Advertisement

ދެގައުމެއްގެ މެދުގައިވާ މައްސަލަތަކުގައި ބަސްބުނުމަކީ ރާއްޖޭގެ ސިޔާސަތެއް ނޫން: ރައީސް ޞާލިހް

10 Jan 2021 | 21:17

މިނިވަން ދެގައުމެއްގެ މެދުގައިވާ މައްސަލަތަކުގައި ބަސްބުނުމަކީ ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އީމެއިލް މެދުވެރިކޮށް، އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މި ބަސްދީގަތުމުގައި އެ ނޫހުން ވަނީ ޕާކިސްތާނާ އިންޑިއާއާއި ދެމެދުގައި ނުތަނަވަސްކަން އުފެދިފައި އޮއްވާ ސާކްފަދަ ޖަމްއިއްޔާއެއް މެދުވެރިކޮށް އިންޑިއާ ކަނޑުގައި ގުޅިގެން މަސައްކަތްކުރެވެން އޮތީ ކިހާ މިންވަރަކަށްތޯ އެމަނިކުފާނު ދެކިލައްވާތޯ ސުވާލުކޮށްފައެވެ.

މި ސުވާލުގެ ޖަވާބުގައި ރައީސް ޞާލިހް ވިދާޅުވީ ސަރަހައްދީ މައްސަލަތައް ހައްލުކުރެވެން ވާނީ އެކުވެރިކަމާ އެކު، ހުރިހާ ފަރާތްތަކަށްވެސް ރަނގަޅުވާނެފަދަ ގޮތަކަށް ކަމަށެވެ. އެމަނިކުފާނު ވަނީ މިނިވަން ދެގައުމެއްގެ މެދުގައިވާ މައްސަލަތަކަށް ބަސްބުނުމަކީ ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށް ވިދާޅުވެ، އެފަދަ މައްސަލަތައް ހައްލުކުރެވޭނީ މަލްޓިލޭޓަރަލް އަދި ސަރަހައްދީ ގުޅުންތަކުގެ މެކޭނިޒަމްތައް ހަރުދަނާކޮށްގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާކަމަށް ފާހަގަކުރައްވާފައެވެ.

އިންޑިއާ އަދި ޕާކިސްތާނުގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ނުތަނަވަސްކަން، 2019ވަނަ އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ސަބަބަކީ އެ ދެގައުމުންވެސް ފުރިހަމަ މިލްކުވެރިކަމަށް ދައުވާކުރާ ޖައްމޫ ކަޝްމީރު ސަރަހައްދަށް އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއިން ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމުންނެވެ.

މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން އޭރު ބުނީ އިންޑިޔާގެ ގާނޫނުއަސާސީން ކަޝްމީރަށް ދީފައިވާ ޚާއްސަ ރައްކާތެރިކަން އުވާލުމަކީ އެގައުމުގެ ދާޚިލީ ކަމެއްކަމަށެވެ. އަދި ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އަދި ޕާކިސްތާނުން މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަންޖެހޭކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް