ލަންކާ މުސްލިމުން އެދެނީ ކޮވިޑު ބަލީގައި މަރުވާ މައްޔިތުންގެ ހަށިތައް އެންދުމަށް ނިންމާފައިވާ ނިންމުން ރުޖޫޢަކުރުން

16 Dec 2020 | 06:35

ލަންކާ މުސްލިމުން އެދެނީ ކޮވިޑް-19 ޖެހިގެން މަރުވާ ލަންކާ މުސްލިމުންގެ ހަށިތައް އެންދުމަށް ނިންމާފައިވާ ނިންމުން ރުޖޫޢަކުރުން ކަމަށް ލަންކާގެ މުސްލިމް ޕާޓީ "ސްރީ ލަންކާ މުސްލިމް ކޮންގްރެސް" ގެ ލީޑަރު ރަޢޫފް ޙަކީމް ވިދާޅުވެއްޖެއެވެ

އޭނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން ވަޅުލުމަށް ރާއްޖޭގެ ސަރުކާރުން ހުށަހެޅިކަމުގައި "ޑެއިލީ މިރޯ" ނޫހުގައި ޝާޢިރުކޮށްފައިވާ ލިޔުމަކާއި ގުޅިގެން ދިވެހި ރާއްޖޭގެ ޚާރިޖީވަޒީރު  ޝާހިދުއަށް ފޮނުއްވާފައިވާ އީމެއިލްގައެވެ.

ޝާހިދުއަށް ފޮނުއްވާފައިވާ އީމެއިލްގައި ބުނެފައިވަނީ ރާއްޖެއިން ހުށަހަޅާފައިވާ އެ ހުށަހެޅުމަކީ ޙަޤީޤަތެއް ކަމަށްވާނަމަ އެއީ ލަންކާއާއި މެދު ރާއްޖެއިން ބާއްވާ ގާތްގުޅުމުގެ ނިޝާނެއް ކަމަށާއި، އަދި ވަކިން ޚާއްސަކޮށް ލަންކާގެ މުސްލިމުންނާއި ދޭތެރޭ ވިސްނުން ދައްކުވައިދޭ ކަމެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ ލަންކާގެ ރައްޔިތުން ގޮވާލަނީ އެއްވެސް އަސާސެއްނެތި ކޮވިޑް-19 ގައި މަރުވާ ލަންކާގެ ރައްޔިތުން އެންދުމަށް އެ ސަރުކާރުން ނިންމަވާފައިވާ ނިންމުން ރުޖޫޢަކުރުން ކަމުގައެވެ. އަދި ލަންކާގެ މުސްލިމުންގެ އަސާސީ ހައްޤުތަކަށް އިންކާރުކޮށް އެ ޤައުމުގެ ޤާނޫނު އަސާސީއިން ލިބިދޭ ހަމަހަމަކަމާއެކު ޢަމަލުކުރުމުގެ ހައްޤުން މަޙްރޫމްކުރާ ސިޔާސަތެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެގެ ހުށަހެޅުމާއި ގުޅިގެން މުސްލިމުންނަށް ލަންކާގައި ދިރިއުޅެ އަމިއްލަ ޤަޢުމުގައި ވަޅުލުމުގެ ޙައްޤުން މަޙްރޫމްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލާނެ ކަމަށް ރައޫފް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް