Advertisement

ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޚާއްސަ ކެމްޕެއިނެއް!

27 Dec 2020 | 20:04

ދިވެހި އުފެއްދުންތަކާއި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޚާއްސަ ކެމްޕެއިނެއް ފެށުމަށް ނިންމައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެންގެވުމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކުލަވާލެވޭ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތަކާއި ޚިދުމަތްތައް ފޯރުކޮށްދީ ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރުމެވެ.

މި މަޤްސަދު ހާސިލްކުރުމުގެ ގޮތުން، ފަރުތުރުވެރިންނަށް ދިވެހި އުފެއްދުންތައް ތައާރަފުކޮށް ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ބީސީސީއިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީ ސަރަހައްދުގައިގައި "އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި ފިހާރައެއް ހުޅުވާފައެވެ. ގޭގައިގައި ތިއްބަވައިގެން ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކުން ފެށިގެން ނަން މަޝްހޫރު ދިވެހި ބްރޭޑްތައް ހިމެނޭގޮތުން 60 އަށްވުރެގިނަ ސަޕްލަޔަރުންގެ މުދާ މި ފިހާރައިން ލިބެން ހުންނާއެވެ. 

ފުރަތަމަ ފިހާރައަށް ލިބެމުންދާ ކާމިޔާބަށް ބަލައި، ދިވެހިންނަށާއި ފަތުރުވެރިންނަށް އަމާޒުކޮށް ބީސީސީއިން ވަނީ އޮތެންޓިކް މޯލްޑިވްސްގެ 2 ވަނަ ފިހާރައެއް ހުޅުމާލޭ ސެންޓްރޯ މޯލްގައި ޤާއިމުކޮށްފައެވެ.

ހުޅުމާލޭގައި ހުޅުވި މި ފިހާރަގައި ކުޑަކުދިން ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އެކުދިން އުފައްދާ ތަކެތި ވިއްކުމަށް "ކިޑްސް ކޯނަރ"އެއް ހިމަނާފައިވެއެވެ.

އޮތެންޓިކް މޯލްޑިވްސްގެ 3 ވަނަ ފިހާރައެއް މާލޭގައި ޤާއިމުކުރުމަށް އަމާޒުހިފައި، "އޮތެންޓިކް މޯލްޑިވްސް" ޕްރޮމޯޓް ކުރުމަށްޓަކައި "އައި ޗޫޒް ލޯކަލް"ގެ ނަމުގައި 25 ޑިސެންބަރު 2020 އިން 25 މާރިޗު 2021 ގެ ނިޔަލަށް ޚާއްސަ ކެމްޕެއިނެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ ދިވެހި އުފެއްދުންތަކާއި ދިވެހި ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތް ގައުމީ ފެންވަރެއްގައި ފަށައިގަތުމެވެ. މި ކެމްޕޭނުގެ ތެރެއިން އެކި ދާއިރާތަކުން އުފައްދާ ދިވެހި އުފެއްދުންތައް ދާއްކާލުމަށް ޙާއްސަ އިވެންޓްތަކެއް ބާއްވައި، ޕޮޑްކާސްޓްތަކާއި އިންޓަރވިއުތަކުގެ ޒަރިއްޔާއިން ދިވެހި އުފެއްދުންތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

އަދި މި ކެމްޕެއިންގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކުގެ އިތުރުން ދިވެހި އިޤްތިސާދު ކުރިއެރުވުމަށްޓަކައި ދިވެހި އުފެއްދުންތަކަށް މުޖުތަމައުގެ އެއްބާރުލުން ދިނުމުގެ މުހިއްމުކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރެވިގެންދާނެއެވެ.

މި އިވެންޓްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެ، ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމުގެ ގޮތުން ހުށަހަޅާ ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އާންމުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް