ADS BY PIZZA KITCHEN

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ: ތިމާވެށީގެ އިންޒާރުތަކަށް ބެލުމަށް ނެތި ހިންގި މަޝްރޫޢުއަކުން ގޯސް ނަތީޖާތަކެއް!

- 3 weeks ago 0 - އައިޝަތު އަހުމަދު

ދެހާސް މީހުންގެ އާބާދީ ހިމެނޭ ހުވަދު އަތޮޅު ދެކުނުބުރި މަޑަވެއްޔަކީ އެއަތޮޅު ރަށްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު އާބާދީ ހިމެނޭ އެއްރަށެވެ.ތަފާތު ބަހުރުވައަކުން ވާހަކަ ދައްކާ އެއަތޮޅުގެ މަޑަވެލީގެ ރަށްޔިތުން އާމްދަނީ ހޯދުމަށް ކުރަމުން ގެންދާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަމަކީ އެރަށުގެ ރައްޔިތުންނާ ރަށުގެ ތަރައްގީގެ މުހިންމު ހިއްސާއެކެވެ.

ކައިރި ކައިރީގައި އޮންނަ ދެރަށް ގުޅުވައިލުމުން އެދެރަށުގެ ރައްޔިތުންނަށްވެސް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެކަމީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. އެއީ ގިނަ ގައުމުތަކުން ޕްރޮމޯޓް، ކާމިޔާބުކަމާ އެކު ކޮށްފައިވާ ކަމެކެވެ. އެ ވިސްނުމުގެ ދަށުން މަޑަވެލި އަދި ހޯޑެއްދޫ ގުޅުވާލުމުގެ ގޮތުން މިހާރުވަނީ ކޯޒްވޭއެއް އަޅައި، އެއްރަށުން އަނެއް ރަށަށް ދެވޭނެހެން ގުޅުވާލާފައެވެ.

މަޑަވެލި ހޯޑެއްދޫ ކޯޒްވޭ އަކީ ނިމިދިޔަ ސަރުކާރުގައި އެތަނުގެ މަސައްކަތް ފަށާ އަދި މިހާރު އެއްކޮށް ނިންމާލެވިފައިވާ ތަނެކެވެ. މި މަސައްކަތް ނިންމުމަށް ޙަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް(އެމްޓީސީސީ) އާއެވެ.2016 ވަނަ އަހަރު މިތަން ހަދަން ފަށާފައިވާއިރު އެއްކޮށް ނިންމާ ކޯޒްވޭ ހުޅުވާފައިވަނީ 2018އަހަރުގެ ސެޕްޓެމްބަރު މަހުތެރޭގައެވެ.


މަޝްރޫއުއާ މެދު އަބަދުވެސް ކަންބޮޑުވުންތަކެއް އޮތް!

ފާހަގަކޮށްލެވޭ ގޮތުގައި މި ދެރަށަކީވެސް މޫސުން ބަދަލުވާއިރު އުދައިގެ އަސަރު ކުރާ ދެރަށެވެ. އެހެންކަމުން ދެރަށް ދޭތެރޭގައި އޮންނަ ލޮނުގަނޑަކީ ވަރަށް އޮއިބާރު ތަނަކަށްވެފައި ދެރަށް ގުޅުވާލުމަށްޓަކައި ކޯޒްވޭއެއް އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ގިނަ ބަޔަކު މި މަޝްރޫއުގެ ޚިޔާލު ފެށުނުތަނުންވެސް ދިޔައީ ބުނަމުންނެވެ. ސަބަބަކީ އޮއިބާރުވުމުގެ ސަބަބުން މިތަން ކަނޑައިގެން ދިއުމަކީވެސް ވެދާނެކަމެއް ކަމުގައި ވާތީއެވެ.

ކަން ވެގެންދިޔައީވެސް ހަމަ އެފަދައިންނެވެ. ކޯޒްވޭގެ މަސައްކަތް ނިންމައި ހުޅުވާލިފަހުން ބޮޑު ގެއްލުންތަކެއް އެތަނަށާއި ވަށައިގެންވާ މާހައުލަށް ލިބިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން 2018ވަނަ އަހަރު ހޯޑެއްދޫގެ ރައްޔިތުން އަމިއްލައަށް ނުކުމެ ކޯޒްވޭ ކަނޑާލިއެވެ.

މަޑަވެލި އަދި ހޯޑެއްދޫގެ ބައެއް ރައްޔިތުން ފާހަގަކުރާ ގޮތުގައި ކޯޒްވޭ ކަނޑާލަން ޖެހުމުގެ އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ އެއްވެސް ޕްލޭނެއްނެތި ކޯޒްވޭ ހެދުމުގެ ސަބަބުން ދެރަށަށްވެސް ބޮޑެތި ގެއްލުންތައް ލިބި، ދެރަށާއި އިންވެގެންހުރި ފަޅުރަށްތައް ގިރާ ބޮޑެތި ގެއްލުންތައް ލިބުމެވެ. މިކަމުގެ ސަބަބަކަށްވަނީ އޮއިބާރުވުމާއި އުދަ އެރުމުގެ ހާދިސާތައް ކުރިމަތިވުމެވެ. އަދި މީގެ އިތުރުން މަޑަވެއްޔަކީ އަބަދުވެސް އުދަ އެރުމުގެ ހާދިސާތައް ކުރިމަތިވާ ރަށެކެވެ. އެހެންކަމުން ކޯޒްވޭގެ ސަބަބުން ދެރަށަށްވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ.


