ޕީޖީގެ ސަމާލުކަން ހުއްޓެންވީ ރޮލެކްސް ގަޑިއަށްތޯއެވެ.

01 Jan 2021 | 09:04

ރާއްޖެއިން ކޮރަޕްޝަނާއި ފަސާދަ ނައްތާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއުލާންކުރައްވާފައިވާ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ތަންފީޒުކުރެވެމުންދާއިރު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ އެމްޑީޕީގެ ސަރުކާރުގެ މައިގަނޑު ވައުދުކަމުގައިވާ އެމްއެމްޕީއާރްސީގެ އެއްބިލިޔަން ރުފިޔާގެ ބޮޑުވައްކަމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބުދީ ދައުލަތުން ގެއްލިގެންދިޔަ ފައިސާ އަބުރާ ހޯދުމަށްކަމަށް ބެލެވުނު ނަމަވެސް ފެންނަ މަންޒަރުތައް މިހާރު ތަފާތުވާން ފަށައިފިއެވެ. 

ސަރުކާރަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅުވައިގެން ކުރީގެ ރައީސް  ޔާމީން ޖަލަށްލާން ކޯޓުން ކުރިހުކުމާއި ޔާމީންގެ ހުރިހާ ތަނަވަސްކަމެއް ދައުލަތަށް ނަގަން ކޯޓުން އަމުރުކުރުމެވެ. ދެން ހޯދި ކާމިޔާބަކީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ވާހަކަފުޅުންނަމަ 800 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ކުރީގެ ނާއިބް ރައީސް އަދި އެމްއެމްޕީއާރްސީގެ ވައްކަމުގެ ހަގީގީ މޭސްތިރި ކަމުގައިވާ އަހުމަދު އަދީބާއެކު ދައުލަތުން ސިއްރިޔާތުގައި އެއްބަސްވުމެއް ހެދުމެވެ. އެއެއްބަސްވުމުގެ ދަށުން އޭނާ ފިނިކުރި ކޮޓަރީގައި އަމިއްލަ އެޕާޓްމަންޓްތަކުގައި އަނބިއަނބިކަބަލުންނާއި އާއިލާގެ ބޭފުޅުންނާއެކު ދިރިއުޅުއްވޭނެ ގޮތް ސަރުކާރުން ހައްދަވައިދެއްވާފައިވެއެވެ. ބަދަލުގައި އޭނާ ކޮށްދޭންވީކަމަކީ ސަރުކާރުގެ ނުފޫޒުގަދަ ވެރިން ވަގުންކަމަށް ކަނޑައަޅާ މީހުންނާ ދެކޮޅަށް ހެކި ދިނުމެވެ. އޭނާ ދޭ ހެއްކަށްވުރެ ވަރުގަދަ ހެއްކެއް ފަނޑިޔާރުންގެ ކުރިމަތީގައިވެސް ނުވާފަދަ އެވެ. ވައްކަންކުރާ ވަގުންނާއެކު ދިވެހި ދައުލަތުގެ ނަމުގައި އެއްބަސްވުންތަކެއް ހަދައިގެން މިހެން އުޅުނު ފަހުގެ ޒަމާނެއް މިނޫނީ ފެނިފައި އެބައޮތްތޯއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގެތެރެއިން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ޒުވާން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެންދިޔަ ރޮލެކްސް ގަޑީގެ މައްސަލައަށެވެ. އެއީ ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާލޭގެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ އަހުމަދު ނިހާން ހުސައިން މަނިކުގެ ރޮލެކްސް ގަޑިއާއި ގުޅުވައިގެން އޭނާގެ މުދާތައް ދައުލަތަށް ނަގަން ކޯޓަށްވަޑައިގަންނަވަން ޕީޖީ ނިންމެވި ނިންމެވުމެކެވެ. 

ނިހާންގެ ރޮލެކްސް ގަޑިއަކީ ޕީޕީއެމް ސަރުކާރުގެ އެންމެ އާރާއިބާރުގެ ދުވަސްވަރު އަދި ނިހާންގެ ސިޔާސީ ހަޔާތުގެ އެންމެ ޗާލާކީ ދުވަސްވަރު ކުރެއްވި ދަތުރެއްގައި ފޮނިކަން ދައްކަވާލެއްވުމަށް، ނުވަތަ މޮޅުކަން ދައްކަވާލެއްވުމަށް ނަމަވެސް އޭނާގެ އަތުކުރީ ގަޑީގެ ފޮޓޯއެއް ދައްކަވާލެއްވުމުން މީހުންގެ ސަމާލުކަން ހުއްޓުނު ގަޑިއެކެވެ. 

އެދުވަސްވަރު މީހުން އޭނާ އެހާ މޮޅު ގަޑިއެއް އަޅާތީ ވަރަށް ފާޑުފާޑުގެ ވާހަކަދައްކައި އުޅުނެވެ. އެމްއެމްޕީއާރްސީގެ އެއޮތް ބޮޑު ޚިޔާނާތުގެ މައްސަލަތަކުގެތެރެއިން ހުސައިން ޝަމީމްގެ ފޯކަސް މިހުއްޓުނީ ރޮލެކްސް ގަޑިއަށެވެ. އޭނާއަށް ރޮލެކްސް ގަޑިއެއް ދިންކަމަށް ބޭނުންކުރާ ހެއްކަކީ އަދީބެވެ. 

ނިހާނަށްދޭން އަދީބު ރޮލެކްސްގަޑި ދެއްވިކަމަށް އަދީބު ވިދާޅުވާކަމަށް ނޫސްތަކުގައި ލިޔެފައިވަނީ މަހުޖަން އެއްލައިދޫ މަނިކަށެވެ. ނިހާނަށް އެ ގަޑިދެއްވަނީ އެއްލައިދޫ މަނިކެވެ. އެއްލައިދޫމަނިކު 2018 ވަނަ އަހަރުވަނީ ނިޔާވެފައެވެ. މިގަޑީގެ އަސްލު ވެރިފަރާތަކީ އަދީބުކަމެއް ނުވަތަ މަހްޖަން އެއްލައިދޫ މަނިކުކަމެއް މިހާރު ސާފުވާނެ ގޮތެއް މަނިކު ދުނިޔެ ދޫކުރައްވާފައި ވުމުން ވޮއިސްއަށްޔަގީން ކުރެވޭގޮތެއް ނުވިއެވެ. ރޮލެކްސް ގަޑީގެ އިތުރަށް އަދީބު ނިހާނަށް ދެއްވިކަމަށް ވިދާޅުވާ އެހެން ފައިސާތަކެއްގެވާހަކަވެސް ޕީޖީ ނަންގަވައެވެ.

ދައުލަތުން މީހުންގެ މުދާތައް ނެގުމުގެ ސަގާފަތެއް ފެށުން

ކޮންމެއަކަސް މައްސަލައަކީ ޕީޖީ ޝަމީމް މިރޮލެކްސް ގަޑިއާއި ހެދި ނަންގަވައިގެން އުޅުއްވާ މައްސަލައެއްނޫނެވެ. އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅުވައިގެން މީސްމީހުން މުދާ ދައުލަތަށް ނަގަން ސަރުކާރުން ބޭނުންވެގެން އުޅޭކަމަށް މިހާރު ބެލެވެންފެށުމެވެ. 

މިގޮތަށް މީހުންގެ މުދާތައް ދައުލަތަށް ނަގައި އުޅުނީ ބޮޑަށް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދެރަދުންގެ ވެރިކަމުގެ ދުވަސްވަރުއެވެ. އޭރު އޮންނަގޮތަކީ ރަސްކަމުގެ ކޮއިލުތެރޭގައި އަތްގަދަ ކުރާން ފުރުސަތު ލިބޭ ފަރާތަކުން އޭނާއާއި އިދިކޮޅު ޚިޔާލުގެ މީހުންގެ މުދާތައް ދައުލަތަށް ނަގައި އެމީހަކު ހިލިހިލާޖަހާފައި މާލެއާއި ވަރަށް ދުރު ރަށަކަށް އަރުވައިލަނީއެވެ. 

މިއަދު ދެރަދުންގެ ވެރިކަން ކަމަށް ސިފަކުރެވޭ ވެރިކަމުގައި މި މިސްރާބަށް ދަތުރުފަށައިގެން އުޅެނީކަމަށް ފެނެއެވެ. ޔާމީންގެ މުދާތައް ނަގައިދޭން ކޯޓްގައި އެދުނުގޮތަށް މިއަދު ނިހާންގެ މުދާތައް، މާދަމާ ކޮންމެވެސް އެހެން ބައެއްގެ މުދާތަކެކެވެ. މީހުންގެ މުދާތައް ދައުލަތަށް ނަގައިގެންނޫނީ ސަރުކާރު ނުހިންގިގެން އުޅެނީވެސް ތޯއްޗެކެވެ. 

އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިފައިވާ ލިސްޓް ހާދަ ދިގެވެ. ހާދަބައިވަރު މީހުންގެ މުދާތައް ނަގަންޖެހެއެވެ. މިހާރު މިދާގޮތުން އަހުމަދު އަދީބުގެ ކައިވެނިފުޅުގައިވެސް އެމްއެމްޕީއާރްސީގެ ފައިސާއިން އަނގޮޓީ ބައްލަވައިގަނެ، ކައިވެނީރަން ދައްކަވައި ކައިވެނީގެ ޕާޓީއަށް ޚަރަދުކޮށްފައި އޮވެދާނެއެވެ. އެމްއެމްޕީއާރްސީގެ ފައިސާނޫން ފައިސާއެއް އަދީބު އަތުގައި ހުންނާނެކަމަށް ސަރުކާރުން ބަލާހެން ހިއެއްނުވެއެވެ. އެހެންވެއްޖެނަމަ އަދީބުގެ ޒުވާން އަނބިކަބަލުން ދައުލަތަށް ނަގަން ޕީޖީ ބޭނުންފުޅުނުވާނެއޭ ބުނަން އެގޭނީ ކާކަށް ހެއްޔެވެ.

ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު އެމްއެމްޕީއާރްސީގެ ވައްކަމުގެ އެންމެ ފައިސާފޮއްޗެއްވެސް އަދި ހޯދިފައި ނުވެއެވެ. އޭގެބަދަލުގައި ފެންނަމުންދަނީ ސަރުކާރުން ސިޔާސީ މީހުން ފަހައިދުވާތަނެވެ. ޔާމީނެވެ. އަބްދުއްރަހީމްވެސް ކޮންމެވެސް އެއްޗެއް ބުނެގެން ޝަރީއަތަށް ފޮނުވުމުގެ މަރްހަލާގައެވެ. ނިހާންއެވެ. ލޯކަލް ކައުންސިލްގެ އިންތިޚާބު ނިމުނީމައި ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒު ހައްޔަރުކުރަން އުޅޭކަމަށް ދޭހަވާ ޒާތަކަށް މަޖިލިސްގެ ރައީސް އިހަށްދުވަހު ވާހަކަފުޅެއް ދައްކަވާފައިވެއެވެ. 

ވައްކަން ކޮށްފިއްޔާ ބަލަންވީއެވެ. އެކަމަކު ޒީރޯ ޓޮލަރެންސްގެ ދަށުން ބަލާ މިމައްސަލަތަކެކޭ ރައީސް މައުމޫންގެ ވެރިކަމުގައި ރަށްރަށުގެ ކަތީބުން ޓިނު ގަނޑަކުން ނުވަތަ ސިމެންތި ބަސްތާއަކަށް ޚިޔާނަތްތެރިވެގެން ކުށްވެރިވެ އަރުވައިލުމެކޭ ތަފާތެއް ނެތެވެ. ބޮޑު ވައްކަމެއް ނުބެލެއެވެ. އެމްއެމްޕީއާރްސީގެ ބިލިޔަން ރުފިޔާ ހުރީ އަދީބާއި ޒިޔަތު އަތުގައި ނޫންތޯއެވެ. ދެން ހުރިފައިސާތައް ހިފައިގެން އިނގިރޭސިވިލާތުގައި އުޅޭ މީހުން އުފަލާއި އަރާމުގައި އެހަރަ ދިރިއުޅެމުންދަނީއެވެ. އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު މަގާމުން އިސްތިއުފާ ދެއްވަމުން 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ފަހުކޮޅު ވިދާޅުވެފައިވެއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އަސްލު ބައިވެރިން ތިބީ ދައުލަތުގެ މަގާމްތަކުގައެވެ. އެމީހުންގެ މައްސަލަތަކެއް ނުބެލޭނެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާތައް ހޯދުމުގެ ބަދަލުގައި ސަރުކާރުން ބޭނުންވަނީ ސަރުކާރުން އެބައެއްގެ މުދާތައް ނަގަން ބޭނުންވާ ބައެއްގެ މުދާތައް ނެގުމަށް ހެކިދޭ ބަޔަކަށް އަދީބާއި ޒިޔަތު ހެދުންކަމަށް ފެނެއެވެ. މިފަދައިން ޒީރޯ ޓޮލަރެންސްގެ ވައުދު ފުރިހަމަކޮށް އިންސާފު ގާއިމު ކުރުމެވެ. 

Advertisement

ކޮމެންޓް