ހަޤީޤީ ހާދިސާ: ހިތި 10

09 Jan 2021 | 12:11

އިލާން ވަރަށް ގިނަ އިރު ވަންދެން އެގޮތަށް ބައްދާލައިގެން އިނެވެ. ނަމަވެސް އަހަރެންނަށް އޭނާގެ ގައިގައި ބައްދާލާކަށް ނުކެރުނެވެ. އެއަށްވުރެ ބޮޑަށް އަހަރެން އިނީ ހާސްވެފައެވެ. ހަދާނެ ގޮތެއް ނޭންގިފައެވެ. އިލާން އެހެން އިދެފައި އަހަރެންގެ ގައިން މަޑުމަޑުން އަތް ދޫކޮށްލިއެވެ. އަދި ދޫކޮށްލި ދެއަތުން އަހަރެންގެ މޫނުގައި ހިފައި އޭނާގެ މޫނާއި ގާތްކޮށްލަން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން ދުރަށް ޖެހުނީމެވެ. "ތީ ކޮން ކަމެއް؟." އަހަރެން ބެންޗުން ތެދުވީމެވެ. އިލާން އަނެއްކާވެސް އަހަރެންގެ އަތުގައި ހިފިއެވެ. އަދި އޭނާ ގާތު އިށީނުމަށް ބުންޏެވެ. "ޝަމްހާ ހިތްހަމަނުޖެހުނީތަ؟." އިލާން އަހަރެންނާއި ސުވާލުކުރިއެވެ. "ނޫން އެހެނެއް ނޫން. އެކަމަކު އިލާން ތިގޮތަށް އަހަރެން ގާތްކޮށްގެން ގެންގުޅުމުގެ މާނައެއް ނޭންގޭތީ މައްސަލައަކީ." އަހަރެން އިލާން އާއި ދިމާލަށް ބަލައިލީމެވެ.

އެހިނދު އިލާން އަހަރެންގެ ފަލަގަސްގަޑު މަތީ މަޑުމަޑުން ފިރުމާލުމަށްފަހު ފިއްތާލިއެވެ. އަހަރެން ވަގުތުން އޭނާގެ އަތް ފޮޅާލުމަށްފަހުގައި އެތަނުން ތެދުވީމެވެ. " ތިދެނީކީ ރަނގަޅު ސިގްނަލެއް ނޫން. އަހަރެން މީ މޮޔައެއް ނޫން." އެ ފަހަރު ހަގީގަތުގައި ވެސް އަހަރެން ހިތްހަމަ ނުޖެހުނެވެ. "ކޮބާތަ މައްސަލައަކީ؟. އަހަރެންގެ ލޯބި ޝަމްހާއަށް ލިބެން ނެތްތާ މިގޮތް ވެސް އޯކޭ އެއް ނޫންތަ؟. ޝަމްހާ ހީކުރީ އަހަރެން ޝަމްހާއާއި ބައްދަލުކުރަން އެއްބަސްވީ ހިތާވާތީ ކަމަށްތަ؟. ޝަމްހާ އާއި ދޭތެރެއަކުން ނަމަވެސް ވާހަކަދައްކަނީ ހަމަ އެންމެ ސަބަބަކާއި ހުރެ. އެއީ ޝަމްހާތީ އަހަރެންގެ ޑިސަޔާއެއް. ޝަމްހާ ހުންނަލެއް ފައްކާ ކަމުން. ތިއީ އަހަރެންގެ ފެންޓަސީއެއް." އިލާންގެ އެ ބަސްތައް އިވިފައި އަހަރެން ގަނޑުވިއެވެ.

"ހުއްޓާލާ އިލާން. ދެން ހެޔޮ. ވާ ވަރު ވެއްޖެ. މިހާރު އެނގިއްޖެ އަހަރެން އިލާންއާއި އެއްހާސް ފަހަރު ބައްދަލުވިއަސް ކަންތައްތައް ވާނީ ކިހިނެއްކަން." އަހަރެންނަށް އެވަގުތު އެތައް އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. އެ ހިނދުކޮޅަކު މިއަދުވެސް އިއްޔެ މެންދުރުވީ ކަމެއް ފަދައިން ހަނދާނުގައި ހުރެއެވެ. އަހަރެން ބާބާކިއު ސަރަހައްދާއި ދިމާލަށް ހިނގައިގަތީމެވެ. އިލާން ވަކި ހިސާބަކަށް އަހަރެން ފަހަތުން އައެވެ. އަހަރެން މަޑުކުރޭތޯ ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އަހަރެން އެދުވަހު އެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ. ބާބަކިއު އޭރިއާއަށް ދިޔައިރު، އެންމެން ތިބީ ކާން ތައްޔާރުވެގެންނެވެ. "ހާދަ ވަރަކަށް ގުޅައިފީމޭ." އަހަރެންގެ ކްލާސްމޭޓް އީސަ އަހަރެން ފެނުމާއެކު ބުންޏެވެ. "އާ.. މިއައީ މިކޮޅުގަ އުޅޭ ދައްތައެއްގެ ގެއަށް ގޮސްލާފަ." އޭރު އަހަރެން ހުރީ އެއްކޮށް މޫޑު ގެއްލިފައެވެ.

އަހަރެން ހުރި ގޮތް ފެނިފައި އިބާނާ އަހަރެންނަށް މެސެޖެއް ކުރިއެވެ. އެންމެންގެ ތެރޭގައި އެއްވެސް ސުވާލެއް ނުކުރެވޭނެތީއެވެ. އަހަރެން ފަހުން ކިޔައިދޭނެ ކަމަށް ބުނެ، އެތަނުން އަވަހަށް ދާން ބޭނުންވާ ވާހަކަ ބުނީމެވެ. ވަރަށް އަވަސް ގޮތަކަށް ކައި ނިންމާލުމަށްފަހުގައި މަންމަގެ ފޯނު ކޯލެއް އައި ކަމަށް ހަދާފައި ދާން އެދުނީމެވެ. އެހިނދު އިބާނާ އާއި ޖަޒްލާވެސް އަހަރެންނާއެކު ދާން ނިންމިއެވެ. އެމީހުން އެތަނުގައި އިރުކޮޅެއް ވަންދެން މަޑުކުރުމަށް އެދުނެވެ. ނަމަވެސް އަހަރެންގެ މަންމަ ގުޅުމުން އިތުރަށް މަޑުކުރަން އުނދަގޫވާނެ ކަމަށް ބުނީމެވެ. އަހަރެމެން ތިން މީހުން އެ ހިސާބުން ޓެކްސީއެއް ނަގައިގެން ފެރީ ޓާމިނަލަށް ދިޔައީމެވެ. ޓާމިނަލާއި ހަމައަށް ދެވެންދެން، އިބާނާ އާއި ޖަޒްލާވެސް އަހަރެންނާއި އެއްވެސް ސުވާލެއް ނުކުރެއެވެ.

ފެރީއަށް އެރުމާއެކު، އިބާނާ އަހަރެންނާއި ސުވާލުކުރަން ފެށިއެވެ. އަހަރެން ދެމީހުންނަށްވެސް ކަންތައްތައް ވެގެން ދިޔަ ގޮތް ކިޔައިދިނީމެވެ. އެރޭ އެ ދެމީހުން އަހަރެންނަށް ވަރަށް ނަސޭހަތް ދިނެވެ. ހަ އަހަރު އެންމެ މީހަކަށްޓަކައި ކުރި އިންތިޒާރު، ކަފުން ކުރަންޖެހޭ ވަގުތު އައިކަން އިހުސާސްވާން ފެށީ އެ ހިސާބުންނެވެ. ތެދެކެވެ. އެއީ އުމުރު ދުވަހުވެސް ހަނދާނުން ފިލުވާލެވޭނެ ހަ އަހަރެއް ނޫނެވެ. ކުރިއަށް އޮތް ތަނުގައިވެސް އިލާން މަތިން ހަނދާން ނުނެތިއްޖެ ނަމަ، އިތުރު އަހަރުތަކެއް ބޭކާރުވެގެން ދާނެކަން ޔަގީނެވެ. އިލާންއަށް އިންތިޒާރުކުރުމުގައި ގަޑީގެ ކަށިތަކަށް ބަލަހައްޓައިގެން އިންއިރު، އިލާންގެ އަސްލު މަގުސަދު އަހަރެންނަށް ރެއަކާވެސް ނުލައެވެ.

އަހަރެން އެރޭ ވަރަށް ރުއީމެވެ. އިލާންގެ ހިތުގައި އަހަރެންނާއި މެދު ލޯބި ނެތްތަނުގައި ރަހުމެއްވެސް ނެތްކަން އެނގުމުންނެވެ. ލޯބިނުވިއަސް އަހަރެން މިވާ ލޯތްބައް އިހުތިރާމް ކުރުމުގައި ގޯހެއް އެބަ އޮތްހެއްޔެވެ؟. އަހަރެންގެ ލޯތްބައް އިހުތިރާމް ނުކުރެވުނު ހާލު، އިލާންގެ ވިސްނުން ހުރީ އަހަރެންގެ ފަރާތުން ފައިދާ ނަގަންށެވެ. ދުނިޔޭގައި އެހާ އަމިއްލަ އެދުން ބޮޑު މީހުންވެސް އުޅޭ ހެއްޔެވެ؟. މިއީ ކޮންކަހަލަ އިންސާނުންނެއް ދިރިއުޅޭ ތަނެއް ހެއްޔެވެ؟. އިންސާނުންގެ ސިފައިގައި ތިބި ނަމަވެސް މިއީ އެވަރުގެ ބަޔަކު އުޅޭ ތަނެއް ނޫނެވެ. އަހަރެން އިތުރަށް ހިތްދަތިވެގެން ރުއީމެވެ. އަހަރެންގެ ނޭފަތް ބެދި، ކަރުގައި ރިއްސާ އަދި ބޮލުގައި ރިހެންދެން އަހަރެން ރުއީމެވެ. ބޮލުގެ ރިހުން ގަދަވެގެން ގޮސް އެ ވޭނުގައި އޮވެ ނިދުނު އިރުވެސް އަހަރެންނަކަށް ނޭންގުނެވެ.

ޖެހިގެން އައި ދުވަހު ހޭލިއިރު މޫނު މަތީ ހުރީ ކުޑަކޮށް ފުއްޕާލާފައެވެ. މާ ގަދައަށް ރުއިމުގެ ސަބަބުން ދެލޯ ހުރީ ދުޅަވެފައެވެ. އަހަރެން މޫނު ދޮއެގެން ފަތިސް ނަމާދުކޮށްލައިގެން، ސިޓިން ރޫމަށް ނިކުން އިރު މަންމަ އިނީ ސޯފާގައި ދުއާތަކެއް ކިޔާށެވެ. މަންމައަށް އަހަރެންގެ މޫނު ފެނިދާނެތީ ކޮފީ ތައްޓެއް ހަދައިގެން އަވަސް އަވަހަށް ބެލްކަންޏަށް ނިކުތީމެވެ. އަހަރެންނަށް އޭރުވެސް ވިސްނެމުން ދިޔައީ ރޭގައި ހިނގާދިޔަ ކަންތައްތަކާއި މެދުގައެވެ. މި ހިޔާލުތަކުގައި ހުއްޓާ މަންމަ އައިސް އަހަރެން ގާތު ހުއްޓުނެވެ. "ކިހިނެއްވީ މިތާ ތިހުރީ. ނަމާދުކޮށްގެން ނުނިދާ ދުވަހެއްތަ؟." މަންމަ ސުވާލުކުރިއެވެ. "އާ، އެހާ ނިންޖެއް ނާދެ. އެހެންވެ ހިތަށް އެރީ ނުނިދާނަމޭ."އަހަރެން ވީ އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކަމެވެ.

އަހަރެން މަންމައާއެކު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް ބަދިގޭގައި ހަރަކާތްތެރިވީމެވެ. އެ ހިޔާލުތަކާއި ދުރަށް ދެވޭތޯއެވެ. ކޮލެޖަށް ދެވެންދެން އެދުވަހު އަހަރެން ގޭތެރޭގައި އުޅުނީ ކޮންމެވެސް މަސައްކަތެއްގައެވެ. އަހަރެން އިލާން އާއި ވާހަކަ ދެއްކުން ހުއްޓާލީމެވެ. އަދި ކިޔެވުމަށް ވަރަށް ބޮޑަށް ފޯކަސް ކުރީމެވެ. ދުވަސްތައް މިގޮތުގައި ހޭދަވަމުން ގޮސް ފުރަތަމަ ސެމިސްޓާގެ އިމްތިހާނު ބޯމަތިވިއެވެ. ގިނަ މާއްދާތައް ފަރިތަކުރީ ގްރޫޕް ސްޓަޑީސް ހަދައިގެންނެވެ. އެއީ ދަސްކުރަން ފަސޭހައަކަށެވެ. އެންމެންވެސް އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެހީތެރިވިއެވެ. އިމްތިހާނުގެ ދުވަހު އަހަރެން ކުޑަކޮށް މޭބޮޑުވިއެވެ. ފާސްނުވެދާނެތީ ކަންބޮޑުވިއެވެ. އެއީ މިފަހަރު އަހަރެން އެއްވެސް ހާލެއްގައި ދަށް ނަތީޖާއެއް މަންމަމެންނަށް ދައްކަން ބޭނުން ނުވާތީއެވެ.

