Advertisement

މިއީ ސްރީލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރި މަލާމާތެއް

18 Dec 2020 | 07:35

މިދިޔަހަފްތާގެތެރޭގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ އިންޓެންސިވްކެއަރގައި މަރުވި އުމުރުން އެންމެ 20 ދުވަހުގެ ތުއްތު ކުއްޖަކު، އެކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި ބުޑިސްޓުން މަރުވުމުން އަންދާގޮތަށް އަލިފާނުން އަންދައިލުމުން ސްރީލަންކާގެ ބުޑިސްޓް ނޫން ދީންތަކުގެ މީހުން ނުރުހުން ފާޅުކުރަމުން ގެންދެއެވެ.

މިކަމާއި ސްރީލަންކާގެ މިހާރު ވެރިކަން ކުރާ ޕާޓީ ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ ސިޔާސީ މީހުންނާއި ތަންދޮރު ދަންނަ އެކަޑަމިކް މީހުންނާއި ބުޑިސްޓު ނޫން ދީންތަކުގެ މީހުންގެ ފާޑުކިއުން ސަރުކާރަށް ކުރިމަތިކުރިއެވެ.

މިތުއްތު ކުއްޖާގެ ހަށިގަނޑު އަންދައިލީ ހޮސްޕިޓަލުން ކުރި އެންޓިޖެން ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމުން، އެޕްރީލްމަހު ސަރުކާރުން ކަނޑައަޅާފައިވާ ނިންމުމެއްކަމުގައިވާ ކޮވިޑްގައި އެގައުމުގައި މަރުވާ އެންމެންގެ ހަށިގަނޑު އަންދާގޮތަށް ނިންމާފައިވާ ނިންމުމުގެ ދަށުންނެވެ.

ސްރީލަންކާއިން ނޫނީ ކޮވިޑްބަލީގައި މަރުވާ އިންސާނުންގެ ހަށިގަނޑު އަންދައިގެން ބަލިކޮންޓްރޯލްކުރެވޭކަމަށް ދެކޭ އެހެން އެއްވެސް ގައުމެއް ދުނިޔޭގައި ނެތެވެ. ސްރީލަންކާ ސަރުކާރުން މިކަން މިކުރަނީ ކޮންމެހެން ސްރީލަންކާގެ ސައިންޓިސްޓުން އެކަމަށް ލަފާދީގެންނެއްނޫނެވެ. މިއީ ސްރީލަންކާގެ ބުޑިސްޓް ފާދިރީންނާއި ސަރުކާރާއި ގުޅިގެން އެހެންދީންތަކުގެ މީހުންނަށް ފުރައްސާކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.

މިއަދު ވެރިކަންކުރާ ޕާޓީން އެގައުމުގެ އިސްލާމުންދެކެ އަންނަ ރުޅިއާއި އިންތިޚާބުތަކުގައި އެޕާޓީއަށް ތާއީދު ނުކުރުމުން ބަދަލު ހިފުމަށް މުސްލިމުންގެ ހިތަށް އަސަރުކުރާފަދަ ކަމެއް ކުރުމުގެ ގޮތުން އަމަލުކުރާ އުސޫލެކެވެ. އިންޑިއާގައި ހަރުކަށި ހައްދުފަހަނައަޅާފައިވާ ހިންދޫންގެ ނަޒަރުގައި އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ގައުމެއްކަމަށް ދެކޭފަދައިން މިއަދު ސްރީލަންކާގެ ބުޑިސްޓް ފާދިރީންގެ ނަޒަރުގައި އެގައުމަކީ ހަމައެކަނި ބުޑިސްޓުންނަށް ޚާއްސަ ގައުމެކެވެ. އިސްލާމުންނާއި ކްރިސްޓިއަނުންނާއި ހިންދޫންނަކީ އެފަސްގަނޑުގައި ދިރިއުޅެންޖެހޭ ބައެއް ނޫނެވެ.

ސްރީލަންކާއިން އެގައުމުގެ ބުޑިސްޓު ނޫން ރައްޔިތުންނާ މެދު މިހިންގާ ލާއިންސާނީ އަމަލު ފޮރުވާކަށެއް ކޮންމެހެން ނޫޅެއެވެ. އެކަމަކު އެންމެ އަޅައިގަތް ކަމަކީ މަރުވާ އިސްލާމުންގެ ހަށިގަނޑު އެންދުމާއި އެދީނުގެ މީހުން ދެކޮޅުހަދާތީ، ކަލޭމެންގެ ދީން އޮންނަ ގައުމުތަކުގައި ތިގޮތަށް ކަންތައް ކުރަންދާށޭ ކިޔާފައި ސްރީލަންކާގެ ރައީސް ފޮޅާލައްވާފައި ދިވެހި ރާއްޖޭގެ ރައީސްއާއި ދިމާއަށް އިނގިލިފުޅު ދިއްކުރެއްވުމުނެވެ.

ސްރީލަންކާގެ ރައްޔިތުން މަރުވީމާ ވަޅުލަން ދިވެހި ރާއްޖެއަކީ އެގައުމުގެ ގަބުރުސްތާންކަމަށް ދެކެވަޑައިގަތުމެވެ. ދިވެހި ރާއްޖޭގައި މަރުވާ ސްރީލަންކާ މީހުން، މަރުވާ މީހާގެ އާއިލާއިން ރަށަށް ގެންދަން ބޭނުންނުވާނަމަ ދިވެހި ރާއްޖޭގައި ވަޅުލައެވެ. ސްރީލަންކާގައި މަރުވާ ދިވެހިން ދިވެހި ރާއްޖެ ގެންނަން މަރުވާ މީހާގެ އާއިލާން ބޭނުންނުވާނަމަ އެގައުމުގެ ގަބުރުސްތާންތަކުގައި ވަޅުލެވެއެވެ. ދިވެހި ރާއްޖެއަކީ ބުޑިސްޓް މައިނޯރިޓީއެއް އޮންނަ ގައުމަކަށް ނުވަތަ ރައްޔިތުންގެ ގޮތުގައި ބުޑިސްޓުން އުޅޭ ގައުމަކަށްނުވާތީ ދިވެހި ރާއްޖޭގެ ގާނޫންތައް ކަނޑައެޅިފައި އޮންނަގޮތާއި ސްރީލަންކާގެ ތަފާތު ދީންތަކުގެ މީހުންނަށް އެގައުމުގައި ދިރިއުޅެވޭގޮތަށް ހެދިފައި ހުރި ގާނޫންތައް ތަފާތެވެ.

ސްރީލަންކާގެ ގާނޫންތަކުން އެތާގައި އިސްލާމުންނާއި އެހެންދީންތަކުގެ މީހުންނަށް އެމީހުންގެ ދީންތަކަށް ސްރީލަންކާގައި އުޅެވެއެވެ. އެހެން އެކަން އޮއްވައި އެގައުމުގެ ރައްޔިތުން ބަލިމަޑުކަމެއްގައި މަރުވާން ފެށުމުން ގާނޫނީގޮތުން ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަން ނިގުޅައިގަނެ މަރުވާމީހުންގެ ހަށިގަނޑު ދިވެހި ރާއްޖެއާއި ހަވާލުކުރަން އެގައުމުގެ ރައީސް ގޮތެބަޔާ ރާޖަޕަކްސަ ވިސްނުންފުޅު ގެންގުޅުއްވައި އަތްޕުޅުން ސިޓީފުޅެއް ލިއުއްވައި ރަސްމީކޮށް ދިވެހި ރާއްޖޭގެ ރައީސްގެ ކިބައިން އެދިވަޑައިގަތުމުން އެއީ ކުރަން ރަގަޅުކަމެއްކަމަށް ބައެއް ދިވެހިންނަށް ހީވިޔަސް މީގެ ހަގީގީ މާނައަކީ ދިވެހި ގައުމުގެ ގަދަރު ކުޑަކޮށްލުމެވެ.

ދިވެހި ގައުމުގެ މިނިވަންކަމާއި މުސްތަގިއްލުކަމާއިމެދު ހިތްޕުޅުގައި އެއްވެސް އަގެއް ނުބެހެއްޓެވުމެވެ. މާދަމާ ކޮންމެވެސް އެހެން އުޒުރެއް ކުރިމަތިކުރައްވައި ކޮތަޅުކޮތަޅަށް ލާފައި އިންސާނުންގެ ހަށިގަޑު ދިވެހިރާއްޖެއަށް ފޮނުއްވަން އެދިވަޑައިގަންނަވާނެއެވެ.

