އުސޫލު އިއުލާން ކުރުމަށްފަހު ޝަކުވާ ހުށަހަޅަން ފުރުސަތު ނުދިން މައްސަލަ އެސީސީއަށް

23 Dec 2020 | 14:27

ހިޔާ ފްލެޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދިން ގޮތާމެދު އޭސީސީއަށް ޝަކުވާ ހުށައަޅަން އާއްމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާއިން ނިންމައިފިއެވެ.

އެ ޖަމްއިއްޔާއިން ބުނީ އެންމެ ގިނަ ބަޔަކަށް ޕޮއިންޓު މަދުވެފައި ވަނީ ދިރިއުޅުމުގެ ހާލަތުގެ ބައިންކަމަށާއި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓު ކޮމެޓީން އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ‏ބައެއްގެ ޝަކުވާ ހުށަހެޅުުމުގެ ފަހު ތާރީހު ހަމަވެފައިވާ ކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން H7 ފިޔަވައި އެހެން އެއްވެސް ކެޓެގަރީއެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

އާއްމުންގެ އެކުވެރި ގުޅުމުން ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ދާއިމީ ލިސްޓު ނެރުމަކީ އެތައް ހާސް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ދާއިމީ ލިސްޓު ނެރުމުގެ ކުރިން ޝަކުވާ ހުށަހަޅަން ފުރުސަތުދޭން އެ ޖަމްއިއްޔާއިން ގޮވާލި ގޮވާލުމަށް ފްލެޓްކޮމެޓީން އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން ޖަވާބެއް ދީފައި ނުވާކަމަށެވެ. އެހެންކަމުން މި‏ކަމާއި ގުޅިގެން އޭސީސީއަށް ސިޓީ ލުމަށް ވަކިވަކި މެންބަރުންނަށް އިރުޝާދު ދީފައިވާކަމަށާއި މިއަދުން ފެށިގެން މެންބަރުން އެ ސިޓީ ފޮނުވަމުން ގެންދާނެކަމަށް ވަނީ ބުނެފައެވެ.

"‏މި ފުރުސަތުގައި އަނެއްކާވެސް ފްލެޓުވެރިންގެ ޝަކުވާ އަޑުއަހައި، ހައްގުތައް ހަނި ނުވާނެ ގޮތަށް މިކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން އެންމެން އިށީނދެ މަޝްވަރާ ކުރުމަށް ފްލެޓުކޮމެޓީގެ މެންބަރު ⁦‪@thosves‬⁩ އަދި ވަޒީރު ⁦‪@AslamAslamtey‬⁩ އަރިހުން އެދެމެވެ. ޝަކުވާ ހުށައެޅުމުގެ އަސާސީ ހައްގު އާންމުންނަށް ނުދީ ދާއިމީ ލިސްޓު ނެރުމުން ދެން ނިކުންނާނެ މައްސަލަތައް އިތުރަށް "ކޮމްޕްލެސް" ވެފައި، ހައްލު ކުރަން އުދަގޫވެ، އަނެއްކާވެސް އެތައް ވަގުތެއް ބޭކާރުވެގެން ދާނެއެވެ. ވީމާ އެނގިތިބެ މިފަދަ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ"، އެ ޖަމްއިއްޔާއިން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.

‏ޝަކުވާ ހުށަހެޅުން ފަދަ އަސާސީ ހައްގެއް ހޯދަން އާންމުމީހާ މިގޮތަށް ސިޓީލައި، އެމީހާ އަށް މިގޮތަށް "ގަނަތެޅެން" މަޖުބޫރު ކުރުވުމަކީވެސް ވަރަށް ދެރަކަމެއްކަމަށް ވަނީ އެފަރާތުން ބުނެފައެވެ. އާންމުންނަށް ޝަކުވާ ހުށަހެޅުުމުގެ އަސާސީ ހައްގެއް ދީގެން ހެޔޮވެެރިކަމެއް ކުރާ ބަޔަކަށް ލިބޭނެ ގެއްލުމެއް އޮވެދާނެކަމަކަށް ނުފެންނަކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

Advertisement

ކޮމެންޓް