ދަރިއެއް ނެތަސް އެހީވެވުނު އެ ލޯބި ކުއްޖާ: ދިވެހިރާއްޖެއިން ސީރިއާއަށް

15 Dec 2020 | 21:20

އަހަރެމެން ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އުންމީދުތަކެއްވެއެވެ. ދުނިޔެމަތީގައި ހާސިލުކުރަން ބޭނުންވާ ކަންކަމާއި ބާއްޖަވެރި އުޙުރަވީ ހަޔާތެއް ހޯދުމުގެ އުންމީދުތަކެއްވެސްވެއެވެ. މިއަދު އަހަރެމެންގެ ދިވެހި މުޖުތަމަޢުއަށް ނަޒަރު ހިނގާލާއިރު، ދިވެހި ކޮންމެ އާއިލާއެއްވެސް އެ ބައެއްގެ ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމުގެ އަޒުމުގައިވެއެވެ. އަދި އެ ތަޢުލީމުގެ ސަބަބުން ކުދިންގެ ދެދުނިޔެ ބާއްޖަވެރިވާނެ ތަޢުލީމު ހޯދައިދިނުމުގެ އަޒުމުގައިވައި މައިންބަފައިންވެސް މަދެއްނޫނެވެ.

އަހަރެމެން ދިވެހިންނެކޭ އެއްފަދައިން ސީރިއާގެ މައިންބަފައިންވެސް އެ މީހުންގެ ތުއްތު ޅަ ދަރިންނަށް ރަނގަޅު ތަޢުލީމެއް ދެވޭތޯ އަންނަނީ ދުޢާ ކުރަމުންނެވެ. ނަމަވެސް މިއަދު އެ ޤައުމުގައި އޮތް ދާޙިލީ ހަމަނުޖެހުމުގެ ސަބަބުން ތަޢުލީމުން މަހްރޫމްވެފައިވާ އެތައް ކުދިންނެއް އެބަތިބިއެވެ. އަދި ކިތަންމެ ދަތި ހާލުގައި، ދެ އިރު މުއްތި ކުރާނެ ކާއެތިކޮޅެއް ނުލިބިފައި ތިބި އެ ސީރިއާގެ ލޯބި ލޯބި ތުއްތުކުދިންގެވެސް ހުވަފެންތަކެއްވޭ، ޑޮކްޓަރެއް، ނަރުހެއް، ޓީޗަރެއް ނޫނީ އިންޖީނިއަރަކަށްވުމުގެ ހުވަފެންތަކެވެ. އެހެންނަމަވެސް އެ ކުދިންގެ މައިންބަފައިންގެ މާލީ ހާލަތު ހުރިގޮތުން އެ ކުދިންނަށް ކިޔަވައިދިނުމުގެ ތަނަވަސް ކަމެއް މިއަދު ނެތެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވާ ކިޔަވައިދޭން ފެށި އަލޫކާ ސްކޫލަކީ ކިޔެވުމުން މަހްރޫމުވެފައިތިބި އެތަށް ސަތޭކަ ކުދިންނަކަށް އައު އުންމީދެއް ލިބިގެންދިޔަކަމެކެވެ. ސީރިއާގެ އިޑްލިބްގައި ހިންގާ އަލޫކާ ސްކޫލަކީ ދިވެހި ރައްޔިތުންގެ އެހީއާއިއެކީ ހިންގާ ސްކޫލެކެވެ. އަލޫކާ ސްކޫލް ހިންގުމުގެ މަސައްކަތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ބޭރުގެ ދެ އިންޓަނޭޝަނަލް ޕާޓްނަރުންކަމަށްވާ އައިއެޗްއެޗް އަދި އޮލިވް ގްރޯވް އާއި ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ. މީގެއިތުރުން އިދްލިބްގައި އަލޫކާ ސްކޫލުގެ އަމަލީ މަސައްކަތް ކުރަމުންދަނީ އައިއެޗްއެޗްއެވެ.

ސީރިއާގެ އަލޫކާ ސްކޫލުގައި ކިޔަވަމުންދާ ކުއްޖެއް ކަމަށްވާ ލޯބި ލޯބި ތުއްތު ސަމާއަށް، ރާއްޖޭގައި ސަމާއަށް އެހީވަމުންދާ ދިވެހި އުޙުތެއް ސިޓީއެއް ފޮނުވިއެވެ. ކާފު އަތޮޅު ނިސްބަތްވާ އެ އުޙްތާ ފޮނުވި ސިޓީގައި ވަނީ

ދައްތަގެ ލޯބިވާ ސަމާއަށް،

ދައްތަގެ ފަރާތުން ސަލާމް މި ފޮނުވަނީ ނުހަނު އުފާވެރިކަމާއެކުއެވެ.

ހާލު ކިހިނެއް؟ މަންމައާއި ބައްޕަގެ ހާލު ކިހިނެއް؟ އާއިލާގައި ކިތައް އެއްބަނޑުއެއްބަފާ ކުދިންތިބޭ؟ ތިފަދަ ލޯބި ކުއްޖަކަށް އެހީވުމުގެ ފުރުސަތު ލިބުނީތީ ދައްތަ ވަރަށް އުފާވެއެވެ. އަދި ދައްތަ އެންމެ އުފާވާ އެއްކަމަކީ ދައްތަގެ ދަރިއެއް ނެތަސް، ﷲ ގެ ރަޙްމަތުން ތިފަދަ ރީތި އަންހެން ދަރިއަކަށް އެހީވެ ޙިދުމަތް ކޮށްދިނުމުގެ ފުރުސަތު ލިބުމެވެ.

ދައްތަގެ ފަރާތުން ބޭނުންވާ އެއްވެސް ކަމެއް އެބަހުރިތަ؟ އިންޝާ ﷲ އެކަން ކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ. ދައްތަގެ ދުޢާއަކީ ސަމާއާއި ސަމާގެ އާއިލާއަށް ހެޔޮ ރަޙްމަތް ލެއްވުމެވެ. އަދި ސީރިއާގެ ހުރިހާ ތުއްތު ކުދިންނާއި އާއިލާތަކަށް ހަމަޖެހުމާއި އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތެއް މެދުވެރި ކޮށްދެއްވުމެވެ.

ދައްތަގެ ސިޓީ ކުރުކޮށްލާނަމެވެ. ސަމާބޭނުންވާ ކަމެއް ހިމަނާލާފަ ސިޓީއެއް ފޮނުވައްޗެވެ.

ބާރާބަރަށް ނަމާދުކޮށް، ﷲ އަށް ދުޢާ ކުރައްޗެވެ. މި ސިޓީ ސަމާގެ މަންމައަށް ދައްކާލައްޗެވެ. ވީޑިއޯ ކޯލް މެދުވެރިކޮށް އަދިވެސް އެއްފަހަރު ބައްދަލުވާނެ ކަމަށް އުންމީދުކުރަމެވެ.

ލޯބިވާ،

ދައްތަ

ދިވެހިރާއްޖެ

ސީރިއާގެ އަލޫކާ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރު ސަމާއަށް ކިޔެވުމަށް އެޙީވަމުންދާ ދިވެހިރާއްޖޭގެ ދައްތަ ފޮނުވި ސިޓީގެ ޖަވާބުގައި ސަމާ ސިޓީއެއް ފޮނުވިއެވެ.

އައްސަލާމްއަލައިކުމް

އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކު ނޭންގުނަސް ދައްތަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އަދި ދައްތަ ފޮނުވާ ކޮށްދެވި އެކި މަސައްކަތާއި ހެދި ލޯބިވަމެވެ އެކަމުގެ ސަބަބުން އަހަރެންގެ ހިތަށް އުފާވެރިކަން ލިބެއެވެ. އަހަރެން ﷲ ކިބައިން އެދެނީ ދައްތައަށް ހެޔޮ ސިއްހަތެއް ދެއްވުމެވެ. ﷲ ގެ ހެޔޮ ރަޙްމަތުން އަހަރެން ރަނގަޅުއެވެ. އަހަރެން ހަމައެކަނި އެދޭ ކަމަކީ އަމިއްލަ ޤައުމުގައި ރައްކާތެރިކަމެވެ. ހަމަނުޖެހުން ތަކުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް އެތަނުން އަނެއްތަނަށް ބަދަލު ބަދަލުވެ ވަރުބަލިވެއްޖެއެވެ. އަހަރެން ދިރިއުޅެމުންދަނީ މަންމައާއި ބައްޕައާއި ކުޑަ ފިރިހެން ކޮއްކޮއާއިއެކުއެވެ. އެއްޗެއް ދޭން ދައްތަ ބޭނުންނަމަ އަހަރެމެންނަށް ފިނިއިރު ލާ ހެދުން މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވެއެވެ. އެކަމަކު އެއީ ދައްތަ އެ ތަކެތި ގަތުމުގައި ޤާބިލްކަންހުރީއާއިއެވެ. ދައްތަ އަހަރެންނަށް ތި ދޭ އެހީތެރިކަމަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ވާހަކަ ބުނަން ބޭނުމެވެ. އަހަރެން މިހާރު މިދަނީ ޤުރުއާން ދަސްކުރަމުންނެވެ. އެގޮތުން ކުދި ކުދި އާޔަތެއް ދަސްކުރަމެވެ. އެއް ދުވަހަކު ދައްތަ ދެކިލަން އުންމީދުކުރަމޭ އަދި ބޭނުންވެއެވެ. އަހަރެން ދައްތަ އަށް ކުރެހުމެއް ހެދީމެވެ. ދައްތައަށް އެ ކަމުދާނެ ކަމަށް އުންމީދުކުރަމުން

ލޯބިވާ

ސަމާ

މިއީ ދިވެހިރާއްޖެއާއި އެތަށް ހާސް މޭލު ދުރުން ސީރިއާއިން ފޮނުވި ސިޓީއެކެވެ. ސަމާ ފަދަ ސީރިއާގައި ދިރިއުޅޭ އެތަށް ސަތޭކަ ކުދިންނެއް އެ ދިވެހި އަންހެން އުޙުތާ ފަދަ އިޙްސާންތެރިއެއްގެ އިންތިޒާރުގައިވެއެވެ. ދުރުގައި ތިއްބަސް މަންމައެއްގެ ކުލުނުގެ އިންތިޒާރުގައި ތިބި ޔަތީމު ކުދިންވެސް ސީރިއާގައި މަދެއް ނޫނެވެ. އެ ދިވެހި އުޙުތާގެ ދަރިއެއް ނެތަސް މިއަދު އޭނާއަށް ތުއްތު މައުސޫމު ކުއްޖެއްގެ ހިތުގެ ފުން ލޯބި ލިބިފައިވެއެވެ. ދަރިއެއް މަންމައެއް ދެކެވާ ފަދަ ލޯބި ސަމާގެ ފަރާތުން މިއަދު އެ އުޙުތާއަށް ލިބިފައިވެއެވެ.

މިއަދު ދިވެހިންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އަލޫކާ ސްކޫލުގައި ކިޔަވަން ބޭނުންވެ އެކަން ނުކުރެވިފައި ހުރި ކުއްޖަކަށް އެހީވުމުގެ ފުރުސަތު އެބައޮތެވެ. މާލީ ގޮތުން އެހީވާނެ އޯގާތެރި ހިތެއް ބޭނުންވެފައިވާ ކުދިން އެބަތިބިއެވެ. އަދި ލޭ ގޮތުން ނޫނަސް މި ކުދިންނަކީ ތިބާގެ ދަރިންނެކޭ އެއްގޮތަށް އަޅާލުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް މިއަދު އިންޓިނަނޭޝަނަލް އެއިޑް ކެމްޕޭނުން ފޯރުކޮށްދެއެވެ.

އަލޫކާ ސްކޫލްގެ އިތުރުން މަޢުލޫމާތު އަދި ކުދިން ސްޕޮންސާރ ކުރައްވަން ބޭނުންވާ ފަރާތްތަކަށް 7322112 ގުޅުއްވޭނެއެވެ. މީގެއިތުރުން އަލޫކާ ސްކޫލާއި ބެހޭ މަޢުލޫމާތު އައިއޭސީގެ ފޭސްބުކް ޕޭޖް  މެދުވެރިކޮށް ލިބިގެންދާނެއެވެ. މީގެއިތުރުން، އަލޫކާ ސްކޫލުގެ ޙާއްސަ ފޭސްބުކް ޕޭޖެއް އިންނައިރު، އެ ޕޭޖް މެދުވެރިކޮށް މިވަގުތު އެ ސްކޫލުގައި ތަޢުލީމް ހޯދަމުންދާ ދަރިވަރުންގެ އަޕްޑޭޓް ލިބިގެންދާނެއެވެ. މީގެއިތުރުން، އަލޫކާ ސްކޫލްގެ ފޭސްބުކް ޕޭޖް ފޮލާރ ކުރެއްވުމުން މި ހުރިހާ މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ.

އައިއޭސީއިން ހުޅުވާލާ މި ފުރުސަތުގެ ދަށުން، ދިވެހި ކޮންމެ ރައްޔިތަކަވެސް މި ސްކޫލުގެ ދަރިވަރެއް އަމިއްލަ ދަރިއަކަށް ހަރަދުކުރާ ފަދައިން މަހުން މަހަށް ސްކޫލް ފީ ދައްކައިދީ އެ ކުދިންގެ ކިޔެވުމުގެ ޙަރަދު ބެލެހެއްޓިދާނެއެވެ. އައިއޭސީއިން ހާމަކުރާގޮތުގައި، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަލޫކާ ސްކޫލްގެ ދަރިވަރުންނާއި ބެހޭ އިތުރު މަޢުލޫމާތާއި އެކުދިންނާއި ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ސްޕޮންސާރ ކުރާ ފަރާތަކައް ލިބިގެން ދާނެއެވެ. އެގޮތުން އެ ކުދިން ސްކޫލުގެ ޤުރުޢާން މުބާރާތެއް ނުވަތަ ކޮންސަޓެއްގައި ބައިވެރިވެއްޖެ ނަމަ އެ ކަމުގެ ތަފްސީލާއި އަދި ޢީދު ފަދަ ދުވަސްތަކުގައި އެ ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.

Advertisement

ކޮމެންޓް

Advertisement