އަހަރެންގެ ހިތަށް ކިރިޔާވެސް ފިނިކަމެއް ލިބުނީ ޓެސްޓު ޕޭޕަރ ފެނުނީމައެވެ. ޓެސްޓު ޕޭޕަރު ވަރަށް ފަސޭހައެވެ. ކަނޑައެޅިފައިވާ ވަގުތުގެ މާކުރިއާލާ އަހަރެން އެދުވަހު ޕޭޕަރު ހަދާ ނިންމާލީމެވެ. ދެން ހުރި ހުރިހާ މާއްދާއެއްގެ އިމްތިހާނުވެސް ވަރަށް ފަސޭހަ ކަމާއެކު ނިންމާލީމެވެ. ޖުމްލަ ހަތަރު މާއްދާގެ އިމްތިހާނު ނިންމާލެވުމާއެކު، އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ނަތީޖާ ލިބޭނެ ދުވަހަކަށެވެ. ނަތީޖާ ލިބުމަށް ހަފްތާއެއް ނަގާނެ ކަމަށް ފެކަލްޓީއިން ބުންޏެވެ. ގޭގައި އެންމެވެސް އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ނަތީޖާ ލިބޭނެ ދުވަހަކަށެވެ. އެ ހަފްތާ އަކީ ކޮލެޖު ބަންދު ހަފްތާއެއްކަމުން އަހަރެން ގިނަ ވަގުތު ހޭދަ ކުރީ ގޭގައެވެ. ނަމަވެސް މަދުމަދުން އިބާނާ އާއި ފަޒްލާއާއެކު ބޭރަށް ގޮސް އުޅެމެވެ. ނޫނީ އާއިލާގެ ކޮންމެވެސް ބަޔަކާ އެކުގައެވެ.

ހަފްތާއެއް ފަހުން ނަތީޖާ ލިބުމާއެކު، އަހަރެން އުފަލުން ފޮޅުނެވެ. ތިން ޑިސްޓިންޝަނާއި އެއް ހައި ޑިސްޓިންޝަން ލިބުނެވެ. އަހަރެންގެ ބުރަ މަސައްކަތުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. އަހަރެންގެ ނަތީޖާއާއި މެދު އެންމެ އުފާކުރި ބަޔަކީ އަހަރެންގެ މަންމަ އާއި ބައްޕައެވެ. އަދި ކޯހުގެ ކުރިއަށް އޮތް ދުވަސްތަކުގައި އެގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރުދިނެވެ. އެ ނަތީޖާއާއެކު އަހަރެންގެ އުއްމީދުތައްވެސް އާވިއެވެ. އަހަރެން މާލެ އައި ހަގީގީ މަގުސަދު އަނެއްކާވެސް އަހަރެންނަށް އިހުސާސްކޮށްދިނެވެ.

ދެވަނަ ސެމިސްޓާގެ ވެސް ކިޔެވުން ފެށުނީ އައު އަޒުމަކާއެކުގައެވެ. އެއީ ދުވަސްތަކަކަށްފަހު އަހަރެންގެ ދިރިއުޅުމުގައި ވަރަށް ހިތްހަމަޖެހިގެން އުޅެމުން އައި ދުވަސްތަކެކެވެ. ރައްޓެހިންގެ ލަފާގެ މަތިން އިލާން މަތިން އުމުރު ދުވަހަށް ހަނދާން ނައްތާލަން މަސައްކަތް ކުރީމެވެ. މި މަސައްކަތުގެ ތެރޭގައި ފޭސްބުކުން އަހަރެންނާއި މީހަކާއި ދިމާވިއެވެ. އެއީ އަހަރެންނަށްވުރެ އުމުރުން ދޮށީ މީހެކެވެ. ނަމަވެސް އޭނާގެ ފޮޓޯތައް ބަލާލާފައި އޭނައާއި އަހަރެންނާއި ދެމެދު ވިހި އަހަރުގެ ތަފާތު ހުންނާނޭ އެކަކުވެސް ނުބުނާނެއެވެ. ނާޒިމްގެ ވާހަކަތަކުން އޭނާ އަހަރެންނާއި ކޮންމެވެސް ވަރަކަށް ގަޔާވާކަން އެނގެއެވެ. އަހަރެންގެ ފަރާތުން އެއްވެސް ސިގްނަލެއް ނުދެމެވެ. މިގޮތުގައި ހުއްޓާ ނާޒިމް އަހަރެން ގާތު ކޮފީ އަކަށް ދާން އެދުނެވެ. އޭނާ އަހަރެންނާއި ބައްދަލުކުރަން އެދޭ ކޮންމެ ފަހަރަކު އަހަރެން ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އެކަން ހިންދާލަނީއެވެ. ނަމަވެސް އެއީ އޭނާ އެންމެ ފަހު ފަހަރު އަހަރެން ގާތު ބައްދަލުވުމަށް އެދޭނެ ފަހަރު ކަމުގައި އޭނާ ބުނަމުން ދިޔައެވެ. އިލާންގެ ސަބަބުން އަހަރެން ހުރީ ފިރިހެނުން މަތިން ފޫހިވެފައެވެ. އަހަރެން ނާޒިމް އާއި ބައްދަލުކުރަންވީ ހެއްޔެވެ؟. އަނެއްކާ އޭނާވެސް މަސައްކަތްކުރާނީ އަހަރެންގެ ގައިގައި އަތްލަން ހެއްޔެވެ؟.


Advertisement

ކޮމެންޓް

Advertisement