ދުޢާ އިޖާބަވުމަށް ހުރަސްއަޅާ 4 ސަބަބު

18 Dec 2020 | 11:52

ﷲ سُبْحَانَهُ وَتَعَالَى އީ ދުޢާ އިޖާބަކުރެއްވުން އަވަސްވެވޮޑިގެންވާ ފަރާތްކަމުގައިވާއިރުވެސް، އެކުރާ ދުޢާ އިޖާބަނުވާކަމުގެ ޝަކުވާއަކީ މީސްތަކުންކުރެ ވަރަށް ގިނަ އަޅުތަކުން ކުރާ ޝަކުވާއެކެވެ. އަޅުގަނޑުމެންގެ ހިތްތަކަށް މި އިޙްސާސް ވައްދައި، މާތް ﷲއާމެދު އޮންނަންޖެހޭ އިތުބާރު ގެއްލުވާލުމަށްޓަކައި ޝައިޠާނުން ވަސްވާސްދީ ހަދައެވެ.

ދުޢާ އިޖާބަވުމަށްޓަކައި ދުޢާ އިޖާބަވުން ހުރަސްއެޅޭ ކަންކަމުން ދުރުހެލިވުމަކީ ދުޢާ ކުރާ ކޮންމެ މީހެއްގެ މައްޗަށް މުހިއްމުކަމެކެވެ. އެހެންނޫންކަމުގައިވާނަމަ، ކުރާ ދުޢާ އިޖާބަނުވެ ހިނގައިދާނެއެވެ. މިގޮތުން ދުޢާ އިޖާބަވުމަށް ހުރަސްއެޅޭ ކަންކަމުގެ ތެރޭގައި:

1- ޙަރާމް މުދާ ބޭނުންކުރުން: ދުޢާ އިޖާބަވުމަށްޓަކައި ތިބާ އަދާކުރާ ވަޒީފާއަކީ ޙަލާލު ވަޒީފާއަކަށް ވާންޖެހޭނެއެވެ. އަދި ޙަލާލު ވަޒީފާއެއްނަމަވެސް، ތިބާއަށް ލިބޭ ފައިސާއަކީ ޙަލާލު ފައިސާއެއްކަމުގައި ހަދަންޖެހޭނެއެވެ. މުދާ ހޯދާއިރު؛ ޚިޔާނާތްތެރިވުމާއި، މަކަރުހެދުމާއި، އޮޅުވާލުމަކީ ތިބާއަށް ލިބޭ މުދާ ޙަލާލު ނުވާނެ ސަބަބުތަކެވެ. ވަޒީފާގެ ގަޑިތަކަށާއި، މަސައްކަތްތަކަށް ފަރުވާތެރިނުވެ ފައިސާ ހޯދުމާއި، ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ތިބާއަށް ޙައްޤުނޫން ފައިސާ ހޯދުމާއި، ހުއްދަނޫން އިތުރުގަޑިތަކަށާއި މަސައްކަތްތަކަށް ފައިސާނެގުމަކީ ވަޒީފާއިން ލިބޭ ފައިސާގައި ޙަލާލު ނޫން ބައެއް އެކުލެވިގެންވާނެ ބައެއް ސަބަބުތަކެވެ.

(ވީޑިއޯ)


ދަތުރެއްގެ މަތީގައި މަގު ގެއްލިގެންވި މީހެއްގެ މިސާލުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މިސާލެއް ޖެއްސެވިއެވެ. އެމީހާގެ ދަތުރުދިގުވެ، މަގުގެއްލި، ހިރަފުހާ ވަނީ ތަތްތެޅިފައެވެ. ދުޢާ އިޖާބަކުރެވޭނެ ޙާލަތްތައް އެމީހަކަށް ވަނީ ފުރިހަމަވެފައެވެ. އެހިނދު އެމީހާ އަތް މައްޗަށް ނަގައިގެން ދުޢާކުރެއެވެ. "އޭ މި އަޅާގެ ވެރި ރައްބެވެ! އޭ މި އަޅާގެ ވެރި ރައްބެވެ!" ދެން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އެމީހާ ކައި އުޅުނީ ޙަރާމް ތަކެއްޗެވެ. ބޮއެ އުޅުނީ ޙަރާމް ތަކެއްޗެވެ. ލައިއުޅުނީ ޙަރާމް ފޭރާމެވެ. އެ މީހާގެ ދުޢާ އިޖާބަވާނީ ކޮންފަދައަކުން ހެއްޔެވެ؟"

2- މާތް ﷲ އަމުރުކުރައްވާފައިވާ ވާޖިބުތައް ދޫކޮށްލުން: ތިބާގެ ދުޢާ އިޖާބަވުމަށްޓަކައި؛ މާތް ﷲ ތިބާއަށް އަމުރުކުރައްވާފައިވާ ވާޖިބުތަކަށް ފަރުވާތެރިވާށެވެ. ފަރުޟު ފަސްނަމާދަށް ރަނގަޅަށް ފަރުވާތެރިވެ ލައްވާށެވެ. ފަރުޟު ޒަކާތްތަކަށާއި ރޯދަތަކަށް ފަރުވާތެރިވާށެވެ. މައިންބަފައިންގެ ޙައްޤުތަކާއި، ދަރިންގެ ޙައްޤުތަކާއި، ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކާއި، ގާތްތިމާގެ މީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ. ހެޔޮކަންކަމަށް ގޮވާލައި، ނުބައިކަންކަން ނަހީކުރާށެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالـمَعْرُوفِ وَلَتَنْهَوُنَّ عَنِ الْمُنْكَرِ أَوْ لَيُوشِكَنَّ اللَّهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ، ثُمَّ تَدْعُونَهُ فَلاَ يُسْتَجَابُ لَكُمْ" (الترمذي وحسّنه، وحسّنه الألباني) މާނައީ: "ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކުރާހުށިކަމެވެ. އަދި މުންކަރާތްތައް ނަހީކުރާހުށިކަމެވެ. އެހެންނޫނީ، މާތް ﷲ އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ މައްޗަށް ޢުޤޫބާތެއް ފޮނުުއްވުން ގާތްވެގެންވެއެވެ. ދެން ތިޔަބައިމީހުން އެކަލާނގެއަށް ދުޢާކުރިނަމަވެސް، ތިޔަބައިމީހުންނަކަށް އިޖާބައެއްނުލިބޭނެއެވެ."

3- ފާފަވެރިވުމަށާއި ގާތްތިމާގެކަމުގެގުޅުން ކެނޑުމަށް ދުޢާކުރުން: ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "لَا يَزَالُ يُسْتَجَابُ لِلْعَبْدِ، مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ" (مسلم) މާނައީ: "ފާފަވެރިވުމަށާއި ރަޙިމުގެގުޅުމެއް ކެނޑުމަށް އެދި ދުޢާނުކުރާނަމަ، އަޅަކު (ދުޢާ) އިޖާބަވުން ފަސްވެގެން ނޫޅޭހާހިނދަކު، އެ އަޅެއްގެ ދުޢާ އިޖާބަވާހުއްޓެވެ."

4- ދުޢާ އިޖާބަވުން ލަސްވެގެން އުޅުން: ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَعْجَلْ، يَقُولُ: دَعَوْتُ فَلَمْ يُسْتَجَبْ لِي" (البخاري ومسلم) މާނައީ: "ތިޔައިގެ ތެރެއިން މީހަކު ދުޢާ އިޖާބަވުން ލަސްވެގެން ނޫޅޭނަމަ، އެ މީހެއްގެ ދުޢާ އިޖާބަކުރެވޭނެއެވެ. އެމީހާ (އެބަހީ؛ ދުޢާ އިޖާބަވުން ލަސްވެގެން އުޅޭމީހާ) ބުނެއެވެ. ތިމަންނާ ދުޢާކޮށްފީމެވެ. ފަހެ، ތިމަންނައަކަށް (ދުޢާ) އިޖާބައެއްނުވިއެވެ."

ތިބާ ކުރާ ދުޢާ މި ދުނިޔެމަތީގައި އިޖާބަނުވިނަމަވެސް، އެ ދުޢާއަކީ އޭގެ ޒާތުގައިވެސް ﷲ އަށް ކުރެވޭ އަޅުކަމެކެވެ. އެކަމުގެ ޘަވާބާއި ދަރުމަ ލިބޭނެއެވެ. އަދި ދުޢާ އިޖާބަވިނަމަވެސް ބައެއްފަހަރަށް ތިބާއަށް ނޭނގިދާނެކަންވެސް ދަންނާށެވެ. އަދި އެ އެދޭކަންތަކުގެ ބަދަލުގައި އެއަށްވުރެ ހެޔޮކަމެއް ދެއްވަވާފާނެކަންވެސް ދަންނާށެވެ. އިބްރާހީމް عَلَيْهِ ٱلسَّلَامُ އާއި ޒަކަރިއްޔާ عَلَيْهِ ٱلسَّلَامُ ދަރިން ދެއްވަވާތޯ ކުރައްވަމުން ގެންދެވި ދުޢާފުޅުތައް، ދަރިން ނުލިބޭ ޢުމުރުފުޅަށް ފޯރައިގެން ދިޔުމުންވެސް ހުއްޓަވާ ނުލައްވައެވެ. މާޔޫސްވެވަޑައެއް ނުގަންނަވައެވެ. އައްޔޫބު عَلَيْهِ ٱلسَّلَامُ އެތައް އަހަރެއްވަންދެން ބަލިމަޑުކަމުގައި ކެތްތެރިވެވަޑައިގެން ދުޢާކުރެއްވިއެވެ. ނާއުއްމީދުވެވަޑައެއް ނުގަންނަވައެވެ. ޔަޢުޤޫބު عَلَيْهِ ٱلسَّلَامُ އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފު عَلَيْهِ ٱلسَّلَامُ އާއި ބައްދަލުވެވަޑައިގަތުމަށް އެދި އެތައް އަހަރަކު ދުޢާކުރެއްވިއެވެ. މިއީ މަތިވެރިވެގެންވާ ނަބީބޭކަލުންނެވެ. މި ބޭބޭކަލުންގެ ސިޔަރަތަކީ މިކަމުގައި ތިބާއަށްވާ ރިވެތި ނަމޫނާއެކެވެ. މާތް ﷲ ތިބާގެ ދުޢާ އިންޝާﷲ އިޖާބަކުރައްވާނެއެވެ. އެންމެ ރިވެތި، އެންމެ ފުރިހަމަގޮތުގައި އިޖާބަކުރައްވާނެއެވެ. އުއްމީދުކަނޑާ ނުލައްވާށެވެ!

Advertisement

ކޮމެންޓް

Advertisement