ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ޚާއްސަ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

28 Dec 2020 | 13:59

ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކޮށްފިއެވެ.

މި ލިސްޓު އެކުލަވާލެވިފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތައް ވަކިވަކިން އެނގޭނެގޮތަށެވެ. މިހާރު އައު މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީނަމަވެސް، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އެކުލަވާލާފައިވާ މި ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމެނިފައިވާނީ އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުންކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން ވަނީ ބުނެފައެވެ.

އެގޮތުން މި ލިސްޓުގައި ބޭނުންކޮށްފައިވާނީވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައްކަމަށް ވަނީ ބުނެފައެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާފައިވާ މިންގަނޑުތަކަށެވެ.އަދި ޕޮއިންޓް ދެވިފައިވާނީ 15 ޖަނަވަރީ 2018 ގެ ނިޔަލަށް ޚިދުމަތް ކޮށްފައިވާ މުއްދަތާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށެވެ.

މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާޠިލްވާނެކަމަށާއި، ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ 1 ފްލެޓް ކަމުގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ކަނޑައަޅުއްވާފައެވެ.

"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 28 ޑިސެންބަރު 2020 އިން ފެށިގެން 3 ޖަނަވަރީ 2021 ގެ 15:00 ނިޔަލަށް ހުޅުވާލެވިފައެވެ.

އެގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށައެޅޭނެއެވެ. "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެއެވެ.

Advertisement

ކޮމެންޓް