ފިއުލް ސަޕްލައިސް މޯލްޑިވްސްގެ 20ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

19 Dec 2020 | 19:18

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެއްކަމަށްވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ 20ވަނަ އަހަރީ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.

ސަރުކާރު ހިއްސާވާ އެސްޓީއޯ ކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްގެ 20ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހެނދުނު ވަނީ މުވައްޒަފުންނާ އެކު ކޭކު ފެޅުމުގެ ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަފްލާގައި ޝަރަފުވެެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންްނެވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އެވެ.

އަމްރުގެ އަރިހުގައި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޤަސަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހަފްލާގެ ތެރެއިން ވަނީ އެސްޓީއޯގެ ތެޔޮބޯޓެއްކަމަށްވާ "އަލިހުރަސް"، އެފްއެސްްއެމްއަށް ރަސްމީގޮތުން ހަވާލުކޮށްފައެވެ. މިއީ 8.5 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭ ވަރުގެ ބޯޓެކެވެ. މި ބޯޓުގެ އެހީގައި އެކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އެފްއެސްއެމްއިން އުންމީދުކުރެއެވެ.

އެފްއެސްއެމްއިން ވަނީ އެކުންފުންޏަށް 20 އަހަރު ފުރުމުގެ އުފަލުގައި ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަމިއްލަ ޖަމްއިއްޔާއަކަށް ބޮޑު ފައިސާގެ އެހީތެރިކަމެއްވެސް ފޯރުކޮށްދީފައެވެ. އެގޮތުން ކަށުކަމާކެމީގެ ކަންތައްތައް ބަލަހައްޓާ ޖަމްއިއްޔަތުލް ތަޢާވުންއަށް ވަނީ 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މީގެއިތުރުން އެފްއެސްއެމްއިން ވަނީ އެކުންފުންޏަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވެސް ވަޒަންކޮށްފައެވެ. މީގެ ތެރޭގައި ދިވެހި މުވައްޒަފުންނާ ބިދޭސީ މުވައްޒަފުންވެސް ހިމެނެއެވެ. އަދި އިއްޔެ ވަނީ އެސްޓީއޯ އައިފާނު ބިލްޑިންގުގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށްވެސް ބަދަލުކޮށްފައެވެ.

Advertisement

ކޮމެންޓް