މައްޗަންގޯޅި ބައު މިސްކިތުގެ ބިންގަލުގެ ބައިތަކެއް ފެނިއްޖެ

13 Dec 2020 | 20:28

މަޖިދީމަގު ޒިކުރާ މިސްކިތް ހުންނަ ސަރަހައްދުގައި ކުރިން ހުރި މައްޗަންގޯޅި ބައު ކިސްކިިތުގެ ބިންގަލުގެ ބައިތަކެއްކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެއެވެ.

އެގޮތުން އެ މިސްކިތުގެ ބިންގަލުގެ ބައިތަކެއްކަމަށް ބެލެވޭ ގާ ތަކެއް ފެނިފައިވަނީ އެ ސަރަހައްދު ކޮނެ ސާފުކުރަމުން ގެންދަނިކޮށެވެ. އިސްލާމިކް މިނިސްޓްރީ އަދި ޕްލޭނިންގ މިނިސްޓްރީން ގުޅިގެން އެ މަސައްކަތް ކުރަމުންދިޔައީ އެ ބިން ވަރަށް ބޮޑަށް ހަޑިވެފައި ވުމުންނެވެ.

ދިވެހި ތާރީޚް ދިރާސާކުރައްވާ ފަރާތެއްކަމަށްވާ އަލްއުސްތާޛު ނާޒިމް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވިފައިވަނީ 1640 ހާ ތާނގައި އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ.  

ދިވެހި ތާރީޚް ދިރާސާކުރައްވާ އެހެން ފަރާތެއްކަމަށްވާ މަންދު މުހައްމަދު ވަހީދު ލިޔުއްވާފައިވާ ގޮތުގައި ހިޖުރައިން 536 ވަނަ އަހަރު ތެރޭ ދިވެހިރާއްޖޭގެ ރަސްކަލަކު ޣައިރުދީން ދޫކޮށް އިސްލާމްވެ ވަޑައިގެން ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެ މާލޭގައި ބުދުކޯލުތައް ތަޅުއްވައި ނުވަތަ ފޮރުއްވާލައްވައި އެތަންތަނުގައި މިސްކިތްތަކެއް ބިނާކުރެއްވި ކަމަށް ތުންތުންމަތިން ވާހަކަ ދެކެވެއެވެ. މިގޮތުން އެއް މިސްކިތެއްކަމަށް އެބޭފުޅާ ލިޔުއްވާފައިވަނީ މައްޗަންގޯޅި ބޮއި ގަސްދޮށާ ދިމާލަށް ހުރި މިސްކިތްކަމަށްވާ މައްޗަންގޯޅި ބައު މިސްކިތެވެ.

އެއަށްފަހު އެކި ފަހަރުމަތިން މިސްކިތުގެ އާބާތުރަ ފިލުވައި އަލުން ބިނާކޮށް ހަދާފައިވާކަން އެނގެން އެބައޮތެވެ. އެގޮތުން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގެ 27ވަނަ އަހަރުގެ ޖުމާދިލްއާޚިރު މަހުގައި އެ މިސްކިތް "ބައުވެ ހުންނާން ނެތިގެން" އަލުން ހަދަން ފަށައި، 30 ވަނަ އަހަރުގެ ޝައުބާން މަހުގައި މަސައްކަތް ނިމުނެވެ. (މާލޭގެ މިސްކިތްތައް، ޑިޕާރޓްމެންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ)

މި މިސްކިތަށް ފަހުން ބަދަލުތަކެއް ގެނެސް ޖާގަ ބޮޑުކޮށްފައި ވަނިކޮށްވެސް ޖާގަ ކުޑަވުމުން، އެއަށްވުރެ ބޮޑު މިސްކިތެއް ބިނާކުރުމަށް އައްޝައިޚުލްމަރުހޫމް އަބްދުލްގައްޔޫމް ސީދީގެ އާއިލާއިން ދައުލަތުގައި އެދިވަޑައިގެންނެވިއެވެ. މިކަމަށް 1982ވަނަ އަހަރުގެ ސެޕްޓެމްބަރ 1ގައި ހުއްދަ ދެއްވައި ދައުލަތުން މިސްކިތް ރޫޅާލެއްވިއެވެ. އެއަށްފަހު އެތަނުގައި އެޅިގެންދިޔަ މަޝްހޫރު ޒިކްރާ މިސްކިތް ހުޅުވުނީ 1983 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ.

ކަވަރ ފޮޓޯ: ނާޒިމް އަބްދުއްސައްތާރު/ ޓްވިޓަރ

Advertisement

ކޮމެންޓް