ރައީސް ޔާމީން ޖަލުގައި ހުންނަވައިގެންވެސް ސުވާލުކުރެއްވީ ޤައުމުގެ ޙާލަތާ ގުޅޭގޮތުން: އަދުރޭ

29 Dec 2020 | 18:02

ރައީސް ޔާމީންއާއި ޖަލުން ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބުވަޑައިގަތުމުންވެސް އެމަނިކުފާނު ސުވާލުކުރެއްވީ ޤަޢުމުގެ ޙާލަތާ ގުޅޭގޮތުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ފަރާތުން ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ "ވިސްނާ" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީން އާއި ޖަލުން ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ. އެފުރުސަތުގައިވެސް އެމަނިކުފާނު ސުވާލުކުރެއްވީ ޤައުމުގެ ޙާލަތާއި ގުޅޭގޮތުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެފުރުސަތުގައި އެމަނިކުފާނު ކަންބޮޑުކުރެއްވުން ފާޅުކުރެއްވީ، ރާއްޖޭގެ އިސްލާމީ ވަޙުދަތާއި، ޤައުމުގެ މިނިވަންކަން އޮތް ޙާލަތާއި ގުޅިގެން ކަމަށްވެސް އަދުރޭ ފާހަގަކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގައިވެސް އިސްލާމްދީނާ ޚިލާފް ކަންކަމަށް ޖާގަ ހޯދުމަށް ބޭރުގެ ޤަޢުމުތަކުން ފިއްތުންތައް ކުރިމަތިކުރި ކަމުގައިވިއަސް، އެކަމަށް އެމަނިކުފާނު ޖާގައެއް ނުދެއްވާނެކަމަށެވެ.

Advertisement

ކޮމެންޓް