ސްރީލަންކާ ފަތުރުވެރިންނަށް އަލުން ހުޅުވާލަނީ

22 Dec 2020 | 14:22

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން މިމަހުގެ 26ވަނަ ދުވަހުން ފެށިގެން އަވައްޓެރި ސްރީލަންކާއަށް އަލުން ފަތުރުވެެރިން ގެނައުމަށް ނިންމައިފިއެވެ.

އެގޮތުން މި ޕައިލެޓް ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ 26ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން އައުމުގެ ހުއްދަ ދެވިގެންދާނީ ކޮން ގައުމެއްގެ ފަތުރުވެރިންނަށް ކަމަށާއި، އެފަރާތްތަކުން އަމަލުކުރަން ޖެހޭނެ ގޮތްތައް އެގައުމުން މިހާތަނަށް ސްރީލަންކާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެންމެ ފުރަތަމަ ގެނައުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ފަތުރުވެރިންގެ ގްރޫޕެއްކަމަށް އެގައުމުގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ސްރީލަންކާގެ ތިން އެއާޕޯޓަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ. އެއީ ހަމްބަންޓޮޓާގެ މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއާޕޯޓް، ނިގަމްބޯގެ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ރަޓަމަލާނާގެ ރަޓަމަލާނާ އެއާޕޯޓެވެ.

މި އެއާޕޯޓްތަކަށް ޖައްސާ އެއާލައިންތަކުގެ އަތުން އަންނަ ޖެނުއަރީ މަހުގެ 19ވަނަ ދުވަހާ ހަމައަށް އެއްވެސް ލޭންޑިންގ ޗާޖެއް އަދި ޕާކިންގ ފީއެއް ނުނަގަން ލަންކާގެ ކެބިނެޓުން ވަނީ ނިންމާފައެވެ. މިފަދައިން ނިންމާފައިވަނީ ބައިނަލްއަގްވާމީ އެއާލައިންތަކުން އެގައުމަށް ދަތުރުކުރުމަށް އިތުރަށް ބާރުއެޅުމުގެ ގޮތުންކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement