Advertisement

ރައީސް ޔާމީންގެ މުދާ ދަޢުލަތަށް ނެގުމަށް އެދިއްޖެ

08 Jan 2021 | 12:00

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ކޯލިޝަންގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ނެގުމުގެ ދަޢުވާ ސާބިތުވެއްޖެނަމަ އެމަނިކުފާނުގެ އަތްޕުޅުގައި ހުރި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާއާއި މުދާ ނެގުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދިއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ރައީސް ޔާމީނުގެ ޝަރީޢަތުގައި އަޑުއެހުމުގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާ ދަޢުވާތައް އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު އުފުލުގެ ދަޢުވާ އުފުލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި އެމަނިކުފާނު ހުންނަވައި، އެމްއެމްޕީއާރުސީން ފަޅުރަށްތައް ކުއްޔަށް ދިނުމުގައި ނުފޫޒުފޯރުއްވާފައިވާ ކަމުގައެވެ.

މިއަދު ބޭއްވުނު އަޑުއެހުމުގައިވެސް ދައުލަތުން އެއްވެސް ލިޔެވކިޔުމެއް ދީފައިނުވާ ކަމަށް ވަކީލުންނާއި ޚުދު އެމަނިކުފާނުވެސް ވިދާޅުވެފައިވެއެވެ.އަދި އެ ލިޔެކިޔުންތައް ލިބެންދެން ދަޢުވާ އިއްވުން މަޑުޖައްސާލުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

ލިޔެކިޔުންތަކާއި ގުޅިގެން ދަޢުލަތުގެ ވަކީލް ވިދާޅުވީ، ޖިނާޢީ އިޖުރާތުގެ ޤާނޫނުގައި ދަޢުވާ ރައްދުވާ ފަރާތަށް ހިއްސާކުރުމަށް އޮންނަނީ ދެބާވަތެއްގެ ލިޔެކިޔުންތައް ކަމަށާއި، އެއީ ތަފްސީލުކޮށްދީފައިވާ ލިޔުމާއި، ދައުލަތުން ހުށަހަޅާ ހެކިންގެ މަޢުލޫމާތު ކަމަށެވެ.އެހެންކަމުން އެހުރިހާ މަޢުލޫމާތެއް ރައީސް ޔާމީނާއި ޙިއްސާކޮށްފައިވާނެ ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދަޢުވާ އިއްވާފައެވެ.އެދަޢުވާ އިއްވަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށްބެލެވޭ އެއްމިލިއަން ޑޮލަރާއި، އެމަނިކުފާނުގެ އާމްދަނީއާއި ނުބައްދަލު މުދާ ދަޢުލަތުން ނެންގެވުމަށް ދަޢުލަތުގެ އަމުރެއް ނެރެދިނުމަށެވެ.

Advertisement

ކޮމެންޓް