މޯލްޑިވިއަންގެ ޗާޓަރ ފްލައިޓެއް ލަންކާގެ މައްތަލަ އެއާޕޯޓަށް ޖައްސައިފި

29 Dec 2020 | 13:56

ދިވެހިރާއްޖޭގެ ގައުމީ އެއާލައިންކަމަށްވާ މޯލްޑިވިއަންގެ ޗާޓަރ ފްލައިޓެއް، ސްރީލަންކާގެ ހަމްބަންޓޮޓާގެ މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

ސްރީލަންކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މޯލްޑިވިއަންގެ ފްލައިޓް ކިއު2 6944 އިން ދަތުރުކޮށްފައިވަނީ ސީމަނުންތަކެކެވެ. މި ފްލައިޓް ފުރާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

މިއީ ސްރީލަންކާގެ ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ ދަތުރުތަކެއްކަމަށް މޯލްޑިވިއަންގެ ފަރާތުން މައުލޫމާތުދެއެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ބާއްވާ މި ފްލައިޓްތައް ހަފްތާއަަކު ދެ ދުވަހު އޮންނާނެކަމަށް ވަނީ ބުނެފައެވެ.

މޯލްޑިވިއަންގެ ފަރާތުން މިވަގުތު ސްރީލަންކާއަށް ޝެޑިއުލް ދަތުރުތަކެއް ނުކުރެއެވެ. ނަމަވެސް، ކައިރި މުސްތަގްބަލެއްގައި ދަތުރުތައް ފެށުމަށް އެ އެއާލައިނުން ދަނީ އުންމީދުކުރަމުންނެވެ. އެގޮތުން ކޮލަމްބޯގެ ރަތަމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ބޭއްވުމަށް މީގެކުރިން ވަނީ މަޝްވަރާކުރެވިފައެވެ.

ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލުމާ އެކު، ރަތަމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާނެކަން ވިލާ އެއަރގެ ފްލައިމީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ފޮޓޯ: ކޮލަމްބޯ ގެޒެޓް

Advertisement

ކޮމެންޓް