ޓްވިޓަރއިން ޓްރަމްޕް ދާއިމީކޮށް ސަސްޕެންޑްކޮށްފި

09 Jan 2021 | 14:11

ޓްވިޓަރއިން ދާއިމީކޮށް ސަސްޕެންޑްކުރެވުނު ދުނިޔޭގެ ފުރަތަމަ ލީޑަރަކަށް އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ވެެއްޖެއެވެ.

ޓްވިޓަރއިން ބުނިގޮތުގައި ޓްރަމްޕްގެ އެކައުންޓުން އެންމެ ފަހުން ކޮށްފައިވާ ޓްވީޓްތަކަކާއި އޭގެ މައުޟޫއުއަށް ބެލުމަށްފަހު އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ބިރު އޮތުމުން، އެ އެކައުންޓް ދާއިމީކޮށް ސަސްޕެންޑްކުރުމަށް ނިންމާފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ބުދަ ދުވަހު އެމެރިކާގެ ކެޕިޓޮލްގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު، ޓްވިޓަރއިން ވަނީ 12 ގަޑިއިރަށް ޓްރަމްޕްގެ އެކައުންޓް ލޮކްކޮށްފައެވެ.

އެފަހަރު ވަނީ އިތުރަށް ޓްވިޓަރގެ އުސޫލުތަކާ ޚިލާފްވެއްޖެނަމަ ޓްރަމްޕްގެ އެކައުންޓް ދާއިމީކޮށް ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސް އަދި ސެނެޓް ހިންގާ ކެޕިޓޮލް ބިލްޑިންގއަށް ގަދަކަމުން ވަދެގަނެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ. ގިނަ ފަރާތްތަކުން ބުނަމުންދާ ގޮތުގައި މިފަރާތްތަކުން މިފަދަ އަމަލެއް ހިންގުމަށް ހިތްވަރު ލިބިފައިވަނީ ރިޔާސީ އިންތިޚާބު އޮަޅުވާލާފައިވާކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދިއުމާއި ގުޅިގެންނެވެ. މި ހަމަނުޖެހުންތަކުގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ. އަދި މިތަނުން 54 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

ޓްވިޓަރގެ އިތުރުން ފޭސްބުކްއިންވެސް ވަނީ ޓްރަމްޕް އެ ނެޓްވޯކުން ދާއިމީކޮށް ބޭރުކުރަން ނިންމާފައެވެ. ބައެއް ފަރާތްތަކުން ދަނީ މި ނިންމުންތައް އެފަރާތްތަކުން ނިންމާފައިވަނީ މާ ލަހުންކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ފޮޓޯ: މާކެޓްވޮޗް

Advertisement

ކޮމެންޓް