ސްރީލަންކާގައި ކޮވިޑް-19 ބަލީގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި ރާއްޖެއިން އެހީތެެރިވާން އެދިއްޖެ

14 Dec 2020 | 23:38

ސްރީލަންކާގައި ކޮވިޑް-19 ބަލީގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި ދިވެހިރާއްޖެއިން އެހީތެެރިވާން ސްރީލަންކާއިން އެދިއްޖެއެވެ.

ސްރީލަންކާގެ ކޮވިޑް ގައިޑްލައިންގައި ކަނޑައެޅިފައިވާ ގޮތުގައި މި ބަލީގައި ނިޔާވާ ކޮންމެ މީހަކުވެސް ޖެހޭނީ އަންދާލާށެވެ. ނަމަވެސް މިއީ އިސްލާމްދީނާއި ޚިލާފްކަމެއް ކަމުން އެގައުމުގެ މުސްލިމުން ދަނީ މިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މުސްލިމުން ވަޅުލުމަށް ބިމެއް އިންތިޒާމްކުރުމާ ގުޅޭގޮތުން ޚާއްސަ ކޮމެޓީއެއް އެކުލަވާލައްވާ އެކަން ހަމަޖައްސަން އަންގަވާފައެވެ.

އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި ކޮވިޑް ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ދެކޮޅު ހަދަނީ އޭގެ ސަބަބުން ސާފު ފެން ފަށަލައަށް އަސަރުކޮށްފާނެތީއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންދާކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް