ސިމްބޮލިކްއިން މިފަަހަރު ބޯންދިން "ކޯވަރު" ވަރަށް ތަފާތު!

16 Jan 2021 | 12:14

ދިވެހިރާއްޖޭގައި ރެޕްގެ ފަންނޭ ބުނެފިނަމަ އެންމެ ފުރަތަމަވެސް ގިނަބައެއްގެ ހަނދާނަށް އަންނާނީ ރަތާއި ކަޅުގެ ލަޝްކަރުގެ ގަދަ އިސް ފަހުލަވާނުންނެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ހިޕްހޮޕް އަދި ރެޕް ރެކޯޑް ލޭބަލްކަމަށްވާ ސިމްބޮލިކް ރެކޯޑްސްގެ ހުނަރުވެރި ފަންނާނުންނެވެ. ސިމްބްލިކްގެ އުފެއްދުންތައް ދިވެހިރާއްޖޭގެ ގިނަބަޔަކު ދަންނައިރު، އެއީ ވަކިން ޚާއްސަގޮތެއްގައި ޒުވާނުންގެ މެދުގައި މަގުބޫލު ލަވަތަކެކެވެ.

ހިނގަމުން މިދާ 2021ގެ ވާހަކަ ސިމްބޮލިކް ރެކޯޑްސްއިން ފެށީ ވަރަށްވެސް ތަފާތު ގޮތަކަށެވެ. ދިވެހި ރެޕްގެ ރަސްގެފާނު ޕެސްޓް އަދި މަޝްހޫރު ރެޕް އާޓިސްޓް ރައިޑޭގެ ތޫނު ބަސްތަކެއް ހިމެނޭ "ކޯވަރެއް"ލަވައިންނެވެ. އެ ލަވައިގެ ކަޑީގައި ބުނެލާ ޚާއްސަ ބަހެއް އޮވެއެވެ. "އަދި ހިތްބަލި ވެގެން ނުވެ ރޯ ވަރެއް، މި އަދި ބޯންދެނީ ކޯރެއްގެ ކޯވަރެއް"، މިފަދައިންނެވެ.

މި ކޯރެއްގެ ކޯވަރަކީ ކޮބައިކަން ސިމްބޮލިކް ރެކޯޑްސްއިން އޮތީ ނުބުނެ ހިފަހައްޓާލާފައެވެ. ޖެނުއަރީ މަހުގެ 15ވަނަ ދުވަހުގައި ބައިސްކޯޕް އެޕްއިން އެކަން އެނގިގެންދާނެކަމަށް ބުނަމުންނެވެ.

އެ ދުވަސް އިއްޔެ އައުމުން ވަނީ އެ ސިއްރު ހާމަވެފައެވެ. ރޭ ބޭއްވި ކުޑަ ހަފްލާއެއްގައި ވަނީ ސިމްބޮލިކް ރެކޯޑްސްގެ އާ އަލްބަމް "ކޯވަރެއް" ނެރެފައެވެ. ބައިސްކޯފްގެ ސްޓޫޑިއޯގައި އޮތް މި ރަސްމިއްޔާތުގައި މި އަލްބަމް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ.

ކޯވަރެއް އަލްބަމަކީ ދިވެހިރާއްޖޭގައި މިހާތަނަށް ލަވަ އަލްބަމެއްގައި އެންމެ ގިނަ ލަވަ ހިމަނައިގެން ނެރުނު އަލްބަމްކަމަށް ސިމްބޮލިކް ރެކޯޑްސްއިން ވަނީ ބުނެފައެވެ. އެގޮތުން މި އަލްބަމްގައި ޖުމްލަ 20 ލަވަ ހިމެނެއެވެ. މި އަލްބަމްގެ ލަވަތައް ކިޔާފައި ފަންނާނުންނަކީ ޕެސްޓް، މާޓު، ރައިޑޭ، ޓޯއި، އެޑިލް، ޖަހުލު، ލިމިޓްސް، ބޭ، ޒިޔާ އަދި ޝިފޫއެވެ.

މި އަލްބަމްގެ ލަވަތައް އަހަން ބޭނުންވާ ފަރާތްތަކަށް ބައިސްކޯފް އެޕް މެދުވެރިކޮށް އެ ލަވަތައް ސްޓްރީމްކުރެވޭނެއެވެ.

Advertisement

ކޮމެންޓް

Advertisement