2020އަށް އަލްވަދާއު ކިޔާއިރު....

31 Dec 2020 | 18:50

މިއަދަކީ މީލާދީގޮތުން 2020ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31ވަނަ ދުވަހެވެ. މިއިން ޒަމާނަކު ދުނިޔެ ނުދެކޭފަދަ ބަދަލުތަކަކާ ކުރިމަތިލާންޖެހުނު އަހަރެއްގެ ފަހު ދުވަހެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހަކުން މުޅި އިންސާނީ ނަސްލު ކުޑަކަކޫ ޖެއްސުވި އަހަރެއްގެ ނިމުމެވެ. މިއަހަރަކީ އެތައް ބަޔެއްގެ ހަޔާތަަށް އެތަކެއް އުފަލާއި، އެތަކެއް ހިތާމަ އައި އަހަރެކެވެ. އެހެންކަމުން މިއަހަރަށް އަލްވަދާއު ކިޔާލަން މި ލިޔުން ލިޔާހިތްވީއެވެ.

މި ލިޔުމުގެ ޚިޔާލު ބޮލުތެރޭގައި އެނބުރެމުން އަންނަތާ ދުވަސްކޮޅެއް ވެދާނެއެވެ. ފަހަރެއްގައި މިއީ އަމިއްލަ ނަފްސަށް އެޑްރެސްކޮށް ލިޔެލާ ހުޅުވާލެވިފައިވާ ސިޓީއަކަށްވެސް ވެދާނެއެވެ. އެހެނަސް މި ލިޔުމުގެ ބޭނުމަކީ 2020 ނިންމާލާއިރު، މިހާ ހިސާބަށް ކުރެވުނު ތަޖުރިބާތަކަށް އަލުން ނަޒަރު ހިންގާލާނެ ފުރުސަތެއް ދިނުމެވެ.

2020ގެ ބޮޑުބައެއް ހަމަގައިމުވެސް ހޭދަކުރަން ޖެހުނީ ގޭގައެވެ. އާންމު ދިރިއުޅުމުގެ އެތަކެއް ކަންކަމާއި ދުރުގައި، މުޅިން އާ ވައްޓަފާޅިއެއްގައެވެ. މިއީ ބައެއް ފަރާތްތަކަށް އުފާވެރި ތަޖުރިބާއެކެވެ. ކުރިން ނުކުރެވި ހުރި ބައެއް ކަންތައްތައް ކުރާނެ ވަގުތު ލިބި، އާއިލާ އަދި ރަހުމަތްތެރިންނާ އެކު ގުޅުންތައް ބަދަހިކޮށްލަން ލިބުނު ރަނުގެ ފުރުސަތެކެވެ. ނަމަވެސް ގިނައިރު ގޭގައި ހުރެވުމަކީ އެންމެންނަށް އުފާވެރި ތަޖުރިބާއަކަށްވެސް ނުވެދާނެއެވެ. ބައެއް ފަރާތްތަކަށް އެއީ ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާތައް ލިބޭ ޖަލެކެވެ.

ބައެއް ފަރާތްތަކުން ގެތަކުގައި މަޑުކުރަން ޖެހުނުއިރު، އަނެއްބައި ފަރާތްތަކުން ޖެހުނީ ތިބި ގެތަކުން ނުކުންނާށެވެ. ކޮވިޑްގެ ސަބަބުން އަތްމަތި ދަތިވެ، މާލީގޮތުން ތަނަވަސްކަން ކުޑަވެ ކުލި ނުދެއްކުމުން ޖެހުނީ އުޅެމުންދިޔަ ގެއިން ނުކުންނާށެވެ. ރުހުމާއި ނުރުހުމުގައެވެ. މިފަދަ ބަދަލެއް ތަހައްމަލްކުރަން ޖެހިދާނެކަމަށް އެއްވެސް ބަޔަކު ދެކެފައެއް ނުވާނެއެވެ. އެހެނަސް ދުނިޔޭގެ ކަންތައްތައް ހިނގާ އުސޫލު ވަރަށް ސާފެވެ. ކަންކަމަށް ބަދަލެއް އަންނަކަމަށް ވާނަމަ، އެ ބަދަލު އަންނާނީ ދެގޮތަކަށެވެ. އެއްޗެއް ލިބުމާއި އެއްޗެއް ގެއްލުމެވެ.

ގެއްލުމުގެ ވާހަކަ ދައްކާލާއިރު، ދޭދޭ ގުޅުންތަކަށް ނަޒަރު ހިންގާލުންވެސް މުހިންމެވެ. މިއަހަރު ކޮންމެ މީހަކަށްވެސް އާ ބަޔަކާ އެކު ގުޅުންތަކެއް ބަދަހިވެއްޖެއެވެ. ކުރިން އޮތް ގުޅުންތަކެއް ކެނޑިގެންވެސް ގޮސްފިއެވެ. އެ ގުޅުންތައް ބަދަހިވުމާއި ކެނޑިގެންދިއުމަކީވެސް ގުދުރަތުގެ ނިޔާއެވެ. އެކަންތައްތައް ވެގެންދިޔައީ އެކަންވުމަށް ރޭވިފައިވާ ގޮތަށެވެ. އެއިން ކޮންމެ ކަމަކުން ލިބުނު އުފަލާއި ހިނިތުންވުން، ހިތާމައާއި ކަރުނަ ތަހައްމަލްކުރެވުނީ އިބުރަތެއްގެ ގޮތުގައިކަމަށް ވިސްނާލުން ގޯހެއް ނުވާނެއެވެ.

ތެދެކެވެ. އަހަރު މިދަނީ ނިމިގެންނެވެ. އެހެނަސް މިއަހަރުގައި ދިމާވި އެންމެ ބޮޑު ހިތާމައިން އަދިވެސް އަރައިގަނެވިފައެއް ނުވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމެވެ. އެ ބަލިމަޑުކަމުގެ އެންމެހާ ސީދާ އަދި ނުސީދާ އަސަރުތައް އިހުސާސްކޮށްފައިވާ އަދި މިހާރުވެސް އިހުސާސްކުރަމުންދާ ހާލަތުގައި މިއަހަރު ނިންމާލަން މިވަނީ ޖެހިފައެވެ.

2020ވަނަ އަހަރަށް ބައެއް ފަރާތްތަކުން އަލްވަދާއު ކިޔަނީ އުފަލުގައެވެ. އަނެއްބަޔަކު ހިތާމައިގައެވެ. އަދި އުފަލާއި ހިތާމަ އެކުވެގެން އަލްވަދާއު ކިޔާ ފަރާތްތައްވެސް މަދެއް ނުވާނެއެވެ. އެހެނަސް 2021ވަނަ އަހަރަށް އެންމެންވެސް މަރުހަބާ ކިޔަނީ ކޮންމެވެސް އުންމީދުތަކަކާ އެކުގައެވެ. އެ އުންމީދުތައް ހާސިލްވާނެކަމަށް އުންމީދުކުރަމެވެ! 

Advertisement

ކޮމެންޓް