ރޭ ޓީވީއެމްއިން ދެއްކި "ލޭކަރުނަ" ފިލްމަކީ ރައީސް ޞާލިހް ޕްރޮޑިއުސްކުރެއްވި ފިލްމެއް!

28 Dec 2020 | 01:16

ޓީވީއެމްއިން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެރޭ ދައްކާ ދިވެހި ފިލްމަކީ ގިނަބަޔަކު އެވަގުތަކަށްޓަކައި ހުސްވެގެން، އިންތިޒާރުގައި ތިބޭފަދަ ކަމެކެވެ. މީގެ އަހަރުތަކެއް ކުރީގެ ދިވެހި ފިލްމްތަކަށް ބަލައި، ހީ ސަކަރާތުގައި އެ ފިލްމްތަކުގެ "އާދަޔާ ޚިލާފު" ޕްލޮޓްތަކުގެ ވާހަކަ ދެއްކުމަކީ ގިނަބަަޔަކު ކުރާ ކަމެކެވެ.

މިގޮތުން ރޭވެސް ޓީވީއެމްއިން ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި ކުޅެފައިވާ ދިވެހި ފިލްމެއް ދައްކާފައެވެ. އެ ދުވަސްވަރުގެ މަޝްހޫރު އެކްޓަރުންކަމަށްވާ ދަރާ މުހައްމަދު ރަޝީދު، މަރިޔަމް ރަޝީދާ އަދި އަހުމަދު ޝަރުމީލް އިސް ރޯލްތަކުން ފެނިގެންދިޔަ ފިލްމްގެ ނަމަކީ "ލޭކަރުނަ"އެވެ. 

ހަސަން ނަޖްމީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ފެނިގެންދަނީ  ރަށެއްގައި ދިރިއުޅެމުންދިޔަ ކުއްޖަކު މާލެ ބަދަލުވެ، އޭނާގެ ބޭބެގެ މަތިން ހަނދާން ނައްތާލުމުން އެ ބޭބެ އޭނާ ހޯދަން މާލެ އައިސް ދިމާވާ ކަންތައްތަކެއްގެ ވާހަކައެވެ. އިޝްގީ އަދި އާއިލީ ލޯބީގެ ރަހަތައް ހިމެނި، ހެއްވާ މަޖާ ބައިތަކެއްވެސް ހިމެނޭ ގޮތަށް ގެނެސްދީފައިވާ މި ފިލްމަކީ އެ ދުވަސްވަރު ވަރަށް މަޝްހޫރު ވެގެންދިޔަ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް ޓީވީއެމްގެ ފަރާތުން ތައްޔާރުކުރި މި ފިލްމްގައި އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ އެ ފިލްމްގެ ޕްރޮޑިއުސަރެވެ.

މި ފިލްމްގެ ޕްރޮޑިއުސަރަކީ ޓީވީއެމްގައި އޭރު މަސައްކަތް ކުރައްވަމުން ގެންދެވި ޒުވާން ޕްރޮޑިއުސަރެކެވެ. އާދެ، ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ސްކޫލް ދައުރު ނިންމަވާލެއްވުމަށްފަހު ރައީސް ޞާލިހް އެންމެ ފުރަތަމަ އަދާކުރެއްވީ ޓީވީއެމްގެ ޕްރޮޑިއުސަރެއްގެ މަގާމެވެ. މި މަގާމުގައި ހުންނަވައިގެން އަތޮޅުވެރިންގެ ބައްދަލުވުން ކަވަރކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތަކީ ސިޔާސީ ކަންކަމަށް ލޯ ހުޅުވުމަށް ލިބިވަޑައިގެންނެވި ރަނގަޅު ފުރުސަތެއްކަމަށް އެމަނިކުފާނު މީގެކުރިން ވަނީ އިންޓަރވިއުތަކުގައި ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް