ހަގީގީ ހާދިސާ: ހިތި 11

16 Jan 2021 | 13:56

އެކި ގޮތްގޮތަށް ވިސްނުމަށްފަހު އަހަރެން ނިންމީ ނާޒިމް އާއެކު ކޮފީއަކަށް ދިއުމަށެވެ. އޭނާގެ ހުރި ވަރެއްވެސް ބަލާލަން ބޭނުންވާތީއެވެ. އަހަރެންނާއި ނާޒިމް ފުރަތަމަ ފަހަރަށް ބައްދަލުވީ ކުރީގެ ވެސްޓް ޕާކުންނެވެ. އަހަރެން މަޑު ހިނގުމެއްގައި ރެސްޓޯރެންޓުގެ ދެ އަރިމައްޗަށް ބަލަމުން ކުރިއަށް ހިނގާފައި ދަނިކޮށް ކަނާތް ފަރާތުން މީހަކު އަތް ހިއްލާލިތަން ފެނުނެވެ. ރަނގަޅަށް ބަލާލިއިރު އެއީ ނާޒިމްއެވެ. ނާޒިމް އަހަރެން ފެނުމާއެކު އިށީންދެ އިން ގޮނޑިން ކޮޅަށް ތެދުވިއެވެ. ހީވީ އިއްޒަތްތެރިއަކާއި ބައްދަލުކުރަން އުޅުނު ހެންނެވެ. އޭނާ އަކީ އިސްކޮޅުން ދިގުކޮށް ހިކިކޮށް ހުރި މީހެކެވެ. ހަމުގެ ކުލަ މާބޮޑަށް އަލި ނޫނަސް ރީތި މީހެކެވެ. "ޝަމް ދޯ؟." އަހަރެން ގޮސް އޭނާ އިން މޭޒު ކައިރިއަށް ހުއްޓުމުން ސަލާންކުރަން އަތް ދިއްކޮށްލިއެވެ.

"އާ މީ ޝަމް އަކީ." އަހަރެން އޭނާއާއި ސަލާންކުރަމުން ގޮނޑީގައި އިށީނީމެވެ. އަހަރެން ގޮނޑީގައި އިށީނީއްސުރެ ނާޒިމް އިނީ އަހަރެންނާއި ދިމާލަށް ކަޅި ޖަހާ ނުލާ ބަލަހައްޓައިގެންނެވެ. "ނުފެންނަ އެއްޗެއް ފެންނަނީތަ؟." އަހަރެން ސަމާސާ ރާގަކަށް އޭނާ ގާތު އަހާލީމެވެ. "ހިހި. ނޫން. ޝަމްހާ ހަމަލޮލަށް ރީތިކަމުން. މި ބުނީ ދެން ފޮޓޯއިން ހަޑިއެކޭ ނޫން އިނގޭ. މިހެން ފެންނަ އިރު މާ ފުރިހަމަ." ނާޒިމްގެ އެ ބަސްތަކުން އަހަރެން ކުޑަކޮށް ލަދުގަތެވެ. ނަމަވެސް އަހަރެންނަކީ މީހަކު އަދި އެހެން ބުނެލާ ބަހަކުން ނުވަތަ ބަސްތަކަކުން ހިތަށް އަސަރުކުރާ ކަހަލަ މީހެއް ނޫނެވެ. "މިހާރު ކައިރީގައި ފެންނަން އިނީމަ ބުނާނެ ތިހެން. ތިއީ އާ ކަމެއް ނޫން." އަހަރެންނަކީ ގިނަ ފަހަރު މީހުންނާއި ވަރަށް ސީދާކޮށް ތިލަކޮށް ވާހަކަދައްކާ މީހެކެވެ.

ދެމީހުން ބޯން އިން ކޮފީ ތަށި ހުސްވިއިރުވެސް ނޭންގުނެވެ. ދެމީހުންގެ ދެމެދުގައި އެތައް ވާހަކައެއް ދެކެވި އެތަކެއް މަޝްވަރާއެއް ކުރެވުނެވެ. ބޮޑަށް ދެކެވުނީ އަހަރެންގެ ކުރިމަގާއި ގުޅޭގޮތުންނާއި، އަހަރެން އެހާ ގިނަ ދުވަހު ސިންގަލްކޮށް ހުންނާތީ އެ ވާހަކައެވެ. އަހަރެން ނާޒިމްއަށް ސީދާގޮތުންނާއި ނުސީދާގޮތުން އެކި ކަހަލަ ރައްދު ދިނީމެވެ. ބައެއް ފަހަރު އޭނާ ކުރާ ސުވާލުތަކަށް އޭނާ ހައިރާންވާ އަދި އަނގަ ބަންދުވާފަދަ ޖަވާބުވެސް ދެމެވެ. މިގޮތުގައި ދެ ގަޑިއިރެއް ހާއިރު ހޭދަވެގެން ދިއުމާއެކު، އަހަރެން އެތަނުން ދިއުމުގެ ހުއްދައަށް އެދުނީމެވެ. އަހަރެން އެތަނުން ނިކުމެގެން އައީ ކުރިއަށް އޮތް ތަނުގައި ބައްދަލުވާން އެއްބަސްވެފައެވެ. އެއީ ނާޒިމްގެ އެދުމުގެ މަތިންނެވެ.

އަހަރެންގެ ކިޔެވުން މެކުހަށް ޖަހާފައި ހުރިއިރު، ނާޒިމް އާއި އަހަރެންނާއި ދެމެދު އޮތް ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ގާތް ވަމުންނެވެ. ފުރަތަމަ ފަހަރަށް މީހަކު އަހަރެންނާއި މެދު ވިސްނާ ފިކުރު ކުރާ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ފުރަތަމަ ފަހަރަށް މީހަކު އަހަރެންނާއި ވަރަށް ގަޔާވާހެން ހީވިއެވެ. އަހަރެންގެ އިހުސާސްތައް ދުލުން ބަޔާން ނުކޮށްދިނަސް އަޑު އަހާހެން ހީވިއެވެ. އަހަރެންނަށް ނާޒިމް ގާތު ކޮންމެ ކަހަލަ ވާހަކައެއް ދައްކަން ޖެހުނަސް ޖެހިލުމެއް ނުވެއެވެ. އޭނާ ގާތު ހޭދަވެގެންދާ ވަގުތުތައް ކިތަންމެ ގިނަ ނަމަވެސް، އެ ވަގުތުތައް ވެސް މަދުވާހެން ހީވާން ފެށިއެވެ. އަހަރެމެން އަބަދުވެސް ބައްދަލުކުރަނީ ބޭރު ތެރެއިންނެވެ. ނަމަވެސް ވީކެންޑަކާއި ދިމާކޮށް ނާޒިމް އެއްރޭ އެދުނީ، އޭނާ ދިރިއުޅޭ އެޕާޓްމަންޓުން އޭނާއާއި ބައްދަލުކުރުމަށެވެ. އަހަރެން ނާޒިމްއަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރި ނަމަވެސް، ހަތަރު ފާރުން ބެދިފައި ހުރި ތާކަށް ގޮސް ވަންނަން ޖެހުމާއި އެކު އަހަރެން ހިތް އަވަސްވާން ފެށިއެވެ.

އަހަރެން ހުރި ގޮތް ފެނިފައި، އަހަރެން ހުރީ ބިރުގަނެފައިކަން އޭނާއަށް އިހުސާސްވިއެވެ. އަހަރެން އެގެއަށް ދިޔަގޮތަށް ހުރީ އެގޭގެ ޓެރަސްގައެވެ. އެތަނުގައި އެކި ކަހަލަ މާ ގަސްތައް ހައްދާފައި ހުއްޓެވެ. އިރުކޮޅެއް ނުވެ ނާޒިމް އައިސް އަހަރެންނާއި ފުދޭވަރަކަށް ކައިރީގައި ހުއްޓުނެވެ. "ޝަމް ތިހުރީ ވަރަށް ޖެހިލުންވެފައިދޯ؟." ނާޒިމް އަހަރެންނާއި ސުވާލުކުރިއެވެ. "ނޫން. އެހެނެއް ނޫން. ދުވަހަކުވެސް ނުކުރާ ކަމެއްވީމަ ތަންކޮޅެއް." އަހަރެންނަށް ޖަވާބު ދެވުނީ މިވަރަށެވެ. ނާޒިމް އަހަރެންގެ އަތުގައި މަޑުމަޑުން ހިފިއެވެ. "އަހަރެން ޝަމް ގާތު ގެއަށް އަންނަން ބުނީ ގޯސް ނިޔަތެއްގައެއް ނޫން. އަހަރެންނަށް އެނގޭ އަހަރެންނާއި ޝަމްއާއި ދެމެދު އުމުރުގެ ވަރަށް ބޮޑު ފަރަގެއް އެބައޮތްކަން. އެކަމަކުވެސް އަހަރެންނަށް ޝަމްގެ ހުރިހާ ކަމެއް ވަރަށް ވަރަށް ކަމުދޭ. ޔޫއާ ސޯ މެޗުއާޑް އެންޑް ލަވްލީ."ނާޒިމް އަހަރެންގެ އަތުގައި ހިފައި ތަދުނުވާނެ ވަރަށް ބާރުކޮށްލިއެވެ.

އަހަރެންނަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ފިރިހެނެއްގެ ފަރާތުން އެފަދަ ބަސްތައް އަޑުއިވުމުން ލިބުނު ހިތްހަމަ ޖެހުމެއްގެ ސަބަބުންނެވެ. އެއީ މަދުން ނޫނީ ނީވޭ ތައުރީފެކެވެ. ގިނަ ފަހަރު ކޮންމެ މީހަކު ވެސް ހާމަކުރަނީ އެމީހެއްގެ އަމިއްލަ އެދުމެވެ. ކޮންމެ މީހަކު ވެސް މަސައްކަތް ކުރަނީ އަހަރެންގެ ހަށިގަނޑު އެމީހުންގެ މުށުތެރެއަށްލައި ބޭނުން ގޮތެއް ހަދާލާށެވެ. ނަމަވެސް ނާޒިމް އަހަރެންނަށް އިހުސާސްކޮށްދިނީ މުޅިން ތަފާތު އެއްޗެކެވެ. އޭނާ އަހަރެން ގައިގައި ބީހުމުގެ ކުރިން އޭނާގެ ހިތުގެ ހާލު އަހަރެންނަށް ކިޔައިދިނެވެ. އަހަރެންނަށް އެތައް ޒަމާނެއް ފަހުން މީހަކާއި ވަރަށް ގަޔާވެވުނެވެ.

އަހަރެން އެކަމާއި އުފާކުރީމެވެ. ނާޒިމްގެ ފަރާތުން އަހަރެންނަށް ލިބެމުން ދިޔަ އޯގާތެރިކަމާއި އަޅާލުމުން އަހަރެންގެ ހިތް ފުރުނެވެ. އަހަރެމެންގެ ބައްދަލުވުންތައް މަޑުމަޑުން ގިނަވާން ފެށިއެވެ. ކޮލެޖު ނިމިގެން،

ގިނަ ވަގުތު ނާޒިމްއާއެކު ހޭދަވާން ފެށިއެވެ. ގިނަ ފަހަރު ބައްދަލުކުރަނީ އޭނާގެ ގެއިންނެވެ. އެ ގެއަކީ ނާޒިމް ފިޔަވާ އިތުރު މީހެއް އުޅޭ ގެއެއް ނޫނެވެ. ދިގު މުއްދަތަކަށް ޗުއްޓީއަށް އަންނަނަމަ ނާޒިމް އަބަދުވެސް ހުންނަނީ އެގޭގައެވެ. އެއީ ދެ ރޫމްގެ ތަނެކެވެ. އެތަނުގައި އޭނާ ދިރިނޫޅުނަސް އެތަން އޭނާ އަބަދުވެސް ހުންނަނީ ކުއްޔަށް ނަގާފައެވެ. މިގޮތުގައި މަސްތަކެއް ހޭދަވެގެން ދިޔަތަނާ އަހަރެން ކޯހުގެ ދެވަނަ ސެމިސްޓާގެ ޓެސްޓު ބޯމަތިވިއެވެ. އެހިސާބުން ނާޒިމްވެސް އެދުނީ ކިޔެވުމަށް ގިނަ ވަގުތު ހުސްކުރުމަށެވެ. އަހަރެންވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކި ކިޔެވުމަށް ގިނަ ވަގުތު ހުސްކުރީމެވެ. އަދި ދެމީހުންގެ ބައްދަލުވުންތައް މަދުކުރީމެވެ. އަހަރެން ބޭރަށް ދިއުން ތަންކޮޅެއް މަދުވުމާއެކު މަންމަ އަހަރެންނާއި ސުވާލުކުރަން ފެށިއެވެ. އަހަރެން އަދި މަންމަގެ ގާތު ނާޒިމްގެ ވާހަކަ ހިއްސާކުރަން ބޭނުން ނުވާތީ، ބޭރަށް ނުދަނީ ޓެސްޓު ދުވަސްކޮޅު ކައިރިވެފައިވާތީ ކަމަށް ބުނީމެވެ.

