މާލޭ އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވައިފި

17 Jan 2021 | 06:15

މާލޭ އެކުވެނި ސިންތެޓިކް ދުވާ ޓްރެކް ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި މިތަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މިއީ އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫއު ތަކުގެ ތެރެއިން 2021 ވަނަ އަހަރު ތެރޭގައި މަސައްކަތް ނިމި، އިފްތިތާހުކުރެވޭ ފުރަތަމަ މަޝްރޫއުއެވެ. އަދި ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވުނު 8 ވަނަ މަޝްރޫއުއެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް އަދި ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގަތުމާއިއެކު ލިމިޓެޑް އޯވާ ކްރިކެޓް މެޗެއް ކުޅެވުނެވެ.

އަދި ރިލޭ ރޭހަކާއި، ހާއްސަ އެހީއަށް ބޭނުންވާކުދިންގެ ހަރަކާތްތަކެއްވެސް ފެނިގެންދިޔައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވުނު އެކުވެނި ދުވާ ޓްރެކް އަދި ކްރިކެޓް ގްރައުންޑް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ ވަނީ ސެޕްޓެމްބަރ 2020 ގައެވެ. އަދި ނޮވެމްބަރ 09، 2020 ގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ މަހްލޫފް އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާއެވެ.

އެކުވެނި މަޝްރޫއުއަކީ އިންޑިއާގެ ގްރާންޓް އެހީގެ 200 މިލިއަން ރުފިޔާ (13 މިލިއަން ޑޮލަރު) ގެ ދަށުން ދިވެހިރާއްޖޭގައި ހިންގަމުންދާ 30 ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް މަޝްރޫއުތަކުގެ (އެޗް.އައި.ސީ.ޑީ.ޕީ) ތެރެއިގައި ހިމެނޭ މަޝްރޫއުއެކެވެ. 

Advertisement

ކޮމެންޓް