Advertisement

ސަރުކާރުން ލަންކާ ރައްޔިތުން ގެނެސް ވަޅުލާންއުޅެނީ މާލީ މަންފާތަކެއް ހޯދުމުގެ ބޭނުމުގަ: މުއާޒް

16 Dec 2020 | 06:54

ކޮވިޑް-19 ޖެހިގެން އަވަށްޓެރި ސްރީލަންކާގައި މަރުވާ އެޤައުމުގެ ރައްޔިތުން ވަޅުލަން ރާއްޖެ ގެންނަން އުޅެނީ ސަރުކާރުން އެކަމުން މާލީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ގައި މަރުވާ ސްރީލަންކާގެ ރައްޔިތުން ރާއްޖެ ގެނެސް ވަޅުލާން އުޅެނީ ސަރުކާރަށް އެކަމުގެ ސަބަބުން މާލީ މަންފާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރަށް ޕީސީއާރް ޓެސްޓް ހަދަން ޖެހެނީވެސް ހަމަ އެބޭނުމުގައި ކަމަށް މުއާޒް ވަނީ ފާހަގަކޮސްފައެވެ.

މުއާޒް މިހެން ވިދާޅުވެފައިވަނީ ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ ރައްޔިތުން އަންދަމުންދާތީ އެމީހުން ރާއްޖެ ގެނެސް ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދެސަރުކާރު ދެމެދުގައި މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.

ލަންކާ މުސްލިމުން އެދެނީ ކޮވިޑް-19 ޖެހިގެން މަރުވާ ލަންކާ މުސްލިމުންގެ ހަށިތައް އެންދުމަށް ނިންމާފައިވާ ނިންމުން ރުޖޫޢަކުރުން ކަމަށް ލަންކާގެ މުސްލިމް ޕާޓީ "ސްރީ ލަންކާ މުސްލިމް ކޮންގްރެސް" ގެ ލީޑަރު ރަޢޫފް ޙަކީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ އިލްމުވެރިންނާއި، ކުރީގެ ރައީސް މައުމޫންވެސް އަންނަނީ ރާއްޖޭގައި މުސްލިމުން ވަޅުލުމާއި ދެކޮޅަށް ވާހަކަފުޅުދައްކަވާފައެވެ.

ލަންކާގެ މުސްލިމުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ލަންކާގެ މި ނިންމުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. މަޖުބޫރުކޮށްގެން ހަށިތައް އެންދުމާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުން އަންނަނީ ލަންކާ ސަރުކާރުން އެތައްބައެއްގެ އިންސާނީ ހައްޤަށް އަރައިގަންނަކަމަށް ބުނެ މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމާއި ގުޅޭގޮތުން ދެޤައުމުގެ ސަރުކާރުން މަޝްވަރާތައް ކުރަމުންދާއިރު، މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް