާރުކުރެވޭނެއެވެ. ބޮޑެތި ފާފަތަކުން ފެށިގެން، އެންމެ ކުދިކުދި ޢަމަލުތަކަށް ދަންދެނެވެ. ކުޑަކުޑަ ޒައްރާއެއްގެ މިންވަރުގެ ބަރުދަނެއްހުރި ޢަމަލަކަށްވިޔަސްމެއެވެ. އެހުރިހާ އެއްޗެއްވެސް އުނިކަމެއްނެތި ފޮތެއްގައި ލިޔެވިފައިވާތަން އެދުވަހުން ތިބާއަށް ފެންނާނެއެވެ. އެއީ ތިބާ އެންމެނަށް ފޮރުވައިގެން އުޅުނުހާ ސިއްރުތައް ބޭޒާރުވާނެ ދުވަހެވެ. ދުލުގައި ސިއްކަޖެހި، އަތް ފައި ނަފްސާއި ދެކޮޅަށް ހެކިބަސް ދޭނެދުވަހެވެ.

الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ – ޔާސީން 65 ވަނަ އާޔަތް

މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު عمل ތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ.

އެދުވަހަށްޓަކައި ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

އެދުވަހުން ބޮޑުވެގެންވާ އަލިފާންގަނޑު ތިބާއަށް ފެންނާނެތެވެ. އެތަންފެނި، މުޅި އިންސާނީ ދަރިފަސްކޮޅު ބިރުން ވިރިގޮސް، ކުޑަކަކޫ މައްޗަށް ތިރިވެގެންދާނެއެވެ. ހަށިގަނޑުން ވަރުދޫވެ، ބިރުން ތުރުތުރުއަޅާޙާލު، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އަލުން އަނބުރާ ދުނިޔެއަށް ފޮނުއްވައި ދެއްވުމަށްއެދި އާދޭސް ދަންނަވާނޭ ދުވަހެވެ.

وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ – އަލް އަންޢާމް 27 ވަނަ އާޔަތް

އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ދޮގެއް ނުކުރާނޫއެވެ. އަދި إيمان ވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ.

އެދުވަހަށްޓަކައި ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

އެދުވަހުން، ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ގެނެވޭނެއެވެ. އިޚްލާޞްތެރި، ތަޤްވާވެރީންނަށްޓަކައެވެ. އެމީހުންނަށްޓަކައި އެދުވަހުން ބިރުވެރިކަމެއް، ދެރަވުމެއް ނުވެއެވެ. އެމީހުންނަށްޓަކައިވަނީ ނިމުމެއްނެތް އުފާތަކުން ފުރިގެންވާ ޙަޔާތެކެވެ. އަބަދުގެ އަބަދަށެވެ. އެދުވަހުން ތިބާ ވާނީ ސުވަރުގެ ވަންތަވެރިއަކަށެވެ. ނުވަތަ ނަރަކަވަންތަވެރިއަކަށެވެ.

وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِّتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ – އައް ޝޫރާ 7 ވަނަ އާޔަތް

އަދި ހަމައެފަދައިން عرب ބަހުންވާ قرآن އެއް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވީމެވެ. (އެއީ) މައިރަށުގެ (އެބަހީ: مكة ގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. އަދި (خلق ތަކުން) އެއްކުރައްވާ ދުވަހާމެދު إنذار ކުރެއްވުމަށްޓަކައެވެ. އެދުވަހާމެދަކު شك އެއްނެތެވެ. (އެދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކު ވާހުށީ ނަރަކައިގައެވެ.

އެދުވަހަށްޓަކައި ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

ޞިރާޠުމަގު ހުރަސްކުރާ ދުވަހަށްޓަކައެވެ. އިސްތަށްޓަކަށްވުރެން ހަނި، ކަނޑީގެ މިޔައަށްވުރެން ތޫނު މަގެކެވެ. ތިބާ ވެގެންދާނީ އެމަގުން ކައްސާލައިގެން ވެއްޓޭ މީހަކަށް ހެއްޔެވެ؟ ނުވަތަ ސަލާމަތްތެރިކަމާއެކު އަމާންކަމުގެ އައްސޭރިއަށް ފޯރާނޭ މީހަކުކަމުގައި ހެއްޔެވެ؟ އެދުވަހުން ތިބާ، ﷲ ގެ ޙަޟްރަތުން އެތައް ކަމަކަށް އެދި ދަންނަވާނެއެވެ. އެއީ ޤިޔާމަތް ދުވަހެވެ. ހިސާބު ބައްލަވާނެ ދުވަހެވެ. ހާސްކަމާއި ކަންބޮޑުވުމުން ފުރިގެންވާނެ ދުވަހެވެ. ކުރެވުނު ކަންތައްތަކާއިމެދު މޮޔަހީވެ، އެކަންކަމުގެ ނުބައި ޖަޒާއިން މިންޖުކޮށްދެއްވާތޯ ރޮއި އާދޭސް ދަންނަވާނޭދުވަހެވެ. އެދުވަހުން ކޮންމެ މީހަކަށްވެސް އެމީހަކު ކުޅަ ޢަމަލެއްގެ ފުރިހަމަ ޖަޒާ ދެއްވާނެދުވަހެވެ.

މި ލިޔުން ކިޔަމުންދާ ފަރާތަށް ބުނެލަމެވެ. ޢަމަލުތައް ހިސާބުކުރުމަށް ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހުސްކުރާށެވެ. ވީހާ ގިނައިން ފާފަފުއްސެވުމަށް އެދި ﷲ އަށް ދުޢާ ކުރާށެވެ. ފާފަ ތަކުން ނަފްސު ޠާހިރުކުރުމަށް ޢަޒުމް ކަނޑައަޅާށެވެ. ޢަމަލުތައް ސީދާކުރުމަށް މިހިނދުން ފެށިގެން މަސައްކަތް ފަށާށެވެ. މި ސުވާލާއި މެދު އަބަދުމެ ވިސްނާށެވެ.

"އެ ދުވަހަށްޓަކައި ތިބާ ކުރީ ކޮންކަމެއްހެއްޔެވެ؟"

ފޮޓޯ ކްރެޑިޓް: ގޫގްލް ފޮޓޯސް، މަސްދަރު: "ފޯ ދިސް ޑޭ" / ސްޕޯކެން ވޯރޑްސް، އާޔަތްތަކާއި ތަރުޖަމާ ނަގާފައިވަނީ "ތަރުޖަމާ" އެޕް އިން

Advertisement

ކޮމެންޓް