"ގަރލްސް ޓު ކޯޑް- ތިނަދޫ" ޕްރޮގްރާމް ފަށައިފި

11 Jan 2021 | 19:53

އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގަރލްސްޓުކޯޑު - ތިނަދޫ" 10 ޖެނުއަރީ 2021 ގައި ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ވަނީ އިއްޔެ ހަވީރު ވަރޗުއަލް އިވެންޓެއް މެދުވެރިކޮށް ބާއްވާފައިއެވެ. މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސް ގެ އިތުރުން މި ޕްރޮގުރާމްގެ ބައިވެރިން ބައިވެރިވިއެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް މަރުހަބާ ދަންނަވަމުން ދިރާގު ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވިދާޅުވީ މި ޕްރޮގްރާމަށް ދިރާގުން އެއްބާރުލުން ދޭން ނިންމި އެންމެ މުހިންމު ސަބަބަކީ، ދިރާގުގެ ސީއެސް އާރ ޕްރޮގްރާމްގައި އަންހެނުން ބާރުވެރިކުރުމަކީ ވަކިން ހާއްޞަ އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއަކަށް ވާތީކަމަށެވެ. އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި ގަރލްސް ޓު ކޯޑް ފުވައްމުލައް އަދި ޖެންގޯ ގަރލްސް މާލެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުނުކަމީ މި މަސައްކަތް އިތުރަށް ކުރިޔަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އާތިފާ ސިފަކުރެއްވިއެވެ.

މި ޕްރޮގްރާމް ތިނަދޫގައި ބޭއްވުމަށް ތިނަދޫއިން ލިބުނު ތަރުޙީބު އަދި އެކި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ވިމެން އިންޓެކް މޯލްޑިވްސް އިން ޝުކުރުދެންނެވިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ނިއުމާ ފާއިޒް ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ކުދިން ވެސް އިސްކަންދޭންވީ ޕްރޮގްރާމްގައި ދެމިތިބެ ޕްރޮގްރާމް ނިންމުމަށްކަމަށާއި އަދި މި ޕްރޮގްރާމުގެ ތެރެއިން 21 ވަނަ ގަރުނުގެ އެންމެ މުހިންމު ހުނަރު ދަސްކުރުމަކީ އަމާޒު ކަމުގައި ހިފުމަށް ކަމަށެވެ.

އޮންލައިންކޮށް ގެންދެވޭ މިޕްރޮގްރާމް ކުރިއަށް ދާނީ 2 މަސް ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާނެ ގޮތުގެ އިތުރު މައުލޫމާތު އިއްޔެގެ ހަފުލާގައި ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ހިއްސާކޮށްފައިއެވެ. މި ޕްރޮގްރާމްގައި ކުދިންނަށް އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެއެވެ.

މިޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓް އާއި ގުޅޭ ގޮތުން މައުލޫމާތު ޙިއްސާކުރުމަށް މެންޓަރސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ބައިވެރިވާނެއެވެ.

Advertisement

ކޮމެންޓް