މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި
ދުނިޔެ ހޫނުވުމަށް މަގުފަހި ކުރަމުންދާ ކަންތައްތައް ހުއްޓުވުމަށް މޫސުމީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގައުމުތަކުގެ އިސްވެރިންނަށް ގޮވާލައްވައިފިއެވެ.
ޕެރިސްގައި މީގެ 5 އަހަރު ކުރިން ބޭއްވުނު ސަމިޓްގައި އެކި ގައުމުތަކުން ދުނިޔޭގެ ފިނި ހޫނު މިން އިތުރުވާވަރު 1.5 ޑިގްރީ ސެލްޝިއަސްގައި ހިފެހެއްޓުމަށް އެއްބަސްވެފައިވެއެވެ. އެހެންނަމަވެސް މިކަން ކުރުމަށްޓަކައި ކުރި މަސައްކަތް މަދުކަމާއި އަޅާލި މިންވަރު ކުޑަ ކަމަށް ގުޓަރޭސް ފާހަގަ ކުރައްވާފައިވެއެވެ.
އެގޮތުން ދުނިޔޭގެ ރަށްވެހިތަކުން މިކަން ބަދަލު ކުރުމަށް މަސައްކަތް ނުކުރާނަމަ މި ގަރުނުގައި ފިނި ހޫނުމިން 3 ޑިގްރީ ސެލްޝިއަސް އަށް އިތުރުވެގެންދާނޭކަމަށް ގުޓަރޭސް ވިދާޅުވިއެވެ. މިހެންކަމުން ކާބޮން ނިއުޓްރަލިޓީ ހޯދުމުގައި ކާމިޔާބު ލިބިގަތުމަށް މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭނެ ކަމަށްވެސް އދގެ އެންމެ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ. މިއީ ވިހަ ގޭސްތައް ދުނިޔޭގެ ޖައްވަށް ދޫކުރުން ހުއްޓުވުމަށް އޮތް މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން އެބޭފުޅާ ފާހަގަކުރައްވާފައިވާ ގޮތުގައި ވައި ތަޣައްޔަރުވުމަށް އެންމެ ބޮޑަށް މަގުފަހިކުރުވާ ޖީ20 ގައުމުތަކުން، މަދު މިންވަރެއްގެ ކާބޮން ބޭނުންކުރާ ހަކަތަ އުފައްދާ ސެކްޓަރ ތަކަށްވުރެ، ފޮސިލް ފިޔުލް ބޭނުންކުރާ ސެކްޓަރ ތަކަށް 50 އިންސައްތަ އިތުރަށް ފައިސާގެ އެހީދެއެވެ.
މިއީ އެއްގޮތަކަށްވެސް ގަބޫލުނުކުރެވޭނެ ކަމެއްކަމަށް ވިދާޅުވެ، ނެޓް ޒީރޯ އަށް އަމާޒު ކުރާ ގައުމުތަކަށް ހިތްވަރު ދެއްވާ އަވަސް ގޮތުގައި މިކަން ކުރިއަށް ގެންދިއުމަށް އެބޭފުޅާ ބާރުއަޅުއްވާފައިވެއެވެ.
މީގެ އިތުރުން ވައިގެ ދަތުރު ފަތުރާއި ކަނޑު ދަތުރުފަތުރުގެ ނިޒާމްތަކަކީ ވައި ތަޣައްޔަރު ކުރުމުގައި މައިގަނޑު ދައުރެއް އަދާކުރާ ސެކްޓަރ ތަކެއް ކަމަށްވީއިރު މި ތަންތަނުންވެސް މި އަމާޒުތަކާއި އެއްގޮތް ވާގޮތުގެ މަތީން ބަދަލުގެނެވޭނެ ގޮތްތައް ހުށަހަޅަންޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists