އިނގިރޭސިވިލާތުން އައިފަހުން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

28 Dec 2020 | 12:21

ކައިވެނި ޕާޓީގެ ކްލަސްޓަރގެ ތެރޭގައި ހިމެނޭ އާއިލާއެއްގެ މެންބަރަކު، އިނގިރޭސިވިލާތުން ރާއްޖެއަށް އައިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ބުނީ ކައިވެނި ޕާޓީގެ ކްލަސްޓަރގެ ތެރޭގައި ހިމެނޭ އާއިލާއެއްގެ މެންބަރަކު، އިނގިރޭސިވިލާތުން ރާއްޖެއަށް އައިފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ފަރާތް އިނގިރޭސިވިލާތުން އައިސްފައިވަނީ ކައިވެނި ޕާޓީގެ ފަހުން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

އެ ސެންޓަރުން އިތުރަށް ބުނީ މި ފަރާތް އައިސްފައިވަނީ ރާއްޖެއިން ބޭރުން މާލެއަށް އަންނަ ފަރާތްތަކުން ކަރަންޓީން ވާން މަޖުބޫރުނޫން ދުވަސްވަރުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެފަރާތުގެ ކިބައިން ބަލީގެ އަލާމާތްތައް ފަހުން ފެނި ކޮވިޑަށް ޓެސްޓްކުރެވުނުކަމަށް ވަނީ ބުނެފައެވެ. 

މިކަމާ ގުޅޭގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ޖީނޯޓައިޕިންގ ކުރުމަށް އެޗްއީއޯސީން ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވަމުން ގެންދާ ކަމަށާއި، އަދި ހަމަ އެފަދައިން އަމަލުކުރަމުން ގެންދާނެކަމަށެވެ. އަދި މި ކޭހަކީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް ވޭރިއަންޓްގެ ކޭހެއްތޯ ބެލުމަށް ލެބްތަކާ ގުޅިގެން މަސައްކަތްކުރަމުންދާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ 20ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ހިފައިގެން އަތުވެއްޖެނަމަ ކަރަންޓީންވާކަށް ނުޖެހެއެވެ.

އިނގިރޭސިވިލާތުން އަންނަ ދިވެހިން ގޭގައި ކަރަންޓީންވާން ޖެހޭގޮތަށް ހަދާފައިވަނީ މިމަހުގެ 27ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement

ކޮމެންޓް