އަމިއްލަ ރައްޔިތުންނާއިމެދު އިހާނާތްތެރިކޮށް އަމަލުކުރައްވައި މިގޮތަށް އެހެންގައުމަކާއި މުއާމަލާތުކުރައްވަން ސްރީލަންކާގެ މިއަދުގެ ރައީސް ގޮތެބަޔާ ރާޖަޕަކްސޭއަށް ކެރިވަޑައިނުގަންނަވާނެއެވެ. އިސްލާމުން މަރުވުމުން ވަޅުލާ ގަބުރުސްތާން ހުންނަ އިންޑިއާ ސްރީލަންކާއާއި މާކައިރިއެވެ. ޕާކިސްތާނުގައި ބިން މާބޮޑެވެ. ޚުދު ސްރީލަންކާގައި މީހުން ވަޅުލާނެ މާބޮޑެތި ހުސްބިންތައް މީހުން އުޅޭ ސަރަހައްދާއި މާދުރުގައިވެސް އެބަހުއްޓެވެ. އެކަމަކު ދިވެހި ރާއްޖެ ނޫން އެހެން ގައުމަކާއި މިގޮތަށް މުއާމަލާތްކޮށްފިނަމަ ސްރީލަންކާގެ ރައީސް ލަދުފުޅު ގަންނަވާލާނެކަން އޭނާއަށް ވިސްނިވަޑައިގަންނަވައެވެ.

ސްރީލަންކާގެ ރައީސްގެ މިއެދިވަޑައިގަތުމާއިމެދު ދިވެހި ރާއްޖޭގެ ރައީސް ވިސްނަވަމުންގެންދަވާކަމަށް ޚާރިޖީވަޒީރު ޝާހިދު އިއުލާންކުރައްވާފައިވާތީ ވަރަށް ލަދުވެތިކަން އިހްސާސްވެއެވެ. މިއީ ލަންކާގެ މުސްލިމުންނަށް އެހީވުމެއް ނޫނެވެ. އިންސާނީ ކަރާމަތް ނަގައިލާ ނަގައިލުމަކާއި ނުވަތަ ލާއިންސާނީ އަމަލަކާއި އެއްބައިވުމެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމެވެ. މިޖަރީމާގައި ދިވެހި ސަރުކާރުން ބައިވެރިވާން ބޭނުންކަން އެގެނީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ލައްވައި އެކަމަށް ރުހޭކަން ފާޅުކުރުމެވެ. ސަރުކާރަށް ސަނާކިޔާ އިލްމުވެރިން ލައްވައި އެކަމަށް ހިއްވަރުދޭ ބަސްތައް ފާޅުކުރަން ފެށުމެވެ.

އަޅުގަޑުމެންގެ ރާއްޖޭގައި މިކަން ކުރަން އުޅުން އެއީ ކިހާ ސީރިއަސް އަދި ނުރައްކާތެރިކަމެއްކަމަށް ވިސްނިވަޑައިގަންނަވަނީ ސިޔާސީ ލީޑަރުންގެތެރެއިން އެންމެ ބޭފުޅަކަށެވެ. އެއީ ރައީސް މައުމޫނެވެ. ދިވެހި ރާއްޖެ އެހެން ގައުމުތަކުގެ ގަބުރުސްތާނަކަށް ހައްދަވަން ރުހިވަޑައި ނުގަންނަވާކަމަށް މައުމޫން ވިދާޅުވެފައި ވެއެވެ.

ސްރީލަންކާގެ މުސްލިމް ރައްޔިތުން އެމީހުންގެ ހަށިތައް ދިވެހި ރާއްޖެއަށް ފޮނުވާކަށް ބޭނުމެއް ނުވެއެވެ. މިކަންކުރަން އެގައުމުގެ ސަރުކާރުންމިއުޅެނީ ގަދަބާރުންނެވެ. މުސްލިމުންނަށް ފުރައްސާރަކުރުމުގެ ކިތަންމެ ފިޔަވަޅުތަކެއް އެގައުމުގެ މިހާރުގެ ސަރުކާރުން އަޅާތަން ކުރިއަށް އޮތްތާގައި އަދި ފެނިގެންދާނެއެވެ. 

Advertisement

ކޮމެންޓް