Advertisement

އިނގިރޭސިވިލާތުން ދަތުރުވެރިން އައުން ބައެއް ގައުމުތަކުން ވަގުތީގޮތުން ހުއްޓުވައިފި

21 Dec 2020 | 19:38

އިނގިރޭސިވިލާތުން ކޮވިޑްގެ އާ ސްޓްރެއިނެއް ފެނިފައިވާތީ އެގައުމުގެ ދަތުރުވެރިން ބައެއް އެހެން ގައުމުތަކަށް އައުން ވަގުތީގޮތުން މަނާކޮށްފިއެވެ.

މިގޮތުން އާޖެންޓީނާ، ބެލްޖިއަމް، ކެނެޑާ، ބަލްގޭރިޔާ، ޗިލީ، ޑެންމާކް، ހޮންގްކޮންގް، ޖަރުމަނުވިލާތް އަދި އަވައްޓެރި އިންޑިއާ ފަދަ ގިނަ ގައުމުތަކުން ވަނީ އިނގިރޭސިވިލާތުގެ ދަތުރުވެރިން އެގައުމުތަކަށް ދިއުން ވަގުތީގޮތުން މަނާކޮށްފައެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާއިން ވަނީ މި އާ ސްޓްރެއިން ފެތުރުމުގެ ބިރު އޮތުމުން ހަފްތާއެއް ވަންދެން އެގައުމުގެ ބައިނަލްއަގްވާމީ އުދުހުންތައް ހުއްޓާލުމަށް ނިންމާފައެވެ. އަދި ހާލަތަށް ބަލައި މި މުއްދަތު އިތުރަށް ދިގު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި އާ ސްޓްރެއިނަކީ ފުރާނައަށް ކިހާ ނުރައްކާތެރި މިއުޓޭޝަނެއްތޯ އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް މިއީ އިންފެކްޓްވުމުގެ ފުރުސަތު 70 އިންސައްތަ އިތުރު ސްޓްރެއިނެއްކަން ވަނީ ދެނެގަނެވިފައެވެ.

މި މިއުޓޭޝަން ވެފައިވާކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ މެދުތެރޭގައި ލަންޑަން ނުވަތަ ކެންޓްއިން ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

މި އާ ސްޓްރެއިނަކީ ވެކްސިނަށް ގުޑާ ސްޓްރެއިނެއްކަމަށް ޖަރުމަނުވިލާތުގެ ހެލްތު މިނިސްޓަރާ ހަވާލާދީ ބޭރުގެ ގައުމުތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މި އާ ސްޓްރެއިންގެ ކޭސްތައް ވަނީ އިނގިރޭސިވިލާތުގެ އިތުރުންވެސް އެހެނިހެން ބައެއް ގައުމުތަކުން ފެނިފައެވެ.

Advertisement

ކޮމެންޓް