Advertisement

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ކިޔާ ބިނާކުރަނިވި ފާޑުކިޔުންތައް ބަލައިގަންނަން: ރައީސް

10 Jan 2021 | 20:22

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ކިޔާ ބިނާކުރަނިވި ފާޑުކިޔުންތައް މި ސަރުކާރުން ބަލައިގަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ހިންދޫ"އަށް އީމެއިލް މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސް ޞާލިހް ވިދާޅުވީ އެކަހެރިވެފައިވާ ޚާރިޖީ ސިޔާސަތަކުން ދުރުވެ އަވައްޓެރިންނާ އެކު ގުޅިގެން މަސައްކަތް ކުރުމުން ގައުމީ ސަލާމަތްތެރިކަން ހަރުދަނާވެ، މިނިވަން ގައުމެއްގެ ގޮތުގައި ލިބޭ ގަދަރުވެރިކަން އިތުރުވެގެން ދާނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު އަވައްޓެރިޔާ އަދި އެންމެ ގާތް އެއް ބައިނަލްއަގްވާމީ ބައިވެރިޔާ ކަމަށްވާ އިންޑިޔާއާ އެކު އޮތް ގާތް ގުޅުމަކީ ގޯސް ކަމެއް ނޫންކަމަށް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށާއި ސަރުކާރު ހިންގުމުގެ އެހެނިހެން ބައިތަކަށް ކިޔާ ބިނާކުރަނިވި ފާޑުކިޔުންތައް މި ސަރުކާރުން ބަލައިގަންނަކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ މިފަދަ ކާރިސާއެއްގެ ވަގުތުގައި ދިވެހިރާއްޖޭގެ ބައިނަލްއަގްވާމީ ގުޅުންތައް ވަރަށް މުހިންމު ކަމަށެވެ.

އަދި ދިވެހިރާއްޖެއަށް ފައިދާކުރަނިވި ގުޅުންތަކަށް ސިޔާސީ މަންފާ ހާސިލްކުރަން ގެއްލުން ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ގެންގުޅެމުންދާ ޚާރިޖީ ސިޔާސަތަކީ އިންޑިއާއަށް މާބޮޑަށް ބަރޯސާވެ، ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަން ގެއްލޭނެފަދަ ސިޔާސަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ ޚާރިޖީ ސިޔާސަތުގައި އިސްކަންދެނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހަ މަސަލަސްކަން ދަމަހައްޓައި، ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement