ރައީސް ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑަށް ރޮވުނު: ރައީސް ނަޝީދު

18 Dec 2020 | 19:07

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެވުނު ދުވަހުގައި ރޮވުނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު އެމްޑީޕީގެ ހަރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެމަނިކުފާނު ކޮންމެހެން އުފާ ފާޅުކުރަމުން ހަވާއަރުވަމުން ދުވާކަމެއް ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖަލަށް ލެއްވުމަށްފަހު އުފާ ފާޅުކުރުމުގެ ގޮތުން ރައީސް ޔާމީން ގިނަ ކަންތައްތަކެއް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އެމަނިކުފާނު ވީ ދެރަކަމަށާއި، ރޮވުނުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނު އެދިލައްވާ ގޮތް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިންވެސް ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ އެންމެ އިންސާފުވެރިގޮތް ނޫންކަމަށް ދެކިލައްވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

Advertisement

ކޮމެންޓް