Advertisement

ޢާންމުންގެ ޖަމިއްޔާއިން އެދުނުގޮތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި

30 Dec 2020 | 18:27

ހިޔާ މަޝްރޫއުގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓްގައި ދިރިއުޅުމުގެ ހާލަތަށް މާކްސްދިން ގޮތާއި މެދު ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ "ހިޔާ" މަޝްރޫޢުގެ ދަށުން އެ ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބައިން ޕޮއިންޓް ދެވިފައިވާ ގޮތުގެ މިންގަނޑު މި ކޮމިޓީއިން އިޢުލާންކޮށްފައިވަނީ، H7 ފިޔަވައި އެހެން ކެޓަގަރީތަކުގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހުކަމަށް ބަޔާންކޮށް އެކި ފަރާތްތަކުން އެ ކޮމިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، އިންސާފުވެރިކަމާއެކު މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 30 ޑިސެންބަރު 2020 އިން ފެށިގެން 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށައެޅުމަށް ވަނީ އެދިފައެވެ. މިއީ އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލެވޭ ދެވަނަ ފަހަރު ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން އެ ކޮމިޓީއިން، މިފަހަރު ރިޢާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނީ "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމަށް ވަނީ ބުނެފައެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުމަށްވަަނީ އެދިފައެވެ.

އެ ކޮމިޓީއިން އިޢުލާންކޮށްފައިވާ ވަގުތީ ލިސްޓްތަކާ ގުޅިގެން އެ ކޮމިޓީއަށް ލިބިފައިވާ ޝަކުވާތައް ބަލައި، ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް މި ކޮމިޓީއިން މިހާރު ކުރަމުން ގެންދާތީއާއި، "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން އިތުރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާތީ އެ ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަކުވާއެއް ބަލައި ލިޔުމުން ޖަވާބު ދިނުމަށްފަހުކަމުގައިކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement