Advertisement

ރެދަންލާ ސަބަބު ސައިންސްގެ އަލީގައި

22 Dec 2020 | 22:18

ފާއިތުވެ ދިޔަ ދެތިން ދުވަހަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ގޮނޑުދޮށްތައް ރެދަނުން ދިއްލާލަދިން ދުވަސްތަކެކެވެ. ރޭގަނޑުގެ ހިމޭން ވަގުތުގައި ގޮނޑުދޮށްތަކުން ދައްކުވައިދިނީ ނުހަނު ޗާލު މަންޒަރެކެވެ. އުޑުމަތިން ވިދާ ބަބުޅާ ތަރިތައް ފެނުންއިރު، ތުނޑިއަށް ޖަހާ ރާޅުތަކާއެކު ރެދަނުގެ "ތަރިތަކެއް" ގެނެސްދިންފަދައެވެ.

ކޮންމެއަކަސް ކަޅުފޮއި ރޭތަކުގައި ދިޔަރެސް ރެދަން އަލިން ދިއްލުމަކީ ރާއްޖޭގައި އަލަށް ދިމާވި ކަމެއް ނޫނެވެ. އިހު ޒަމާނުއްސުރެ ގޮނޑުދޮށްތަކުންނާއި މޫދުންވެސް ރެދަން ފެނެއެވެ. މިއީ ކީއްވެގެން ވާކަމެއްކަމާއިމެދު އެކި ގޮތްގޮތަށް ވާހަކަދެކެވި އުޅެއެވެ. މީގެ ތެރޭގައި ފުލޯކު ވާހަކަތަކާއި ޚުރާފާތްތައްވެސް ހިމެނެއެވެ. އުމުރުން ދުވަސްވީ ބައެއް މީހުން ސިފަކުރާގޮތުގައި މިއީ ޖިންނި ޝައިޠާނުންގެ ފަރާތުން ދިމާވާ ނާމާން ކަމެކެވެ. އުތުރުގެ ރަށެއްގެ މާމައަކު ބުނިގޮތުގައި ރެދަން ލައިފިނަމަ އޭގެ މާނައަކީ ރަށުތެރެއަށް ވިގަންޏެއް އަރަނީއެވެ.

20ވަނަ ޤަރުނުގެ ފަހުކޮޅުގައި ރެދަންލުން ނުވަތަ އިނގިރޭސިބަހުންނަމަ "ބައޯލުމިނަސަންސް" އާއި ގުޅޭގޮތުން ސައިންސްވެރިން ބައިވަރު ދިރާސާތައް ކޮށްފައިވެއެވެ. މިދިރާސާތަކުން އެނގިފައިވާގޮތުގައި ރެދަން ލާން ދިމާވަނީ ލޮލަށް ނުފެންނަވަރުގެ ކުޑަ ދިރުންތަކެއްގެ ސަބަބުންނެވެ. މި ކުދި ދިރުންތަކަށް އިނގިރޭސިބަހުން ދެވިފައިވާ ނަމަކީ "ޕްލޭންކްޓަން"އެވެ. ޕްލޭންކްޓަންއަކީ އަމިއްލަ ބާރުގައި ފެނުގައި ދަތުރު ނުކުރެވޭތީ އޮޔާއެކު ދައުރުވާ ކުދި ދިރުންތަކެކެވެ. ޕްލޭންކްޓަންގެ އެކި ބާވަތްތައް ހުންނައިރު މީގެ ތެރެއިން ބައެއް ބާވަތްތަކަކީ އަމިއްލަ އަލި އުފެއްދޭ ބާވަތްތަކެއް ނޫނެވެ. ނަމަވެސް އަނެއްބައި ބާވަތްތަކަކީ އަމިއްލައަށް އަލި އުފެއްދޭ ބާވަތްތަކެކެވެ. މީގެ ތެރެއިން އެންމެ ގިނައިން އަމިއްލަ އަލި އުފެއްދޭ ބާވަތްތަކަކީ "ޑައިނޮފްލެޖަލޭޓް"އެވެ.

މޫދުގައި އާއްމުގޮތެއްގައި ރެދަންލަނީ ނޫކުލައިންނެވެ. ސައިންސްވެރިން ދެކޭގޮތުގައި މީގެ ސަބަބަކީ އެހެން ކުލަތަކާއި ބަލާއިރު ނޫކުލައިގެ އަލި ފެނުގައި ދުރަށް ދަތުރުކުރެވުމެވެ.

ރެދަނުގެ އަލި އުފެދޭގޮތް

1972ވަނަ އަހަރު ފޮގެލްއާއި ހޭސްޓިންގ ކުރި ދިރާސާއަކުން އެނގުނުގޮތުގައި ޑައިނޮފްލެޖަލޭޓެއްގައި އަލި އުފެދެނީ ވަށައިގެންވާ މާހައުލުން އަންނަ ޕްރެޝަރަކާ ގުޅިގެންނެވެ. މިސާލަކަށް ރާޅު ޖަހާ ވަގުތަކީ ރާޅު އެކުލެވިފައިވާ ބާރުމިނުގެ ސަބަބުން މި ކުދި ދިރުންތަކަށް ޕްރެޝަރެއް އަންނަ ވަގުތެކެވެ. އެހެންކަމުން ގޮނޑުދޮށްތަކުން އެފެންނަ ފަދައިން ރާޅު ބީއްސާލާ ވަގުތު ރާޅާއެކު އަންނަ ކުދި ޑައިނޮފްލެޖަލޭޓްތައް ދިއްލުމަށް މެދުވެރިވެއެވެ. އަދި ހަމަ މިދިރާސާގައި ބުނެފައިވާގޮތުގައި ޑައިނޮފްލެޖަލޭޓްގެ ސެލްތަކުން ސެލްއެއްގައި އަލިކަން ދިއްލެނީ 0.1 ސިކުންތުގެ (ސިކުންތެއްގެ ދިހަބައިކުޅަ އެއްބައި) ވަގުތުކޮޅަކަށެވެ.

2007ވަނަ އަހަރު މަލްޑޮނާޑޯއާއި ލާރޓްޒް ކުރި ދިރާސާއެއްގައި ބުނެފައިވާގޮތުގައި ޑައިނޮފްލެޖަލޭޓަކަށް މާހައުލުގެ ސަބަބުން އަންނަ ޕްރެޝަރު މަތިވި ވަރަކަށް އަލިވާ މިންވަރު އިތުރުވެއެވެ. އެހެންކަމުން ބާރަށް މުގުރާ ރާޅުތަކާއެކު ރެދަނުގެ ދިއްލުން ބޮޑަށް އަލިވާނެއެވެ. ދިޔަރެހުގައި ހުންނަ ރެދަނަށް އަތް ނުވަތަ ފައިން ޕްރެޝަރެއް ލުމުންވެސް ބޮޑަށް އަލިވެއެވެ. މޫސުން ގޯސްވެ ރާޅު ބޮޑެތިވާ ދުވަސްވަރަށް ގިނައިން ރެދަން ލާކަމަށްވެސް ބައެއް ދިވެހިން ފާހަގަކުރެއެވެ.

ޑައިނޮފްލެޖަލޭޓަކަށް ޕްރެޝަރެއް އައުމުން އޭގެ ސެލްތަކުގައި ކެމިކަލް ރިއެކްޝަނެއް އުފެދުމަށް މެދުވެރިވެއެވެ. އެ ކެމިކަލް ރިއެކްޝަނާ ވިދިގެން ކަރަންޓު ސިގްނަލެއް އުފެދެއެވެ. އަދި މި ކަރަންޓު ސިގްނަލްގެ ސަބަބުން އަލީގެ ދޯދި ބޭރުވުމަށް މެދުވެރިވެއެވެ. 2013ވަނަ އަހަރު ވަލިއާޑީއާއި ރޮޑްރިގޭޒް ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މިހުރިހާ ސިގްނަލްތަކެއް ޑައިނޮފްލެޖަލޭޓެއްގައި ދައުރުކޮށް އަލި އުފެދުމާ ދެމެދު ނަގަނީ އެންމެ 20 މިލިސިކުންތެވެ (ސިކުންތެއްގެ ފަންސާސް ބައިކުޅަ އެއްބައި).

ރެދަނުގެ އަލި އެންމެ ގަދަވާ ވަގުތު

ސައިންސްވެރިންގެ ޓީމެއް 1985ވަނަ އަހަރު ކުރި ދިރާސާއެއްގައިވާގޮތުން ދުވާލުގެ އަލީގެ ސަބަބުން ޑައިނޮފްލެޖަލޭޓްގައި އަލި އުފައްދައިދޭ ބައެއް މާއްދާތައް ހަލާކުވުމަށް މެދުވެރިވެއެވެ. ހަމަ އެގޮތަށް އިރު އޮއްސުމުން އަނެއްކާވެސް މި މާއްދާތައް އަލުން އުފެދެއެވެ. މި ދިރާސާގައި އިތުރަށް ބުނެފައިވާގޮތުގައި ރެދަނުގެ އަލި އެންމެބޮޑަށް ގަދަވާނީ އިރުއޮއްސޭތާ 4 ގަޑިއިރު ފަހުންނެވެ. މިހެން ދިމާވަނީ އިރު އޮއްސުމަށްފަހު އަލި އުފައްދައިދޭ މާއްދާތައް އަލުން އުފެދުމަށް ވަގުތު ނަގާތީއެވެ.

ގިނަ ސައިންސްވެރިން އެއްބަސްވާގޮތުގައި ރެދަނުގައިވާ އަލިކަމަކީ މި ކުދި ދިރުންތައް ޝިކާރައިން ދިފާއުވުމަށް ބޭނުންކުރާ އުކުޅެކެވެ.

ކޮންމެއަކަސް ޤުދުރަތީގޮތުން ލައްވާފައިވާ މި ދިރުންތަކަކީ އަހަރެމެން އިންސާނުންނަށް ވަރަށް ހިތްގައިމު ރީތި މަންޒަރަކަށްވަނީ ވެފައެވެ. ރެދަނުގެ ސަބަބުން ދިއްލޭ ގޮނޑުދޮށްތަކުގެ ގޮތުގައި މީގެކުރިންވެސް ރާއްޖޭގެ ގޮނޑުދޮށްތައްވަނީ ބޭރު ޤައުމުތަކުގެ މެދުގައި މަޝްހޫރުވެފައެވެ. އަދި މިއީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންވެސް ނުހަނު ބަލާހިތްވާ މަންޒަރެކެވެ. ރެދަން ލުމަކީ ދިވެހިރާއްޖޭގެ އެންމެ އަގުހުރި ޚަޒާނާކަމަށްވާ ޤުދުރަތީ ރީތިކަމަށް ލިބިފައިވާ އިތުރު މުއްސަނދިކަމެއް ކަމާމެދު ޝައްކެއްނެތެވެ.

Advertisement

ކޮމެންޓް