މާލޭގައި އޮތް ކައިވެނި ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

26 Dec 2020 | 20:01

މިމަހުގެ 20ވަނަ ދުވަހު މާލޭގެ ޝީ ބިލްޑިންގގައި އޮތް ކައިވެނީގެ ހަފްލާއަކަށްދިޔަ 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މީގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭކަމަށެވެ. އަދި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ވަނީ މިހަފްލާގައި ބައިވެރިވެފައިވާކަމަށް ވަނީ ބުނެފައެވެ.

ޝީ ބިލްޑިންގްގައި ބޭއްވުނު މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް އެނގިފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްޕީއޭއިން ދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. އަދި އެޗް.ޕީ.އޭ އިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް