Advertisement

ޙާއްސަ މީހުންނާއި ހެދި އާންމު މީހާއަށް ތުރާވަނީ!

28 Nov 2018 | 13:02

މިދުވަސްވަރު ޓްވިޓަރ ފަދަ ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކަށްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޭބޭފުޅުންގެ ވާހަކައެވެ. އެބޭފުޅުންނަށް ރުހުން ދިނުމާއި، އަޚުލާގު ހުންނަގޮތާއި، ޚާއްސަ ބޭފުޅުންނަށް ވުމުން ކަންކަން ބަހައްޓަވާ ގޮތެވެ.

މިގޮތުން މާލެފަދަ ތޮއްޖެހިފައިވާ ރަށެއްގައި މިބޭފުޅުންނަށް ޚާއްސަ ޕާކިންގް ސްޕޮޓްތަކެއް ކަނޑައަޅާފައިވުމުން، އޭގެ ސަބަބުން އާންމުންނަށް ތުރާވާ ވާހަކައިގެ އަޑު ފަހަކަަށްއައިސް އޮތީ ވަރަށް ގަދަވެފައެވެ. މިގޮތުން ބަލާލާއިރު، އެންމެ ބޭފުޅެއް ނުވަތަ ބޭކަނބަލެއްގެ ރަސްމީ ކާރުކޮޅު ބާއްވާލުމަށް، ދެތިން ވެހިކަލް ބޭއްވޭނެހާ ޖާގަ ކަނޑައަޅާކަމަކީ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމެކެވެ.

މަގުތައް ތޮއްޖެހި، ވެހިކަލްތައް ގިނަވެފައިވާ މި މާލޭގައި މިގޮތަށް ވެހިކަލްތައް ބޭއްވުމުން ތުރާވާ ވާހަކަ ސޯޝަލް މީޑިޔާގައި ގިނަ ފަރާތްތަކުން ދައްކާއިރު، އެ ވާހަކަތައް އަހައި އެކަން ބަދަލުކުރި އެއް މިނިސްޓަރަކީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފެވެ. މަހުލޫފް ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި ޖާގައިގެ ދަތިކަން އޮއްވާ، ޕާކިންގްއަށް ބޮޑު ޖާގައެއް ކަނޑައެޅުމުން ޓްވިޓަރގައި އެކަމާ މީހަކު ޝަކުވާކުރިއެވެ. މާ ގިނަ އިރުތަކެއް ނުވެ މަޚުލޫފު ވަނީ، އެ ޕާކިންގް އޭރިޔާ ނެގުމަށް ހައުސިންގް މިނިސްޓްރީގައި އެދޭނެކަމަށް ބުނެފައެވެ.

މަގުތައް ތޮއްޖެހިފައިވަނިކޮށް ބޮޑު ޕާކިންގް ޖާގަތައް އެކަށައެޅުމާއި ގުޅޭގޮތުން ޚިޔާލު ފާޅުކުރި ފަރާތްތަކުން ބުނާގޮތުގައި، ކާރު ޕާކްކުރާނެ ޖާގަ ދޭނަމަ ކާރަކަށް ވާ މިންވަރަށްވުރެ އިތުރަށް ދީގެން ނުވާނެއެވެ. ނުވަތަ އެއްވެސް މިންވަރަކަށް ޕާކިންގް ޖާގައެއް ކަނޑަނާޅާ، ދައުލަތުގެ ގަރާޖުތަކުގައި ކާރުތައް ބޭއްވުމަށް އެދޭ ފަރާތްތައްވެސް މަދެއް ނޫނެވެ.

ޝައްކެއްވެސް ނެތެވެ. އާންމު ބަޔަކު ޚާއްސަ ބަޔަކަށް ވޯޓުލައިގެން މި ހޮވަނީ ދިވެހި އާންމު މީހާއެވެ. ނަމަވެސް އާންމު މީހާއަށް ޚާއްސަ މީހާއާއި ހެދި ދުއްތުރާވުމަކީ ރަނގަޅުކަމެއްތޯ މިއީ ސުވާލުއުފައްދަން ޖެހިފައިވާ ކަމެކެވެ.

Advertisement

ކޮމެންޓް