ދެވަނަ ސެމިސްޓާގެ އިމްތިހާނުގެ ނަތީޖާވެސް ވަރަށް ކާމިޔާބެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި އައި ވަރަށް އުފާވެރި ދުވަސްތަކެކެވެ. އަހަރެން ހޯދު ނަތީޖާ އާއި މެދު ނާޒިމްވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭނާ އެކަން ފާހަގަކުރުމުގެ ގޮތުން އެ ގޭގައި ކޭކެއް ފެޅިއެވެ. އަހަރެން ހުރީ އުފަލުން ފޮޅިފައެވެ. "ޝަމް." ކޭކު ފަޅައި ނިމިގެން ސޯފާގައި ޓީވީ ބަލަން އިންދާ ނާޒިމް އަހަރެންނަށް ގޮވާލިއެވެ. "ކީކޭ؟." އަހަރެން ޓީވީގެ އަޑު މަޑުކޮށްލުމަށްފަހުގައި ބަދިގެ ތެރޭގައި ހުރި ނާޒިމް އާއި ދިމާލަށް ބަލާލީމެވެ. "ހިނގާބަލަ ރޫމަށް. އެއްޗެއް ދައްކާލަން ވެގެން." އެއީ އޭނާގެ ރޫމަށް ދިއުމަށް ދައުވަތު ދިން ފުރަތަމަ ފަހަރެވެ. އަހަރެން ނާޒިމްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނީމެވެ.

ކޮޓަރިއަށް ވަނުމާއެކު އޭނާ އަހަރެން ޑްރެސިން ޓޭބަލުގެ ލޯގަނޑު ކުރިމައްޗަށް ގެންދިޔައެވެ. "ޝަމް އަހަރެންނާއި އިންނާނަންތަ؟." ނާޒިމް އަހަރެން ގައިގައި ފަހަތުން ބައްދާލަމުން ކުރި ސުވާލާއެކު އަހަރެންނަށް ހުރެވުނީ ދޭނެ ޖަވާބެއް ނޭންގިފައެވެ. "ނާޒިމް އާޔޫ ސީރިއަސް؟." އަހަރެންނަށް ޔަގީން ނުކުރެވިގެން އަހާލީމެވެ. "ޔެސް ޝަމް. ޝަމް ކިޔަވާ ނިމޭހާ އަވަހަކަށް އަހަރެން ބޭނުން ޝަމް އާއި މެރީކުރަން. ޝަމް އަހަރެންގެ މީހަކަށް ހަދަން." އެހިނދު ނާޒިމް އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އަހަރެންނަށް އުފަލުން ރޮވުނެވެ. އަހަރެންދެކެ މީހަކު އެހާ ލޯބިވީ އެއީ ފުރަތަމަ ފަހަރެވެ.

އެރޭ ނާޒިމް އަހަރެންގެ ގައިން ދޫވެސް ނުކުރެއެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ބައްދާލައިގެން ތިބީމެވެ. އަދި އެކަކު އަނެކަކަށް ބޮސް ދިނީވެސް އެހާ ލޯބިންނެވެ. ނަމަވެސް އަހަރެން ގެއަށް ވަންނަން ޖެހޭ ވަގުތު ކައިރިވުމުން ގެއަށް ދާން އެދުނީމެވެ. "އަދި މަޑުކޮށްލަބަލަ." ނާޒިމް އިހުނަށްވުރެ އަހަރެން އޭނާއާއި ގާތްކޮށްލިއެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން އެއަށްވުރެ ގާތްވާން ބޭނުންވާ ކަމުގެ އިހުސާސެއް އަހަރެންނަށް ކުރެވުނެވެ. އަހަރެން ވަގުތުން ދުރަށް ޖެހުނީމެވެ. "އަހަރެން އިތުރަށް ގާތްވާން ބޭނުމީ މެރީ ކޮށްގެން. ނާޒިމް އަށް ވަރަށް ރަނގަޅަށް އެނގޭނެ ކަންނޭންގެ އަހަރެންނަކީ ކޮންކަހަލަ ކުއްޖެއްކަން." އަހަރެން އެނދުމަތިން ތެދުވަމުން ވާހަކަ ދެއްކީމެވެ. ނާޒިމް ހިނިތުންވެލިއެވެ.

ނަމަވެސް އެ ހިނިތުންވުމުގައި ވަނީ ނުރުހުން ކަމެއް ރެއަކާ ނުލި މީހަކީ އަހަރެންނެވެ. ނާޒިމްގެ ހަގީގީ މަގުސަދަކީ ކޮބައިކަން ދެނެގަންނަން ނޭންގުނު އިންސާނަކީވެސް ހުދު އަހަރެންނެވެ. އަހަރެން ހުރީ ކައިވެންޏެއް ކުރެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް އެ އުއްމީދުތައް ފުޑުފުޑުވެ ވިއްސިވިހާލިވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

Advertisement

ކޮމެންޓް