ކޮވިޑް ބަލީގައި ނިޔާވާ މީހުން ރާއްޖޭގައި ވަޅުލައިދޭން އެދުނުކަން ލަންކާގެ ކެބިނެޓަށް ނޭނގޭކަމަށް ބުނެފި

15 Dec 2020 | 14:07

އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ބަލީގައި ނިޔާވާ މުސްލިމުން ދިވެހިރާއްޖޭގައި ވަޅުލައިދޭން އެގައުމުން އެދުނުކަން ސްރީލަންކާގެ ކެބިނެޓަށް ނޭނގޭކަމަށް ބުނެފިއެވެ.

މިއަދު އެގައުމުގައި އޮތް ކެބިނެޓްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކެބިނެޓްގެ ތަރުޖަމާނު ކެހެލިޔާ ރަންބުކްވެއްލާ  ވިދާޅުވީ ކޮވިޑް ބަލީގައި ނިޔާވާ މީހުން ރާއްޖޭގައި ވަޅުލުމާއި މެދު ސްރީލަންކާގެ ކެބިނެޓްގައި އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށެވެ. އަދި މިފަދަ ކަމެއްގެ މައުލޫމާތުވެސް ކެބިނެޓަށް ލިބިފައި ނުވާކަމަށާއި ކަމުގެ މައުލޫމާތު ހޯދުމަށްފަހު ނޫސްވެރިންނަށް ފަހުން ދޭނެކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ސްރީލަންކާގައި ކޮވިޑް-19 ބަލީގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި ދިވެހިރާއްޖެއިން އެހީތެެރިވާން ސްރީލަންކާއިން އެދުނުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންދާކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement