އެޑް ވުޑްވާޑްގެ އިންޒާރު މޮރީނިއޯއަށް

26 Sep 2018 | 06:43

މެންޗެސްޓަރ ޔުނައިޓެޑްގެ 2017-18ގެ އަހަރީ ހިސާބުތައް ހާމަކުރަމުން މެންޗެސްޓަރ ޔުނައިޓެޑްގެ ވައިސް ޗެއަރމަން އެޑް ވުޑްވާޑް ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ނިސްބަތްވާ ހުރިހާ އެންމެންވެސް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދަނީ މެންޗެސްޓަރ ޔުނައިޓެޑަށާއި ކްލަބުގެ މެނޭޖަރ މޮރީނިއޯއަށް ޓްރޮފީތަކެއް ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ފިލޯސަފީއަކީ އެކެޑަމީގެ ކުޅުންތެރިން އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއިއެކު ޓީމެއް އެކުލަވާލުންކަމަށްވެސް އެޑް ވުޑްވާޑް ބުނެފައިވެއެވެ. އެޑް ވުޑްވާޑް މިކަންތައްތައް ފާހަގަކޮށްފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުނެތެރިންގެ މުސާރަ 300 މިލިއަން ޕައުންޑާގާތަށް އަރާފައިވާކަން ފާހަގަ ކުރަމުންނެވެ.

ފުޓްބޯޅައިގެ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ މެންޗެސްޓަރ ޔުނައިޓެޑުން ލީގު އަދި މުބާރާތްތަކުގައި ތަކުރާރުކޮށް ދައްކަމުންދާ ދަށްކުޅުމަށާއި ނެރެމުންދާ ދަށް ނަތީޖާތަކުގެ އިތުރުން ކްލަބުގެ ކުޅުންތެރިންނާއި މެދު މޮރީނިއޯގެ ހުރި ހިތްހަމަނުޖެހުންތަކަށް އެޑް ވުޑްވާޑް ދިން ނުސީދާ އިންޒާރެއްކަމުގައެވެ. ނިމިގެން ދިޔަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑް ލީގް ނިންމާލީ 2 ވަނާގައި އޮވެ ކުޅުނު އިތުރު އެއްވެސް އެހެން މުބާރާތަކުން ކާމިޔާބީއެއް ނުލިބިއެވެ. 

Advertisement

ކޮމެންޓް