ލިވަޕޫލަށް ޕީއެސްޖީ ހިފަހައްޓާ ނުލެވުނުއިރު، ބާސާ އަދި ޓޮޓެންހަމް މޮޅުވެއްޖެ

29 Nov 2018 | 09:47

ރޭ ޔުއޭފާ ޗެންޕިއަންސް ލީގުގައި ކުޅުނު މެޗުގައި ޕީއެސްޖީ 2-1 ކުން ލިވަޕޫލް ބަލިކޮށްފިއެވެ.

ފީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ރަނގަޅަށް ފަށައިގަތީ ޕީއެސްޖީއިންނެވެ. އެގޮތުން 13 ވަނަ މިނެޓުގައި ބެނާޓް ޖަހައިދިން ލަނޑުން މެޗުގެ ކުރި ހޯދީވެސް ޕީއެސްޖީއެވެ. އެޓީމުގެ ލީޑް ފުޅާ ކޮށްދިނީ ނޭމާއެވެ.

ނޭމާގެ މި ލަނޑާއެކު އޭނާ ވެފައިވަނީ ޗެންޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ ތަރިއަށެވެ. މީގެ ކުރިން މި ރިކޯޑް އޮންނަނީ 30 ގޯލާއެކު ކަކާ އަތުގައެވެ. ނޭމާ 31 ގޯލް ޖަހާފައިވާ އިރު 19 އޭނާވަނީ ޗެންޕިއަންސް ލީގުގައި މިހާތަނަށް 19 އެސިސްޓްވެސް ހަދާފައެވެ.

ލިވަޕޫލް ކާމިޔާބު ކުރި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. ފުރަތަމަ ހާފުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޕެނަލްޓީ ކާމިޔާބުކޮށް ލިވަޕޫލްއަށް ހިތްވަރު އާ ކޮށްދިނީ މިލްނާއެވެ.

ނަމަވެސް ދެވަނަ ހާފް ފަށައިގެންވެސް ލިވަޕޫލަށް މެޗުގެ ތެރެއަށް ވަދެ އެޓީމް އާންމުގޮތެއްގައި ކުޅޭ ޑައިރެކްޓް އެޓޭކިން ގޭމެއް ނުކުޅެވުނެވެ. މިއާ ހިލާފަށް ޕީއެސްޖީ ދިޔައީ އިތުރު ލަނޑެއް ކާމިޔާބު ކުރުމަށް ފުރުސަތަކަށްފަހު ފުރުސަތެއް ތަނަވަސް ކުރަމުންނެވެ. ނަމަވެސް ޕީއެސްޖީ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު އެލިސަންއެވެ. ޕީއެސްޖީއިން ވަނީ އޮފްސައިޑް ލަނޑެއްވެސް ޖަހާފައެވެ.

މި ގުރޫޕުގައި ދެން ކުޅެވުނު ނަޕޯލީ އަދި ރެޑް ސްޓާ ބެލްގްރޭޑް މެޗު 3-1 ކުން ކާމިޔާބުކުރީ ނަޕޯލީއެވެ.

މި ނަތީޖާ ތަކަށްފަހު ގުރޫޕުގެ އެއްވަނައިގަ 9 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. 8 ޕޮއިންޓާއެކު ޕީއެސްޖީ ދެވަނައިގަ އޮތް އިރު ލިވަޕޫލް އޮތީ 6 ޕޮއިންޓާއެކު ތިންވަނައިގައެވެ.

މެސީ އަދި ޕީކޭ ޕީއެސްވީ ކޮޅަށް ޖަހައިދިން ލަނޑުތަކުން ބާސާ ގުރޫޕުގެ އެއްވަނަ ކަށަވަރު ކުރިއިރު މި ގުރޫޕުގައި ކުޅެވުނު އިންޓަ މިލާން އަދި ޓޮޓެންހަމް މެޗު 1-0 ކުން ކާމިޔާބުކުރީ ޓޮޓެންހަމްއެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެރިކްސަންއެވެ.

13 ޕޮއިންޓާއެކު ބާސެލޯނާ ގުރޫޕް ބީގެ އެއްވަނައިގަ އޮތް އިރު ޓޮޓެންހަމް އަދި އިންޓަ މިލާންއަށްވެސް ލިބިފަ އޮތީ 7 ޕޮއިންޓެވެ.

އެޓްލެޓިކޯ މެޑްރިޑް އަދި މޮނާކޯ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޓްލެޓިކޯ މެޑްރިޑެވެ.

2 ވަނަ މިނެޓުގައި ކޯކޭ ފޮނުވާލި ހަމަލާއެއް މޮނާކޯގެ ކުޅުންތެރިޔެއް ގައިގަ ޖެހިފަ ޑިފްލެކްޓްވި ބޯޅައަކުން އެޓްލެޓިކޯ މެޗުގެ ކުރި ހޯދިއިރު އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 24 ވަނަ މިނެޓުގައި ގްރިޒްމަންއެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް މޮނާކޯއަށް ތަނަވަސް ނުކުރެވުނުއިރު އެޓީމަށް މެޗުގައި ލިބުނު ޕެނަލްޓީވެސް ވީ ނާކާމިޔާބެވެ. ދެވަނަ ހާފުގެ ކުރީކޮޅު ރީނދޫ ކާޑެއް ދައްކާފައިވާ އެޓްލެޓިކޯގެ ޑިފެންޑަރު ސެވިޗް، އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ މަތަކުރުމަށް އަތް ބޭނުން ކުރުމުގެ ސަބަބުން އޭނާއަށް ރަތް ކާޑެއް ދައްކައި މޮނާކޯއަށް ދިން ޕެނަލްޓީ ފަލްކާއޯ ފޮނުވާލީ ބޭރަށެވެ.

މި ގުރޫޕުގައި ކުޅުނު ޑޯޓްމަންޑް އަދި ކްލަބް ބުރޫޖް މެޗު 0-0 ކުން ވީ އެއްވަރެވެ. މި ނަތީޖާތަކަށްފަހު އެޓްލެޓިކޯ އަދި ޑޯޓްމަންޑްވަނީ ޗެންޕިއަންސް ލީގުގެ ޖެހިގެން އޮތް ގަދަ 16 އަށް ދަތުރު ކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement