ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތް: ރައީސް ޞާލިހް

27 Dec 2020 | 05:35

ކޮވިޑަށްފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސުނާމީ ކާރިޘާގެ އެ ނާޒުކު ވަގުތު ހުރިހާ ފަރުދުން ވެސް ޤައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ، އިސްކަންދިނީ، އެކަކު އަނެކަކަށް އެހީތެރިވުމަށްކަމުގައެވެ. އަދި ހަމައެހެންމެ، އެ ކާރިޘާގެ ހަނދާންތައް އައުކުރާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވާ އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވައި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި، ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަންއަށް ވާޞިލްވުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި، ވަކީން ޚާއްޞަކޮށް އަމިއްލަ ކުންފުނިތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުންގެ ބައިވެރިވުން ސަރުކާރަށް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 އަކީ ސުނާމީ ކާރިޘާއަށް ފަހު ރާއްޖެއަށް ކުރިމަތިވި އެ ފަދަ އެންމެ ބޮޑު ކާރިޘާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަ ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވީ މިއިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ބޮޑެތި އިޤްތިޞާދީ ދަތިތަކަކާ ކަމުގައެވެ. ނަމަވެސް، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމާއެކު، ފަތުރުވެރިކަމަށް ކުރިއެރުން ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ބޭނުންވާ އެއް މަންޒިލަކަށް ރާއްޖެ ބަދަލުވަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ކޯވިޑް-19ގެ ވެކްސިން ހަމަޖެހިގެންދާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑްއަށް ފަހު ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން މަސްވެރިންގެ ހުރި ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަން ފަހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަކަށް އެ ސިނާޢަތް ބައްޓަންކުރުންކަމުގައެވެ. އެ ގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތް މިހާރު އޮތްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ވެސް އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މުޅިން ދޫކޮށްލުމުގެ ވިސްނުމާމެދު އެ މަނިކުފާނު ވިދާޅުވީ، އެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނަމަވެސް، މި ވަގުތު އެކަން އެގޮތަށްކޮށްފި ނަމަ މަސްވެރިކަމަށް އެތަކެއް ލޯނެއް ނަގައި އިންވެސްޓްކޮށްގެން ތިބި އޮޑިވެރިން ބަނގުރޫޓުވެދާނެކަމުގެ ބިރު އޮންނާނެކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި، ސަރުކާރުގެ މަސް ކުންފުނި ކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މެދުވެރިކޮށް މަސްވެރިންނަށް ގެނެސްދީފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައެވެ.

އެގޮތުން، މިފްކޯއަކީ އެތައް އަހަރެއް ވަންދެން ގެއްލުމުގައި ހިނގަމުންދިޔަ ކުންފުންޏެއް ނަމަވެސް، މިދިޔަ އަހަރަކީ ވެއަތުވެދިޔަ 14 އަހަރުގެ ތެރޭގައި ވެސް އެ ކުންފުންޏަށް އެންމެ ގިނައިން މަސް ގަނެ، އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވާ އަހަރުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރާއި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން މިފްކޯއަށް މިކަންކަމަށް 571 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދިނުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިތްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނެވުނެވެ.

Advertisement

ކޮމެންޓް

Advertisement