ކުއްލި ނުރައްކަލުގެ ޙާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭގޮތަށް ޤާނޫނު އިސްލާޙްކުރަން ހުށަހަޅައިފި

07 Jan 2021 | 21:05

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިޢުލާން ކޮށްފައި އޮތްއިރުވެސް ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވޭގޮތަށް ޤާނޫނު އިސްލާޙްކުރުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހަށް މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.

މެންބަރު އަލީ ނިޔާޒު "ސަން" އަށް މިއަދު ވިދާޅުވީ އިސްލާހުތަކެއް ގެންނަން ހުށަހެޅުއްވީ ލޯކަލް ކައުސިލުތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް ކަމަށެވެ. އެ ގާނޫނަށް ގެންނަން ހުށަހަޅާ މައިގަނޑު އިސްލާހު ތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތް ނަމަވެސް އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހު ކުރުން ހިމެނެ އެވެ.

އަދި އިންތިޚާބު ބާއްވާ ޙާލަތުގައި އިންތިޚާބާ ގުޅިގެން ކުރަން ހުންނަ ކަންކަން ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުހުލަތުތައް ކުރުކުރުމަށްވެސް ހުށަހަޅުއްވާފައިވާނެ ކަމުގައި ނިޔާޒު ވިދާޅުވިއެވެ. އެގޮތުން ރަޖިސްޓަރީ ކުރުމާއި، ވޯޓުދޭ ފަރާތްތަކުގެ ލިސްޓު އިއުލާނުކުރުން ފަދަ ކަންކަމަށް ކަނޑައަޅާފައިވާ މުހުލަތުތައް ކުރުކުރަން ހުށަހެޅުއްވި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑއެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދޭ ގޮތަށް އިސްލާހުކުރަންވެސް ވަނީ ހުށަހަޅާފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލު އިންތިޚާބު މި އަހަރުގެ މާޗު މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް ފެބްރުއަރީ މަހާ ހަމައަށް ކުއްލި ނުރައްކަލުގެ ޙާލަތު ދަންމައިލުމުން، އެ ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement