ރާއްޖެއަށް ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ ސިންގަޕޯރ ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ސޮއިކުރަނީ

31 Dec 2020 | 15:49

ދިވެހިރާއްޖެއަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށްޓަކައި ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯރ ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ދާދި ދެންމެއަކު އާންމުކުރި ގަރާރެއްގައެވެ. މިގަރާރުގެ ދަށުން ވެކްސިން ހޯދުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭނެ ގޮތަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ހަމަޖައްސަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިނގިރޭސިވިލާތުން ވަނީ އިމަޖެންސީ ބޭނުންތަކަށް އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިއްޔެގެ ވަގުތެއްގައި ދީފައެވެ. އެކުންފުނިން ބުނެފައިވާ ގޮތުގައި މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

ފިނޭންސް މިނިސްޓަރ އަމީރު ސޮއިކުރައްވާ ނެރުއްވި ގަރާރުގައިވާ ގޮތުގައި ކޮވިޑް ވެކްސިނަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށްވެ، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ އަތުން މެނުވީ ލިބޭކަށެއް ނެތެވެ. އަދި އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަނީ ޕްރޮކިއުމަންޓްގެ ޚާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށާއި، ކޮވިޑް-19އިން ރައްޔިތުން ރައްކާތެރިކުރުމަށް ވެކްސިން ހޯދުމުގެ މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02-1 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭނެ ގޮތަށް މިނިސްޓަރ އަމީރު ވަނީ ނިންމަވާފައެވެ.

މި މާއްދާތަކަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.43، 10.52، 10.67 އަދި 10.71 ވަނަ މާއްދާއެވެ.

މި ގަރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން ކުރާ ޚަރަދުތަކުގެ ޚާއްސަ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެއެވެ. އެ ޚަރަދުތަކަށް މިނިސްޓްރީ އޮފް ހެލްތުގެ މާލީ ޒިންމާދާރުވެރިޔާ ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ވަނީ އަންގާފައެވެ. 

Advertisement

ކޮމެންޓް