ފުރަތަމަ ގާނޫނު އަސާސީއަށް 88 އަހަރު ފުރިއްޖެ

22 Dec 2020 | 13:39

ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ތަސްދީޤުކުރެވުނުތާ މިއަދަށް 88 އަހަރު ފުރިއްޖެއެވެ.

އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް ތަސްދީޤުކުރެވުނީ މީލާދީގޮތުން 1932ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 23ވަނަ ދުވަހުގައެވެ. މި ގާނޫނު އަސާސީ ތަސްދީގުކޮށްދެއްވީ އޭރުގެ ކީރިތި މަހާރަދުންކަމަށްވާ އައްސުލްތާން މުހައްމަދު ޝަމްސުއްދީން (3) އެވެ.

މި ގާނޫނު އަސާސީއާ އެކު ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ރަސްމީ ސިފައެއްގައި ވަޒީރުލް އައުޡަމެއް ހިމެނޭ ގޮތަށް، ކެބިނެޓެއް ނުވަތަ ވަޒީރުންގެ މަޖިލީހެއް އެކުލަވާލެވުނެވެ. އެހެންކަމުން މިއަދަކީ ރާއްޖޭގެ ގިނަ މިނިސްޓްރީތަކަކުން އެފަރާތްތަކުގެ އަހަރީ ދުވަސްކަމުގައި ފާހަގަކުރާ ދުވަހެވެ.

އަދި ގާނޫނު ހަދާ މަޖިލީހެއްވެސް އެކުލަވާލެވުނުކަން ފާހަގަކޮށްލެވެއެވެ.

މި ގާނޫނު އަސާސީ އެކުލަވާލެއްވީ ބޮޑުންގެ މައްޗަށް ހިމެނޭ ކޮމެޓީއަކުންނެވެ. 1931 ވަނަ އަހަރުގެ މާޗްމަހުގެ 22 ވަނަ ދުވަހު ފެށުނު މި މަސައްކަތުގައި ފުރަތަމަ ތިއްބެވީ 12 ބޭކަލުންނެވެ. އެއަށްފަހު ފަހުން މި ކޮމެޓީގެ މެންބަރުންގެ އަދަދު 14 އަށް އިތުރުވެގެންދިޔައެވެ. މި ގާނޫނު އަސާސީ އެކުލަވާލުމުގައި އިނގިރޭސީންގެ އެހީތެރިކަންވެސް ލިބިފައިވެއެވެ.

ފުރަތަމަ ގާނޫނު އަސާސީ ދިގު މުއްދަތަކަށް ދެމި އޮންނަ ގޮތް ވެފައެއް ނުވެއެވެ. އެކިއެކި ސަބަބުތަކާ ހެދި 1933ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ މާލޭގެ ރައްޔިތުން ގުޅަކުއޭ ފަސްގަނޑު ސަރަހައްދަށް އެއްވެ، ގާނޫނު އަސާސީ ހަވަރަށް ދެވި ވީދާލިއެވެ.

Advertisement

ކޮމެންޓް