ކޯޒްވޭގެ މައްސަލަ މަޖިލީހުގެ ކޮމެޓީން ދިރާސާކުރުން

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ހަދާފައިވާ ގޮތުން އެދެރަށަށް ލިބެމުންދާ ގެއްލުންތަކާއި، އުދައެރުމުގެ މައްސަލަ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓުގައި ބުނެފައިވަނީ ކޯޒްވޭގެ ސަބަބުން އެދެރަށަށް ލިބެމުންދާ ގެއްލުންތަކަކީ މަޝްރޫޢު ކުރިއަށް ގެންދިޔަ ފަރާތުގެ ބޮޑެތި އިހުމާލުތަކެއް އެކަމުގައި އެކުލެވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކެއްކަމަށެވެ.

އެރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، މަޝްރޫޢު ހިނގަމުންދިޔައިރު އެކަށީގެންވާ ޑިޒައިނެއް ނެތި އީއައިއޭ ރިޕޯޓަށް ބެލުމެއްނެތި މަޝްރޫޢު ކުރިއަށް ގޮސްފިނަމަ ހުޅަނގުމޫސުމުގައި ކޯޒްވޭއަށް އުދައެރުމުގެ ފުރުސަތު ބޮޑުވާނެކަމުގެ ޝަކުވާ ދެރަށުގެ މީހުންވެސް ކޮށްފައިވާ ކަމަށެވެ.

ދަޢުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި އެ ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާ މިނުގައި 7 މީޓަރު ހުންނަ ކޯޒްވޭ މިހާރުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ހޯޑެއްދޫ އަކީ ދަނޑުވެރިކަންކުރާ ރަށަކަށްވެފައި، އުދަ އެރުމުގެ ސަބަބުން ބައެއް ދަނޑުތައް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ދަނޑުތަކަށް ލިބޭކަން އެރަށުގެ ބައެއް ދަނޑުވެރިން ފާހަގަކުރެއެވެ.


ކޯޒްވޭ އަލުން ތަރައްގީކޮށްފާނެކަމުގެ ވާހަކަތަކެއް!

އެހެނަސް ޕްލޭނިންގ މިނިސްޓްރީގެ ވަފުދެއް ދާދިފަހުން ގދ.ހޯޑެއްދޫއަށް ކުރި ދަތުރެއްގައި ވިދާޅުވީ، މިދެރަށުގައި ހަދާ ކޯޒްވޭގެ މަސައްކަތް އަލުން ވަނީ ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފައެވެ. އެގޮތުން ކޯޒްވޭގެ ޑިޒައިން ނިމި އެމަސައްކަތަށްބޭނުންވާ ބަޖެޓުވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

"ވޮއިސް"އަށް މައުލޫމާތުދެއްޗަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ، މިހާރު އޮތް ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ 6.7ހެކްޓަރުގެ ބިން ހަލާކުވެފައިވާ ކަމަށެވެ. ވާރިޝް ވިދާޅުވީ، ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ހޯޑެއްދޫއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކޯޒްވޭ ނެގުމަށް ޕްލޭނިންގ މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

މިހާރު ކޯޒްވޭއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ޕްލޭނިންގ މިނިސްޓްރީއާއި އެންވަޔަރމެންޓް މިނިސްޓްރީއާއި ބައްދަލުކޮށްފައިވާ ކަމަށާއި، ކޯޒްވޭއަށާއި ދެރަށަށް ލިބޭ ގެއްލުން ފާހަގަކޮށް ޑީޓެއިލް ރިޕޯޓެއްވެސް މިނިސްޓްރީއަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށެވެ.

"އެންވަޔަރމެންޓް މިނިސްޓްރީއާއެކު ދާދި ފަހުން ބޭއްވި ޒޫމް މީޓިންގައިވެސް ކޯޒްވޭ އާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވާނީ ދައްކާފައި. އެތަންތަން ހިމާޔަތްކުރަންވެސް އަޅުގަނޑުމެން ވާނީ އެދިފައި"، އެބޭފުޅާ ވިދާޅުވިއެވެ.

ވާރިޝް ވިދާޅުވީ، މިހާރު އޮތް ކޯޒްވޭ ނެގުމަށްފަހު އާ ކޯޒްވޭއެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަސައްކަތް ފެއްޓޭނެ ތާރީޚެއް ނޭނގޭ ކަމަށް ވާރިޝް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާންގެ ބަހެއް ހޯދުމަށް މި ނޫހުން އެކި ދުވަހުގެ މަތިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން މިމަސައްކަތް ކުރުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ދެރަށުގެ ރައްޔިތުންނަށްވެސް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގޮތުން އެއްރަށުން އަނެއްރަށަށް ދެވޭނޭ މަގުފަހި ކުރުމުގެ ގޮތުންނެވެ. އަދި އެއްފަސް ކުރުމުން އާންމު ރައްޔިތުންނަށް ލިބޭ ލުއިފަސޭހަތައްވެސް މިކަމުގެ ސަބަބުން ލިބިގެންދާނެކަން ޔަގީނެވެ.

އެހެނަސް، މި މަޝްރޫއު ހިންގިއިރު ބަލަންވާ މިންވަރަށް ނުބެލުމުގެ ހިތި ނަތީޖާއަކީ ދައުލަތުގެ ބަޖެޓުން އެތަކެއް ފައިސާއެއް ބޭކާރުވުމެވެ. ދެރަށާއި، ވަށައިގެންވާ މާހައުލަށް ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. ތަރައްގީގެ ނަމުގައި ކަންކަން ކުރާއިރު، ވަށައިގެންވާ ވެއްޓަށް ބަލަންޖެހެއެވެ. ނުވަތަ މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ މަޝްރޫއު ފަދަ އެތަކެއް ކަމެއް އަދިވެސް ތަކުރާރުވުން ދުރެއް ނޫނެވެ! 

0%

100%

0%

ADS BY COCA COLA
0 ކޮމެންޓް

ހަބަރު