ޢަބްދުﷲ ބުން މަޞްޢޫދުގެ މާތްކަން

19 Dec 2020 | 14:07

އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންގެ ޖަމާޢަތަކައިގެން ނުކުމެވަޑައިގަތެވެ. ހިންގަވާފައި ވަޑައިގެންނެވި މަގުމަތިން އިރާކު ގަސްތަކެއް ފެނިވަޑައިގެން، އެކަލޭގެފާނުގެ ދަތްޕުޅު އުނގުޅުއްވުމަށްޓަކައި ސިވާކެއް ހެއްދެވުމަށް، އެތަނުން ގަހެއްގެ އޮފިކޮޅެއް ގެނެސްދެއްވުމަށް ޢަބްދުﷲ ބިން މަޞްޢޫދު رضي الله عنه ގެ ކިބައިން އެދިވަޑައިގަތެވެ.

އެހިނދު ޢަބްދުﷲ ބިން މަޞްޢޫދު رضي الله عنه އެތަނުން ގަހަކަށް އެރުއްވިއެވެ. އެވަގުތު ޖެހުނު ވައިރޯޅިއަކުން އެކަލޭގެފާނުގެ ކަށިމަތިފުޅު ކަޝްފުވެގެންދިޔައެވެ. އެ މަންޒަރު ފެނިވަޑައިގެން އެތަނުގައި ތިއްބެވި ބައެއް އަޞްޙާބު ބޭކަލުންނަށް ހިނިވަރުނަކުރެއްވުނެވެ.

އެ މަންޒަރު ފެނިވަޑައިގެން ކައުއިތުރު ނަބިއްޔާ صلى الله عليه وسلم އެބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

"ތިޔަބޭކަލުން ހިނިވަރުނަކުރައްވަނީ ކޮންކަމަކާތޯއެވެ؟"ޖަވާބުގައި އެއީ ޢަބްދުﷲ ބިން މަޞްޢޫދު ގެ ކަށިމަތިފުޅު ހިމަ ކަމުންކަމުގައި އެބޭކަލުން ދެންނެވިއެވެ. އެހިނދު ކައުއިތުރުނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ." އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދީ ޙަދީޘްކުރައްވަމެވެ. މީޒާނުގައި އެކަށިމަތިފުޅު، އުހުދު ފަރުބަދައަށް ވުރެ ބަރުވެގެންވެއެވެ.

އަޚުންނާއި އުޚްތުންނޭވެ! ހަތްކިލޯމީޓަރު ދިގު، ތިން ކިލޯމީޓަރު ފުޅާ ހިލަ ފަރުބަދައަކަށްވުރެން ޢަބްދުﷲ ބުން މަޞްޢޫދު رضي الله عنه ގެ ކަށިމަތިފުޅު، ޤިޔާމަތް ދުވަހު ޢަމަލުތައް ހިސާބުކުރުމަށް ޤާއިމުކުރެވިގެންދާ މީޒާނުގައި ބަރުވެގެންދާ ދިއުމާ މެދު ވިސްނާ ފިކުރު ހިންގަވާށެވެ.

މިކަމުން އެނގިގެންދަނީ ﷲ ތަޢާލާ ގެ ޙަޟްރަތުގައި މީހަކު މަތިވެރިވަނީ މުދަލާއި ޖާހާ އަދި ބުރުސޫރައިގެ ފުރިހަމަކަމުން ނޫންކަމެވެ. އެހެނެއްކަމަކު އެކަލާނގެ ޙަޟްރަތުގައި އިންސާނާ މަތިވެރިވެ، މާތްވެގެންދާނީ އޭނާގެ ހެޔޮ ޢަމަލާއި ތަޤުވާވެރިކަމުންނެވެ.

إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ ﴿ سورة الحجرات 13﴾

މާނައީ: ހަމަކަށަވަރުން، اللَّه ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ.

Advertisement

ކޮމެންޓް

Advertisement