ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދިން ބިރުވެރި ރާޅުތަކަށް 16 އަހަރު!

26 Dec 2020 | 12:42

ޒަމާނުއްސުރެ ދިވެހިންނަކީ، އެބައިމީހުން ދިރިއުޅޭ ރަށްތަކުގެ ވަށައިގެން އޮންނަ ކަނޑުތަކާ ވަރަށް ޚާއްސަ ގުޅުމެއް އޮންނަ ބައެކެވެ. އެކަނޑުތަކަކީ ދިވެހިންނަށް އަމާން، ރިޒުގު ލިބެނިވި ވަސީލަތެކެވެ. ދޭތެރެއިން އުދައެރުން ފަދަ ކަންކަން ކުރިމަތިވިޔަސް، ހަގީގަތުގައި ޖުމްލަކޮށް ދިވެހިންނާ އެބައިމީހުންގެ ކަނޑުތަކާ އޮންނަނީ މާނަފުން ގުޅުމެކެވެ. އެހެނަސް، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26ވަނަ ދުވަސް ވެގެންދިޔައީ އެކަން ބަދަލުކޮށްލިފަދަ ދުވަހަކަށެވެ. 

އެދުވަހަށް އިރު ދުނިޔެއަށް ފާއްދާލީ އާދައިގެ އާދިއްތަ ދުވަހެއް ފަދައިންނެވެ. އަމާންކަންމަތީ، އުފަލާއި ހިތްހަމަޖެހުމުގެ ކުލަތައް ދައްކަމުންނެވެ. އެހެނަސް، ވަކި ހިސާބަކުން އެ ދުވަސް ވެގެންދިޔައީ އެތަކެއް ބަޔަކަށް ބިރާއި ނާމާންކަން ކުރިމަތިކުރުވި ފަދަ ދުވަހަކަށެވެ. ދިވެހިންގެ ވަށައިގެންވާ ކަނޑުތަކަކީ ދިވެހިންގެ ހަތުރުންނަށްވެ، އެބައިމީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ދުވަހަކަށެވެ.

2004ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑޮނީޝިޔާގެ އުތުރު ސުމަޓްރާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދާއި ގާތުން ރެކްޓަރ މިންގަނޑުން 9.1ގެ ބާރުމިނުގެ ބިންހެލުމެއް އައެވެ. މީގެކުރިންވެސް އާންމުގޮތެއްގައި ބިންހެލުންތައް އަންނަ މި ސަރަހައްދަށް އައި މި ބާރުގަދަ ބިންހެލުމުން ކަނޑުގައި ބިޔަ އުސް ރާޅުތަކެއް އުފެއްދިއެވެ. މި ރާޅުތައް އެހިސާބުން ދަތުރުކޮށް އެންމެ ފަހުން އެރީ ދިވެހިރާއްޖޭގެ ކުދިކުދި ރަށްތަކަށެވެ.

އިންޑޮނީޝިޔާއަށް އައި ބިންހެލުމުގެ ލޮޅުމުގެ ކުޑަ އަސަރެއް ދިވެހިރާއްޖެއަށްވެސް އޭރު އިހުސާސްކުރެވުނުކަމަށް ވެއެވެ. އެ ބިންހެލުމުން އުފެދުނު ރާޅުތައް ރާއްޖޭގެ ގިނަ ރަށްރަށަށް އަރަން ފެއްޓިކަމަށް ރެކޯޑްކުރެވިފައިވަނީ ހެނދުނު 9:20 ހާއިރުގައެވެ.

މި ބިރުވެރިކަމަކީ މީގެކުރިން ގިނަބަޔަކު ދެކެފައި ނުވާފަދަ ކަމެކެވެ. އެފަދަ ކަމަކަށް ދިވެހިންނަށް ތައްޔާރުވެވިފައިވެސް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އަދި ބައެއް ފަރާތްތަކަށް ބޮޑެތި އަނިޔާތައް ލިބި، އެތަކެއް ބަޔަކު ލޯބިވާ މީހުންނަށް އަލްވަދާއު ކިޔަން ޖެހުނެވެ. މީގެ އިތުރުން، ވީނުވީއެއް ނޭނގި ގެއްލުނު ފަރާތްތަކެއްވެސް ހިމެނެއެވެ. 

ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި ހާދިސާގައި ރާއްޖެއިން ޖުމްލަ 82 މީހަކު ނިޔާވިއެވެ. އަދި 24 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެ މަރުހޫމުންގެ އެންމެހާ ފާފަތައް ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަމެވެ.

ސުނާމީގެ ސަބަބުން ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބި، 20 ރަށެއްގައި ދިރިއުޅެމުންދިޔަ މީހުން ވަގުތީގޮތުން އެހެން ރަށްރަށަށް ބަދަލުކުރަންވެސް ޖެހުނެވެ. އޭގެ ތެރެއިން ރ.ކަނދޮޅުދޫ ފަދަ ރަށްރަށުން ބޭލި މީހުން މިއަދު ދިރިއުޅެމުންދަނީ އަމިއްލަ ހަގީގީ ވަޒަނުން ބޭރުގައި، ރ.ދުވާފަރުގައި މުޅިން އާ ދިރިއުޅުމެއް ފަށައިގެންނެވެ. މި ނޫނަސް އެހެން ރަށްރަށުގެ ފަރާތްތަކުންވެސް އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށްރަށުގައި އާބާދުވާން ޖެހުނެވެ.

މި ބިރުވެރި ކާރިސާގެ ރާޅުތައް ދިވެހި ދީބުގެ ރަށްތައް ދޮވެލުމަށްފަހު ދިއުމުން ދެން ކުރިމަތިލާން ޖެހުނީ ފަހުގެ ތާރީޚެއްގައި ދިވެހިންގެ އެއްބައިވަންތަކަމާ ދިމާވި އެންމެ ބޮޑު އިމްތިހާނާއި އެވެ. އެތައް ބަޔަކު ހާލުގައި ޖެހި، ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ދިމާވިއެވެ. ތަރައްގީގެ ސަފުގައި ދިވެހިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކެއް ފަހަތަށް ޖެހިގެންދިޔައެވެ.

އެ ހިތްދަތި ވަގުތުގައި ދިވެހިން ނިންމީ މުޅި ދުނިޔެއަށް މިސާލު ދައްކާށެވެ. އެކުވެރިކަމާ އެއްބައިވަންތަކަން ދައްކައި، ގައުމީ ރޫހުގައި ކުރިއަރައިގޮސް ގައުމު އާރާސްތުކުރާށެވެ. ވީ މިންވަރަކުން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ، ގައުމު ކޮޅަށް ޖަހައި ނެގެހެއްޓުމުގައި ބައިވެރިވާށެވެ. އެ ބިރުވެރި ރާޅު ވެގެންދިޔައީ ހައްސާސީ ދަނޑިވަޅެއްގައި ދިވެހިން އެއްބައިވަންތަކުރުވި ކަމަކަށެވެ.

ސުނާމީގެ ބިރުވެރިކަމަށް މިއަދު 16 އަހަރު ފުރިއްޖެއެވެ. އެ ހަނދާންތައް އަދިވެސް ގިނަބަޔެއްގެ ހިތުގެ ތެރޭގައި ބިންވަޅު ނެގިފައި އެބަހުއްޓެވެ. އެފަދަ ދުވަހެއް ދެން އަލުން ތަކުރާރު ނުވާން ހިތާހިތުން ކޮންމެ އަފްރާދަކުވެސް އެދޭނެއެވެ. އެހެނަސް، އެފަދަ ކޮންމެ ވަގުތަކު ދިވެހިން ތިބޭނީ އަތުގުޅާލައިގެން އެކުއެކީގައެވެ. މާޒީވެދިޔަތަން އަތުލުމަށް އާނބަސް ބުނުމުގައެވެ.

Advertisement

ކޮމެންޓް