Advertisement

2020: ޖަޕާނާއި އެކުގައި އޮތް ޒަމާންވީ ގުޅުން އާ ހަރުފަތަކަށް!

31 Dec 2020 | 20:23

1965ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހުގައި އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުން ވަކިވެ، މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނަން ފެށުނީއްސުރެ ދިވެހި ގައުމުގެ ތަރައްގީއަށް އެކުވެރި ގައުމުތަކުން ދަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އިގްތިސާދީ މުހިންމު ކާމިޔާބީތަކާ، ތަރައްގީއާ ގުޅޭ ގިނަ ކަންތައްތައް ވެފައިވަނީ ބޭރު ގައުމުތަކުގެ މަދަދާއި އެކުގައެވެ. އަދި ކާރިސާއެއްގެ ހާލަތުގައި ހާލުގައި ޖެހުމުން އެހީގެ އަތެއްވެސް ދިއްކޮށްލަނީ ހަމަ މި ގައުމުތަކުންނެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ގައުމަކީ ކިތަންމެ ދުރުގައި އޮތް ނަމަވެސް، ދިވެހިންގެ ހިތްތަކާ ގާތުގައިވާ ޖަޕާނެވެ. 1967 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 16ވަނަ ދުވަހުގައި ދެގައުމުގެ މެދުގައި ރަސްމީ ގުޅުންތައް ގާއިމްކުރުމަށް ސޮއިކުރެވުނުފަހުން މިއަދާއި ހަމައަށް ޖަޕާން ވެގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ އެންމެ ގާތް އެއް ގައުމަށެވެ.

އެގޮތުން ޖަޕާން ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއިން މިއަދާއި ހަމައަށް ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގައި، އެހެނިހެން ރޮނގުތަކުންވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ނިމިގެންމިދާ 2020ވަނަ އަހަރަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެއިން ނުދެކޭފަދަ ދަތި ދުވަސްތަކެއް ތަޖުރިބާކުރަން ޖެހުނު އަހަރެކެވެ. ކޮވިޑް-19ގެ ނުރައްކާތެރި އާލަމީ ވަބާގެ އަސަރު ދިވެހިރާއްޖެއަށް ފޯރައި، އިގްތިސާދީގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެއީ މުޅި ދުނިޔެއިންވެސް އެކަން ތަޖުރިބާކުރި ގޮތެވެ. ދިވެހިންނާއި ގާތް ޖަޕާނުގައިވެސް ކޮވިޑް ބަލީގެ އަސަރުތައް ހުރީ މި ބީދައިންނެވެ.

ނަމަވެސް، ދެގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުމާއި ދިވެހި ޚާރިޖިއްޔާގެ މިންނެތް މަސައްކަތުން މިއަހަރު ވެފައިވަނީ ދެގައުމުގެ ގުޅުމުގެ އިންތިހާ ފައިދާ ދިވެހިންނަށް ލިބުނު އަހަރަކަށެވެ. ކޮވިޑްގެ އަސަރުގެ ތެރެއިންވެސް ޖަޕާނުން ވަނީ ދިވެހިރާއްޖެއަށް އެހީގެ އަތެއް ދިއްކޮށްލައި، ޒަމާނުއްސުރެ ކަންއޮތް ބީދައިން ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ދައުރު އަދާކޮށްފައެވެ.

އެހެންކަމުން މި އަހަރު ނިމިގެންދާއިރު، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތަކަށް ބަލާލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

2020ވަނަ އަހަރުގެ ތެރޭގައި ޖަޕާނުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ސަލާމަތީ އަދި ދިފާއީ ދާއިރާއަށެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ އެކު، ދިވެހިރާއްޖޭގެ ސަލާމަތީ ދާއިރާ މިވަނީ އިތުރަށް ވަރުގަދަކުރަން ޖެހިފައެވެ. އެހެންކަމުން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިން މި އެހީތަކަކީ ވަރަށްވެސް ބޭނުންތެރި އެހީތަކެއްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ތެރޭގައި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ދިފާއީ އަދި ސަލާމަތީ ދާއިރާއަށް ފޯރުކޮށްދިން ހިލޭ އެހީތަކުގެ ތަފްސީލްތަކަކީ:

1) އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހަދިޔާކުރި 300 މިލިޔަން ޔެންގެ އަގުހުރި އޮއިލް ސްޕިލް ރެސްޕޮންސް އިކުއިޕްމެންޓް

2) ކައުންޓަރ ޓެރަރިޒަމް މޮނީޓަރިންގ ކެޕޭސިޓީ އިތުުރުކުރުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަދިޔާކުރި 500 މިލިޔަން ޔެންގެ އަގުހުރި އިކުއިޕްމެންޓްތައް

3) އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހަދިޔާކުރި 500 މިލިޔަން ޔެންގެ އަގުހުރި ފަޔަރ ބޯޓް އަދި ލޭންޑިންގ ބޯޓް

4) މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި އިމިގްރޭޝަނަށް ބޯޑަރ ކޮންޓްރޯލް އަދި ކައުންޓަރ ޓެރަރިޒަމް ހަރުދަނާކުރުމަށް ހަދިޔާކުރި 5000 މިލިޔަން ޔެންގެ އަގުހުރި އިކުއިޕްމެންޓްތައް

5) އެމްއެންޑީއެފްގެ ކޯސްޓްގާޑް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރުމަށް ޑިފެންސް މިނިސްޓްރީއަށް ހަދިޔާކުރާ 800 މިލިޔަން ޔެންގެ އަގުހުރި އިކުއިޕްމެންޓްތައް (މިކަމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވުނީ މިއަހަރުގެ ނޮވެމްބަރ މަހުގެ 22ވަނަ ދުވަހުގައި)


މިކަންކަމުގެ އިތުރުންވެސް މުހިންމު އެހެނިހެން ދާއިރާތަކުން ދިވެހިން ތަރައްގީކޮށް ކުރިއެރުވުމަށް ޖަޕާނު ސަރުކާރުން ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދިން 600 މިލިޔަން ޔެންގެ އިކުއިޕްމެންޓްތަކާ 128 މިލިޔަން ޔެންގެ އަގުހުރި ސްކޮލަރޝިޕްތައް ހިމެނެއެވެ.

މީގެ އިތުރުންވެސް އެގައުމުން ވަނީ ދިވެހިރާއްޖޭގެ އިގްތިސާދު މިހާރު އޮތް ވަޅުގަނޑުން ނެގުމަށްވެސް އެހީގެ މުހިންމު އަތެއް ދިއްކޮށްލާފައެވެ. އެގޮތުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން 5 މިލިޔަން ޔެން އަދި ޖީ20 ޑެޓް ސާރވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ދަރަނިތައް އަނބުރާ ދެއްކުން ފަސްކޮށްދިނުން ހިމެނެއެވެ.

2020ވަނަ އަހަރު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާ ޖަޕާނާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުން އާ ހަރުފަތަކަށް ގެންދެވުނު އަހަރަކަށެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް މިވަނީ އެތަކެއް މަންފާތަކެއް ލިބިފައެވެ. އުންމީދަކީ ހަމަ މިފަދައިން އަންނަ އަހަރުވެސް ދެގައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިވެ އާލާވެގެން ދިއުމެވެ. ދިވެހި ޚާރިޖިއްޔާ އަދި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ތިބީ އެކަން ކުރުމުގެ ފުރިހަމަ އަޒުމުގައިކަން ކަށަވަރެވެ.

Advertisement

ކޮމެންޓް

Advertisement