ޓްރަމްޕް މަގާމުން ދުރުކުރަން ގޮވާލާ އަޑުތައް ގަދަވަނީ

07 Jan 2021 | 12:02

އެމެރިކާގެ ގާނޫނު އަސާސީގެ 25ވަނަ އިސްލާހުގެ ބޭނުންކޮށްގެން އެގައުމުގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ދުރުކުރުމަށް ގޮވާލާ އަޑުތައް ގަދަވާން ފަށައިފިއެވެ.

މިއަޑުތައް ގަދަވާން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައި ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސް އަދި ސެނެޓް ހިންގާ ކެޕިޓޮލް ބިލްޑިންގއަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގުމުންނެވެ. ގިނަ ފަރާތްތަކުން ބުނަމުންދާ ގޮތުގައި މިފަރާތްތަކުން މިފަދަ އަމަލެއް ހިންގުމަށް ހިތްވަރު ލިބިފައިވަނީ ރިޔާސީ އިންތިޚާބު އޮަޅުވާލާފައިވާކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދިއުމާއި ގުޅިގެންނެވެ.

ކެޕިޓޮލްގައި ހިންގި ހަމަނުޖެހުންތައް ޓްރަމްޕް ސީދާގޮތެއްގައި ކުށްވެެރި ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެބޭފުޅާގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އެ ހަމަނުޖެހުންތައް ކުށްވެރިކުރައްވާ، އެތަނުގައި ތިބި ފަރާތްތައް އެތަން ދޫކޮށް ދާންޖެހޭކަމަށް ވިދާޅުވެފައެވެ. މި ހަމަނުޖެހުންތަކުގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ. އަދި މިތަނުން 54 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

އިންތިޚާބުގެ ނަތީޖާ ދޮގުކުރުމުގެ ކަންތައްތައް މިހާ ހިސާބަށް ގޮސްފައިވާއިރު، ބައެއް ފަރާތްތަކުން ދަނީ އެމެރިކާގެ ގާނޫނު އަސާސީގެ 25ވަނަ އިސްލާހުގެ ބޭނުންކޮށްގެން އެގައުމުގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ދުރުކުރުމަށް ގޮވާލަމުންނެވެ.

25ވަނަ އިސްލާހުގެ ކަންތައްތައް ހިނގާގޮތަށް ބަލާއިރު، އެކަމަށް އެންމެ ފުރަތަމަ ކަމަކީ ނައިބު ރައީސް ޕެންސްވެސް ޓްރަމްޕް މަގާމުން ދުރުކުރަން ފެންނަކަމަށް އެއްބަސްވާން ޖެހޭނެއެވެ. އެއަށްފަހު ޕެންސް އަދި ކެބިނެޓްގެ މެޖޯރިޓީއަށް ޓްރަމްޕް މަގާމުގައި ހުންނަން ނުފެންނަކަމަށް އެއްބަސްވެވިއްޖެނަމަ، ޓްރަމްޕް މަގާމުން ދުރުކުރުމުގެ ކަންކަން ފެށިގެންދާނެއެވެ. މިކަން ކުރުމަށް ކެބިނެޓްގެ ބައެއް މެންބަރުންގެ މެދުގައި މަޝްވަރާކުރެވިފައިވާކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކުރެވިފައެވެ.

ނަމަވެސް މި ހިސާބުންވެސް މިކަމަށް ދެކޮޅުހަދައި ކޮންގްރެސްއަށް ސިޓީއެއް ފޮނުވުމުގެ ފުރުސަތު ރައީސް ޓްރަމްޕްއަށް އޮންނާނެއެވެ. އޭރުން ހަތަރު ދުވަހުގެ މުހުލަތެއްގެ ތެރޭގައި ޕެންސް އަދި ކެބިނެޓްގެ އެހެން މެންބަރުން، ޓްރަމްޕް މަގާމުން ދުރުކުރަން ޖެހެނީ ކީއްވެތޯ ސާބިތުކޮށްދޭން ޖެހޭނެއެވެ. އެއަށްފަހު ކޮންގްރެސްގެ މެޖޯރިޓީން ވޯޓުދީފިނަމަ ޓްރަމްޕް މަގާމުން ދުރުކުރެވުނީއެވެ.

މީގެކުރިންވެސް އެމެރިކާގެ ގާނޫނު އަސާސީގެ 25ވަނަ އިސްލާހުގެ ބޭނުންކޮށްގެން އެގައުމުގެ ރައީސުން މަގާމުން ވަގުތީގޮތުން ދުރުކުރެވިފައިވެއެވެ. ޓްރަމްޕްގެ ދައުރުގައި ބާކީ އޮތީ އެންމެ ދެހަފްތާކަމުން، މި އިސްލާހުގެ ބޭނުންކޮށްފިނަމަ ރައީސްކަމާ ބައިޑެން ހަވާލުވަންދެން އެމަގާމުގައި ހުންނަވާނީ ޕެންސްއެވެ.

Advertisement

ކޮމެންޓް