ބޮރިސްއަށް އިންޑިއާގެ ދަނޑުވެެރިންގެ މުޒާހަރާއާއި ޕާކިސްތާނު ބޯޑަރުގެ މައްސަލަ އޮޅިއްޖެ

13 Dec 2020 | 15:31

އިންޑިޔާގައި ދަނޑުވެރިން ކުރަމުންދާ މުޒާހަރާއާއި އިންޑިޔާއާއި ޕާކިސްތާނާއި ދެމެދު ބޯޑަރުގެ މައްސަލަތައް އޮޅުވާލައްވައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އެތަކެއް ބަޔެއްގެ ހިތްހަމަނުޖެހުމާ ފާޑުކިޔުމާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވައިފިއެވެ.

އެގޮތުން އިންޑިޔާގައި ކުރަމުންދާ މުޒާހަރާގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ފާހަގަކޮށް، ވީހާވެސް އަވަހަށް ހައްލެއް ހޯދައިދިނުމަށް އުންމީދު ކުރާ ވާހަކަ އިންޑިޔާގެ ބޮޑު ވަޒީރަށް ފޯރުކޮށްދޭނެތޯ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރ ޓަމްމަންޖީތް ސިންގ ދެސީ ވަނީ ބޮރިސްގެ އަރިހުން ސުވާލު ކުރައްވާފައެވެ. އަދި ހުރިހާ އެންމެންނަށް ވެސް ސުލްހަވެރި މުޒާހަރާއެއް ކުރުމުގެ ހައްގު ލިބިގެން ވާކަން ގަބޫލުކުރައްވާތޯވެސް ޓަމްމަންޖީތް ބޮޑު ވަޒީރު ޖޯންސަންއާއި ސުވާލު ކުރެއްވިއެވެ.

މިސުވާލަށް ރައްދުދެއްވާ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އިންޑިޔާއާއި ޕާކިސްތާނާއި ދެމެދު ހިނގަމުންދާ މައްސަލައާއި ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑު ވެފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީ ދެސަރުކާރުގެ ދެމެދުގައިވާ މައްސަލައެއްކަމަށް ވިދާޅުވިއެވެ. ނަމަވެސް ދަނޑުވެރިންގެ މުޒާހަރާއަކީ އެކަމާ ގުޅޭ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

މިއީ ސެޕްޓެމްބަރު މަހު ނެރުނު އާ ގަވައިދުތަކާއި ގުޅިގެން އެންމެ ދަށް އަގުތަކާއި އެއްގޮތަށް އަމިއްލަ ކުންފުނިތަކުން ދަނޑުވެރިން އަތުން ނުގަންނާނެ ކަމުގެ ކަންބޮޑުވުމާއި ގުޅިގެން ކުރަމުންދާ މުޒާހަރާއެކެވެ.

މިކަމާއި ގުޅިގެން ޓުވިޓާގައި ޖޯންސަންއަށް ސަމާސާގެ ބަސްތަކާއި ހިތްހަމަނުޖެހުން ރައްދުކޮށް އެތަކެއް ބަޔަކު ވަނީ ލިޔެފައެވެ. އެގޮތުން ޕާލިމެންޓްގެ މެމްބަރ އަފްޒަލް ހާންއާއި ޒަހަރާ ސުލްތާނާ ފާހަގަ ކުރެވެއެވެ.

Advertisement

ކޮމެންޓް